ކ. މާލެ
|
5 ޖެނުއަރީ 2022 | ބުދަ 12:04
އެންޓި ކޮރަޕްޝަން ކޮމިޝަން އޮފީސް،
އެންޓި ކޮރަޕްޝަން ކޮމިޝަން އޮފީސް،
ސަން އޮންލައިން
އޭސީސީގެ މެންބަރުކަމަށް ކުރިމަތިލުން
އޭސީސީގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ފުރުސަތު ހުޅުވާލާފައި ވަނީ ބުދަ ދުވަހުން ފެށިގެން 2022 ޖަނަވަރީ 17 ވާ ހޯމަ ދުވަހު 12:30ގެ ނިޔަލަށް
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ތިން މެންބަރަކު ވަކިކުރަން ނިންމީ ޕާފޯމެންސް އޮޑިޓަށް ބެލުމަށްފަހު
ވަކި ކުރުމަށް މަސައްކަތް ފެށުމާއެކު މެންބަރުން ވަނީ އިސްތިއުފާ ދެއްވާފައި

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުކަމުގެ މަގާމުތައް ހުސްވެފައިވާތީ، އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައިފިއެވެ.

އޭސީސީގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލާފައި ވަނީ އެ ކޮމިޝަނުގެ ފަސް މެންބަރުން އިސްތިއުފާ ދެއްވާފައިވާތީއެވެ.

ފުރުސަތު ހުޅުވާލާފައި ވަނީ ބުދަ ދުވަހުން ފެށިގެން 2022 ޖަނަވަރީ 17 ވާ ހޯމަ ދުވަހު 12:30 ގެ ނިޔަލަށެވެ. އެ ކޮމިޝަނުގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް އެދޭ މީހުންގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2022 ޖަނަވަރީ 16 އަދި 17 ވަނަ ދުވަހު ހެނދުނު 09:30ން މެންދުރު 12:30ށް ރައީސް އޮފީހުންނެވެ. އަދި އެ އޮފީހުގެ ވެބްސައިޓް presidency.mvއިން ފޯމާއި އިގްރާރު ޑައުންލޯޑް ކުރެވޭނެއެވެ.

އޭސީސީގެ މެމްބަރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން 26 ޑިސެންބަރު 2021 ވީ އާދީއްތަ ދުވަހު ފާސްކޮށްފައި ވަނިކޮށް މެންބަރުން 27 ޑިސެންބަރު 2021 ވީ ހޯމަދުވަހު ވަނީ އިސްތިއުފާ ދެއްވާފައެވެ. އެދުވަހު އިސްތިއުފާ ދެއްވީ ކޮމިޝަނުގެ ރައީސް މަރިޔަމް ޝިއުނާ އާއި ނާއިބުރައީސް ފާތުމަތު އަނޫލާ އާއި މެންބަރު އައިޝަތު އަބްދުﷲ އެވެ. މިބޭފުޅުން އިސްތިއުފާ ދެއްވުމުގެ ކުރީގައި މެންބަރު އިބްރާހިމް ޝަކީލާއި މެންބަރު އަލީ އަޝްރަފް ވަނީ މެންބަރުން ވަކިކުރުމުގެ މަރުހަލާ ފަށަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމުމާއެކު އިސްތިއުފާ ދެއްވާފައެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ތިން މެމްބަރުން ވަކިކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ނިންމީ، ކޮމިޝަނުން މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ނުބެލި ގިނަވެފައި ހުރި ކަމަށާއި އެކަން ޕާފޯމަންސް އޮޑިޓުންވެސް ފެންނަން އޮތް ކަމަށް ބުނެފައެވެ. ކަންކަން ރަނގަޅު ކުރަން ދިން މުއްދަތުގައި އިސްލާހީ ބަދަލުތަކެއް އައިސްފައި ނުވާ ކަމަށްވެސް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބުންޏެވެ. އޭސީސީން ވަނީ އެ ހުރިހާ ތުހުމަތުތަކެއް ދޮގުކޮށްފައެވެ.


Advertisement
- ކޮމެންޓް