ކ. މާލެ
|
8 ޖެނުއަރީ 2022 | ހޮނިހިރު 18:37
ރާއްޖެއާ ޗައިނާއާ ދެމެދު 5 އެއްބަސްވުމެއްގައި ސޮއިކުރުން
ރާއްޖެއާ ޗައިނާއާ ދެމެދު 5 އެއްބަސްވުމެއްގައި ސޮއިކުރުން
ފޮރިން މިނިސްޓްރީ
ޗައިނާއާ ރާއްޖެއާ ދެމެދު ވެވުނު އެއްބަސްވުންތައް
ރާއްޖެއާ ޗައިނާއާއި ދެމެދު 5 އެއްބަސްވުމެއްގައި ސޮއިކޮށްފި
 
ބްރިޖްގެ މަރާމާތުގެ މަސައްކަތްތައް ބެލެހެއްޓުން ޗައިނާއާ ވަނީ ހަވާލުކޮށްފައި
 
ސިއްހީ ދާއިރާއިން ދެގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމަށް އެއްބަސްވެފައިވޭ
 
މީގެ ތެރޭގައި ވިސާ ނެގުމަކާ ނުލައި ދަތުރުކުރުމުގެ އިންތިޒާމު ހަމަޖެހޭނެ އެއްބަސްވުމެއް ހިމެނޭ

ރާއްޖެއާ ޗައިނާއާއި ދެމެދު މުހިންމު ފަސް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ޗައިނާގެ ސްޓޭޓް ކައުންސިލަރ އަދި ފޮރިން މިނިސްޓަރ ވަންގް ޔީ ރާއްޖެއަަށް ކުރައްވަމުންގެންދަވާ ދެ ދުވަހުގެ ދަތުރުފުޅުގައި ހޮނިހިރު ދުވަހުގެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ރަސްމިއްޔާތުގައި އެންމެ ފުރަތަމަ ސޮއިކޮށްފައިވަނީ ވިސާ އެގްޒެމްޝަން އެއްބަސްވުމެއްގައެވެ. މި އެއްބަސްވުމުގެ ދަށުން ދެގައުމުގެ ރައްޔިތުންނަށް ކުރިން ވިސާ ނެގުމަކާ ނުލައި އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރެވޭނެއެވެ. އަދި ދިވެހިން ޗައިނާއަށް ދިޔުމުން 30 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެއެވެ. މި އުސޫލަށް އަމަލުކުރަން ފަށާނީ ކޮވިޑް-19އާ ގުޅިގެން ޗައިނާއިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އުވާލުމުން ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.

މިއީ ދިވެހިންނަށް ރާއްޖެއިން ބޭރަށް ދަތުރުފަތުރުކޮށް އުޅުމުގައި ލުއި ގޮތްތައް ހޯދައިދިނުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދިޔަ 5 ވަނަ ގައުމެވެ.

މީގެ އިތުރުން ސިއްހީ ދާއިރާއިން ޗައިނާއާ ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއްގައިވެސް ސޮއިކޮށްފައިވެއެވެ. ލޮލުގެ ބަލިތަކަށް ފަރުވާދޭ ޚާއްސަ ކްލިނިކެއް/ކޭމްޕެއް މި އެއްބަސްވުމުގެ ދަށުން ޗައިނާއިން ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މި އެއްބަސްވުމުގައި ފުރަތަމަ ސޮއިކުރެވުނީ 2019 ވަނަ އަހަރު. އޭރު ސޮއެކުރެވުނު 2 އަހަރުގެ އެއްބަސްވުމުގެ ދަށުން ޗައިނާއިން ވަނީ ލޮލުގެ ފަރުވާދޭ ޚާއްސަ ކޭމްޕެއް ހިންގާފައެވެ. ހޮނިހިރު ދުވަހު ސޮއިކުރެވުނު އެއްބަސްވުމަކީ އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމާ ގުޅިގެން އަލުން ސޮއިކުރެވުނު އެއްބަސްވުމެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.

އިގްތިސާދީ އަދި ފަންނީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ހިލޭ އެހީ ދިނުމުގެ އެއްބަސްވުމެއްގައިވެސް ސޮއިކޮށްފައިވާއިރު، މި އެއްބަސްވުމުގެ ދަށުން ޗައިނާ ސަރުކާރުން 968 މިލިއަން އެއްލައްކަ ނުވަދިހަ ހަތް ހާސް ހަ ސަތޭކަ އެކާވީސް ރުފިޔާގެ ހިލޭ އެހީ ރާއްޖެއަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ އިޖްތިމާއީ އަދި އުމްރާނީ ތަރައްގީއަށް ހޭދަކުރުމަށް ޗައިނާ ސަރުކާރުން ފޯރުކޮށްދޭ އެހީއެކެވެ.

މި ރަސްމިއްޔާތުގައި ސިނަމާލެ ބްރިޖްގެ މަރާމާތުގެ މަސައްކަތް ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދިއުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ. ބްރިޖް ދިވެހި ސަރުކާރާ ހަވާލުކުރުމަށްފަހު 2 އަހަރުގެ މުއްދަތަކަށް ބްރިޖްގެ މަރާމާތުގެ މަސައްކަތް ބެލެހެއްޓުމަށް ޗައިނާއާއެކު ކުރިން ވެވުނު އެއްބަސްވުމުގައިވެއެވެ. އައު އެއްބަސްވުމުގެ ދަށުން މި މަސައްކަތް ޗައިނާއިން އަނެއްކާވެސް ކުރިއަށް ގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.

މީގެ އިތުރުން 5 ރަށެއްގައި މައިކްރޯގްރިޑް ސީވޯޓަރ ޑީސެލިނޭޝަން ޕްލާންޓް ގާއިމްކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، މި އެއްބަސްވުމުގެ ދަށުން ކ. ކާށިދޫ، ޅ. އޮޅުވެލިފުށި، ހއ. ކެލާ، ރ. އަލިފުށި އަދި ގއ. ދާންދޫގައި މައިކްރޯ-ގްރިޑް ސީވޯޓަރ ޑީސެލިނޭޝަން ޕްލާންޓް ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮޖެކްޓަކީ 199 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
0%
50%
0%
25%
25%
0%
ކޮމެންޓް