މިހާރު ކުރިޔަށްދާ ޕްރެޒިޑެންޓްސް ކަޕް ފުޓުބޯޅަ މުބާރާތުގެ ފައިނަލް މެޗު ރ. އަތޮޅު އަލިފުށީ ޓާފް ދަނޑުގައި ކުޅޭގޮތަށް ނިންމާފައިވާ ކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.
މިދިޔަ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ކުޅިވަރާ ބެހޭ ވުޒާރާ އާއި އެފްއޭއެމް އިން ވަނީ އަލިފުށީ ކައުންސިލާއި ބައްދަލުކޮށް ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލް މެޗު އަލިފުށީގައި ބޭއްވުމަށް ފުރިހަމަ ކުރަންޖެހޭ ކަންކަމާއި ބެހޭ ގޮތުން މަޝްވަރާކޮށްފައެވެ.
އެ ބައްދަލުވުމުގައި ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) އެފްއޭއެމްގެ ކޮމްޕެޓިޝަން ޑިޕާޓްމަންޓްގެ ޝާހު އިސްމާއިލް (ސާޔާ) އާއި އިސްމާއިލް ރިޔާޒް ބައިވެރިވެވަޑައިގެންފައިވެއެވެ.
އަލިފުށީގައި ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލް ބޭއްވުމަށް އެފްއޭއެމުން ނިންމާފައިވާއިރު މިއީ މާލެ ނޫން ސަރަހައްދެއްގައި ރާއްޖޭގެ އެންމެ ޝަރަފުވެރި މުބާރާތުގެ ފައިނަލް ކުޅޭނެ ތިންވަނަ ފަހަރެވެ.
މީގެ ކުރިން 2015 ވަނަ އަހަރު ޕްރެޒިޑެންޓސް ކަޕުގެ ފައިނަލް މެޗު ކުޅުނީ ސ. ހިތަދޫ ޒޯން ސްޓޭޑިއަމްގައެވެ. އެ ފަހަރު މުޅި މުބާރާތް ހޮސްޓުކުރީ ހދ. ކުޅުދުއްފުށީގައި އާއި ހިތަދޫގައެވެ. އެ ފަހަރު މުބާރާތް މާލެއިން ބޭރަށް ބަދަލުކުރީ ގަލޮޅު ދަނޑުގެ ވިނަގަނޑު ހަލާކުވުމުގެ ސަބަބުންނެވެ.
މާލެއިން ބޭރުގައި އެންމެ ފުރަތަމަ ކުޅުނު ފައިނަލަކީ 1970 ވަނަ އަހަރުގެ މުބާރާތެވެ. އައްޑޫގައި ކުޅުނު އެ ފައިނަލުގައި ޑީއެންސީ އާއި މާލޭ ޒަމާނީ މިއުޒިކީ ކްލަބް 1-1 ގެ ނަތީޖާއަކުން އެއްވަރުވެ ޖެހުނީ ދެ ޓީމަށް ޖޮއިން ޗެމްޕިއަންކަން ދޭށެވެ.
މި ފަހަރުގެ ޕްރެޒިޑެންޓްސް ކަޕުގައި ފުރަތަމަ ޑިވިޝަނުގެ 8 ކްލަބުން ކުޅޭއިރު، މުބާރާތް ކުރިޔަށްދާނީ ލީގު އުސޫލުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލަށް ދާ ގޮތަށެވެ.
ދެ އަހަރު ދުވަހުގެ މެދު ކެނޑުމަކަށްފަހު މިއަހަރު ޕްރެޒިޑެންޓްސް ކަޕު ކުޅޭއިރު، މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ ނިއު ރޭޑިއަންޓެވެ.
ސަރުކާރުގެ ޚަރަދުގައި އަލިފުށީގައި އެޅި ޓާފު ދަނޑު ނިމުނުކަން ރަސްމީކޮށް އިއުލާންކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ.