Advertisement
ކ. މާލެ
|
5 ޖެނުއަރީ 2022 | ބުދަ 11:10
މަގޫދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ވާހަކަފުޅު ދައްކަވަނީ
މަގޫދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ވާހަކަފުޅު ދައްކަވަނީ
ރާއްޖެއެމްވީ
ރައީސްގެ ނ އަތޮޅު ދަތުރުފުޅު
މަގޫދޫ ބަނދަރު ބޮޑު ކުރުމުގެ މަސައްކަތް މި އަހަރު ފެށޭނެ - ރައީސް
މަގޫދޫގެ ތަރައްގީއަށް ބޭނުންވާ ކަންކަން މި އަހަރުވަނީ ބަޖެޓް ކޮށްފައި
ޒަމާނީ އިންޖީނުގެއެއް އަޅައި ޚިދުމަތް ދެވެމުން ދަނީ

ނ. މަގޫދޫގެ ލަފާފުރުމަށް މިހާރު ދިމާވެފައިވާ ދަތިކަން ހައްލު ކުރުމަށް މި އަހަރުގެ ތެރޭގައި މަގޫދޫގެ ބަނދަރު ބޮޑު ކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ނ އަތޮޅުގެ ފަސް ރަށަކަށް ކުރައްވާ ދަތުރުފުޅުގައި ނ.މަގޫދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ސާލިހު ވިދާޅުވީ މަގޫދޫއަށް ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް މި އަހަރުގެ ބަޖެޓްގައި މިހާރުވެސް ހިމެނިފައިވާ ކަމަށެވެ.

މަގޫދޫގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި، އަސާސީ ހައްގުތައް ކަށަވަރު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިއަހަރުވެސް މަސައްކަތްތަކެއް ކުުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން ރަށުގެ ލަފާފުރުމަށް މިހާރު ބޭނުން ކުރަމުންދާ ބަނދަރަކީ އެންމެ އެކަށީގެންވާ ބަނދަރަކަށް ނުވުމުން، ބަނދަރު ބޮޑުކޮށް ޖާގަ ތަނަވަސް ކުރުމުގެ މަސައްކަތް މިއަހަރު ފެށިގެން ދާނެކަން އެމަނިކުފާނު ހާމަ ކުރެއްވިއެވެ.

މީގެ އިތުރުން މަގޫދޫ ސްކޫލުގެ އިދާރީ ކަންކަން ބެލެހެއްޓުމަށް ބޭނުންވާ އިމާރާތުގެ މަސައްކަތްވެސް މިއަހަރު ފެށިގެން ދާނެކަމުގައި ރައީސް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަގޫދޫއަށް މީގެ ތިން އަހަރު ކުރިން ވަޑައިގެންނެވިއިރު، ރައްޔިތުން އެދުނު ކަންކަން ހާސިލް ކޮށްދިނުމަށް މަސައްކަތް ކުރައްވަމުން ދާކަމަށެވެ. އެގޮތުން އެރަށުގައި ސަރުކާރުން މިސްކިތެއް ބިނާކޮށްދެއްވާފައި ނެތުމުގެ ޝަކުވާ އަޑުއަހައި އެކަމަށް މިދިޔަ އަހަރު ހައްލު ގެނެސް ދެއްވާފައި ވާނެކަމަށެވެ.

Advertisement

މަގޫދޫގެ އިންޖީނުގެ މީހުން ދިރިއުޅޭ ސަރައްދުގައި ހުރުމުން ދިމާވާ ދަތިތަކަށް ހައްލު ގެނެސް، ޒަމާނީ އިންޖީނުގެއެއް އަޅައި ޚިދުމަތް ދެވެމުން ދާކަމީ މިއަދު އުފާ ކުރައްވާ ކަމެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ. 

މީގެ ކުރިން އަޅާނުލެވި އޮތް އެތައްކަމެއް މިފަދަ ދަތުރު ތަކުގެ ތެރެއިން ސާފުވެ، އެކަންކަމަށް ހައްލު ގެނެވިގެން ދާކަމީ ރައްޔިތުންނަށް ލިބިގެންދާނެ ބޮޑު ހިތްހަމަ ޖެހުމެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ. ރައީސްވަނީ ކޮވިޑުން ދިފާއުވުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސް ކުރައްވައިފައެވެ.

މި ބައްދަލުވުމުގައި ހެލްތް މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވީ, މި މަހު 26ގައި އަންނަ އެމްބިއުލާންސް ތަކުގެ ތެރެއިން މަގޫދޫއަށް ބޭނުންވާ އެމްބިއުލާންސް ހަމަޖެހިގެންދާނެ ކަމަށެވެ. އަދި ހެލްތް ސެންޓަރުގެ ވަށާފާރު ރޭނުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފަށަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މުހައްމަދު އާދަމް ސަލީމް
- ކޮމެންޓް