ޕްރެޒިޑެންޓްސް ކަޕުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުގައި ހަސަން ނަޒީމް ގާސިމް (ޗޯޓު) ހެދި ހެޓްރިކާއެކު ކުލަބު ގްރީން ސްޓްރީޓްސްއިން ފަސޭހަކަމާއެކު ޓީސީ ސްޕޯޓްސް ކުލަބު ބަލިކޮށްފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުން ގްރީން މޮޅުވީ ޓީސީ އަތުން 5-1 ގެ ނަތީޖާއަކުންނެވެ.
މި މެޗު ފަށައިގެން ގްރީންއިން ޓީސީގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފެއްދިއިރު، މެޗުގެ 22 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޗޯޓުއެވެ. އޭގެ ފަހުން މެޗުގެ 27 ޗަނަ މިނެޓުގައި ގްރީންގެ އަންޞަރު އިބްރާހީމް (އަންކޮ) އަށް ވަނީ ލީޑު ފުޅާކޮށްދޭން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެކަމަކު އޭގެ 10 މިނެޓު ފަހުން ގްރީންއިން ލީޑު ފުޅާކުރިއިރު، އަންކޮގެ އެހީތެރިކަމާއެކު މި ލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ ޗޯޓުއެވެ.
މި މެޗުގެ ދެވަނަ ހާފުގައި ޓީސީން ކުރިއަށް ޖެހި ގްރީންގެ ހާފަށް ބާރުބޮޑު ކުރިއިރު، މި ހާފު ފަށައިގެން ނުވަވަނަ މިނެޓުގައި ޓީސީގެ ދާނިޝް އިބްރާހީމަށް ވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އަދި އޭގެ ތިން މިނެޓު ފަހުންވެސް ދާނިޝްއަށް ވަނީ އޭރިއާ ތެރެއިން ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެކަމަކު ތިންވަނަ ފަހަރު ލިބުނު ފުރުސަތުގެ ބޭނުން ހިފައި ދާނިޝް ވަނީ ޓީސީއަށް ފަރަގު ކުޑަކޮށްދީފައެވެ.
މި މެޗުގައި ގްރީންއިން އަލުން ލީޑު ފުޅާކޮށްފައިވަނީ މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށެވެ. މި ލަނޑަކީ ޓީސީގެ ހަސަން އީނާޒް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި މެޗުހެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ޗޯޓު ވަނީ ލަނޑު ޖަހައި، އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. ދެން މި މެޗުގައި ގްރީންއިން ޖެހި ފަސްވަނަ ލަނޑު އިތުރު ވަގުތުގެ ފަހު މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ އަންކޮއެވެ.
މި ނަތީޖާއާއެކު ލީގު ބުރުގެ ތިންވަނައިގައި އޮތް ގްރީންއަށް ވަނީ ކުޅުނު ފަސް މެޗުން 12 ޕޮއިންޓް ލިބިފައިވެއެވެ. އެއްވަނައިގައި އޮތް ވެލެންސިއާއަށް ފަސް މެޗުން 15 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އޮތީ އެއް މެޗު މަދުން ކުޅެ ލިބުނު 12 ޕޮއިންޓާއެކުގައެވެ.