އިނގިރޭސިވިލާތަށް އެކްސްޕޯޓްކުރާ މަހުން ޑިޔުޓީ ކަނޑާލުމަށް ކުރަމުންދާ މަޝްވަރާ ތަކުން އެދެވޭ ހައްލެއް ލިބޭނެކަމަށް ބެލެވޭ ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިކަމުގައި ދިމާވާ އަސްލު މައްސަލައަކީ ދުނިޔޭގެ ވިޔަފާރި ޖަމިއްޔާ ޑަބްލިޔުޓީއޯގައި އަމަލުކުރުމަށް އެކުލަވާލާފައި ހުންނަ އުސޫލުތައް ކަމަށެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި ވިޔަފާރިކުރެވޭނީ އެޖަމިއްޔާއިން އެކުލަވާލާފައިވާ އުސޫލުތަކާއި އެއްގޮތަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އޭގެ އެއް އުސޫލަކީ އެއް ގައުމަކަށް ދޭ ޑިޔުޓީގެ އިނާޔާތް އެގިންތީގައި ހިމެނޭ އެހެން ހުރިހާ ގައުމު ތަކަށްވެސް ދިނުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެގޮތުން ބަލާއިރު ރާއްޖެ ހިމެނޭ މެދުމިން ވަރަކަށް އާމްދަނީ ލިބޭ ގިންތީގެ ހުރިހާ ގައުމަކަށްވެސް ރާއްޖެއަށް ދޭ އިނާޔަތެއް ލިބެން ޖެހޭކަަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ދެން އޮންނަ އަނެއްކަމަކީ ބައެއް ކަހަލަ ޑިފެރެންޝިއޭޓިވް ޓްރީޓްމެންޓްތަކެއް ހުރޭ. އެއީ ގައުމުތަކުން އުފައްދާފައި ނުވަތަ ޑިޔުޓީ އިނާޔާތް ދޭން ހަދާފައި ހުރި ގްރޫޕްތައް. މިސާލަކަށް އޭސީޕީ އަކީ އެކަހަލަ ގްރޫޕެއް. އަދި އެގައުމަކީ އެލްސީޑީއަކަށްވުންވެސް އިނާޔާތް ލިބުމުގައިވޭ. ރާއްޖެއަކީ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމެއް ނޫން މިއަދު. މެދުމިންވަރަށް ބޮލަކަށް އާމްދަނީ ޖެހޭ. އެހެންވިމާ އަޅުގަނޑުމެންނަށް އިނގިރޭސިވިލާތުން ޑިޔުޓީ އިނާޔަތެއް ދީފިއްޔާ އަޅުގަނޑުމެން ގިންތީގައި ހިމެނޭ ހުރިހާ އެންމެންނަށްވެސް ދޭންޖެހޭނެ. އެހެންވީމާ މިހާތަނަށް ދެކެވުނު ވާހަކައިން އަޅުގަނޑަށް އެނގުނު އެއްޗަކީ އިނގިރޭސިވިލާތަށް އުނދަގޫވެއޭ ސީދާ އަޅުގަނޑުމެންނަށް އެހެންދޭން. އެއީ އެހެން ހުރިހާ އެންމެންނަށް ދޭންޖެހޭތީ. އެކަމަކު އެކަމަށް ހައްލެއް ހޯދުމަށް ދެ ސަރުކާރުން މަސައްކަތްކުރޭ އެބަ. ގަބޫލުކުރާ ގޮތުގައި އެދެވޭ ހައްލެއް ލިބޭނެ.ޑރ. ޙުސައިން ރަޝީދު ޙަސަން / މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ
މިނިސްޓަރ ވިދާޅުވީ ރާއްޖެއިން މިއަށްވުރެ ބޮޑެތި ކަންކަމުގައިވެސް ކުރިއެރުން ހޯދާފައި ވާކަމަށެވެ. އަދި މިވަގުތު ދުނިޔެއަށް ބަލާއިރު ރާއްޖެ އޮތީ ސިޔާސީ ގޮތުން ވަރުގަދަ ޕޮޒިޝަނެއްގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އދގެ ރިޔާސަތުގައި ރާއްޖެ އޮތްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ރާއްޖެކަމަކަށް އިސްނަގައިފިނަމަ އެކަމެއް ހާސިލުކުރާނެ ކަމަށެވެ.
މިމައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތްތަކެއް ކުރާތާ ދުވަސްތަކެއް ވެއްޖެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 2011 ވަނަ އަހަރު އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުން ތަރައްގީވަމުން އަންނަ ގައުމުކަށް ބަދަލުވުމާއެކު ލިބެމުންދިޔަ ޑިޔުޓީ އިނާޔަތް ގެއްލުނީކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އޭގެފަހުން އައި ހުރިހާ ސަރުކާރެއްގައިވެސް މިކަން ހައްލުކުރުމަށް މަސައްކަތް ތަކެއްކޮށްފައި ވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް މިސަރުކާރުން މިކަމަށް ހައްލެއް ހޯދައިދޭނެކަމަށާއި އެއާއެކު މަސްވެރިންނަށް ދޭ އަގު ރަނގަޅު ވެގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.