ކ. މާލެ
|
8 ޖެނުއަރީ 2022 | ހޮނިހިރު 23:16
އިންޑިއާގެ އެއަރޕޯޓެއް
އިންޑިއާގެ އެއަރޕޯޓެއް
ރޮއިޓަރސް
އިންޑިއާގައި ކޮވިޑް-19ގެ ހާލަތު ގޯސްވުން
އިންޑިއާއަށް ދަތުރުކުރުމަށްފަހު 7 ދުވަހު ކަރަންޓީންވާންޖެހޭގޮތަށް ފިޔަވަޅުތައް ވަރުގަދަކޮށްފި
 
މި ދަނޑިވަޅުގައި ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކުރޭ
 
އެގައުމަށް ދަތުރުކުރުމަށްފަހު ބޭރަށް ނިކުމެވޭނީ ނެގެޓިވް ޕީސީއާރަކާއެކު
 
އިންޑިއާއަށް ދަތުރުކުރުމުގެ ކުރިން ނެގެޓިވް ޕީސީއާރު ޓެސްޓެއް ހުށަހަޅަންޖެހޭ

ކޮވިޑް-19ގެ އޮމިކްރޮން ވޭރިއަންޓް މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، އިންޑިއާ ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، މިމަހުގެ 11 ވަނަ ދުވަހުގެ އިންޑިއާ ގަޑިން 00:01އިން ފެށިގެން އެ ގައުމަށް ދަތުރުކުރާ ފަރާތްތައް 7 ދުވަހުގެ މުއްދަތަށް ގޭގައި ކަރަންޓީނުވާންޖެހޭ ގޮތަށް ނިންމައިފިއެވެ.

މިގޮތަށް ހަމަޖެއްސުމުގެ އިތުރަށް އެ ގައުމަށް ދަތުރުކުރާ ފަރާތްތައް ދަތުރުކުރުމުގެ ކުރިން 72 ގަޑިއިރުގެ ތެރޭގައި ހައްދާފައިވާ ކޮވިޑް-19 ޕީސީއާރު ނެގެޓިވް ޓެސްޓް ނަތީޖާ ހުށައަޅައި، ވޭތުވެދިޔަ 14 ދުވަހުގެ ތެރޭގައި ކޮށްފައިވާ ދަތުރުތަކުގެ މައުލޫމާތު ހިމަނައި ހުށަހަޅާ މައުލޫމާތުގެ ސައްހަކަމަށާއި، ކޮވިޑާ ގުޅިގެން އެ ގައުމުގެ ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކުން އަޅާ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލު ކުރުމަށް އިގުރާރުވެ، އެކަމަށް ތައްޔާރުކޮށްފައިވާ "އެއަރ ސުވިދާ" ޕޯޓަލަށް ސެލްފް ޑެކްލަރޭޝަން ފޯމެއް ހުށަހަޅަންޖެހޭ ގޮތަށްވެސް ވަނީ ހަމަޖައްސާފައެވެ.

7 ދުވަހުގެ ކަރަންޓީނަށްފަހު 8 ވަނަ ދުވަހު ހައްދާ ކޮވިޑް-19 ޓެސްޓުގެ ނަތީޖާ ނެގެޓިވް ވުމުން ގެއިން ނުކުމެވުނަސް، އިތުރު 7 ދުވަސް ވަންދެން އެމީހެއްގެ ސިއްހަތު އަމިއްލައަށް މޮނިޓަރ ކުރަމުން ދާންޖެހެއެވެ. މި ޓެސްޓުގެ ނަތީޖާ "އެއަރ ސުވިދާ" ޕޯޓަލްއަށް އަޕްލޯޑު ކުރަންޖެހެއެވެ. މީގެ އިތުރުން، ކޮންމެ ފްލައިޓަކުން ދަތުރުކުރާ ފަސިންޖަރުންގެ ތެރެއިން %2 މީހުން ރެންޑަމްކޮށް އެއަރޕޯޓުގައި ޓެސްޓްކުރާ ގޮތަށްވެސް އެ ގައުމުގެ ސަރުކާރުން ވަނީ ނިންމާފައެވެ.

އެހެންނަމަވެސް، އެކުގައި ދަތުރުކުރާ 5 އަހަރުން ދަށުގެ ކުދިން އޮން އެރައިވަލް އަދި ގޭގެ ކަރަންޓީން މުއްދަތަށްފަހު 8 ވަނަ ދުވަހުގެ ޓެސްޓު ހައްދާކަށް ނުޖެހެއެވެ. ނަމަވެސް އެ ގައުމަށް އެތެރެވާއިރު، ނުވަތަ ގޭގައި ކަރަންޓީންގައި ހުންނަ މުއްދަތުގައި ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ޓެސްޓު ހައްދައި، ކޮވިޑް-19އަށް ޕޮޒިޓިވްވާ ފަރާތްތައް އަމަލުކުރުމަށް އެކުލަވާލާފައިވާ އުސޫލުތަކާ އެއްގޮތަށް އެކަހެރިވެ ފަރުވާ ހޯދަންޖެހެއެވެ.

އެހެންކަމުން ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ އިންޑިއާގައި ދިރިއުޅޭ އަދި އިންޑިއާއަށް ދިވެހިރާއްޖެއިން ދަތުރުކުރަން ގަސްދުކުރާ ފަރާތްތައް މިކަމަށް ސަމާލުވުމަށް އެދިފައެވެ. އަދި މި ފިޔަވަޅުތަކަށް ބަދަލުއައުން އެކަށީގެންވާތީ، ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރުމަށްވެސް ވަނީ އެދިފައެވެ.

މި ދަނޑިވަޅުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އިންޑިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާއި އެކިބޭނުންތަކަށް އިންޑިއާއަށް ދަތުރުކުރާ ދިވެހި ރައްޔިތުން އެގައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް އަމަލުކުރުމަށް ސަމާލުވުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
8%
42%
17%
8%
8%
17%
ކޮމެންޓް