ކ. މާލެ
|
5 ޖެނުއަރީ 2022 | ބުދަ 11:38
ފަތުރުވެރިންތަކެއް ފްލައިޓުން ފައިބަނީ،
ފަތުރުވެރިންތަކެއް ފްލައިޓުން ފައިބަނީ،
ވެލާނާ އެއާޕޯޓް
ހޯމް ސްޓޭ ފަތުރުވެރިކަން
ހޯމް ސްޓޭއަށް ފަތުރުވެރިން އަންނަނީ އެރަށެއްގައި ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަން އެނގިތިބެ: ޓޫރިޒަމް މިނިސްޓްރީ
މީހުން ދިރިއުޅޭ ރަށްރަށަށް ފަތުރުވެރިން ދަނީ އެދިރިއުޅުން ތަޖުރިބާ ކުރުމަށް
ރަށުން ލިބޭ ޚިދުމަތްތައް ފުޅާކުރަން ޖެހޭ
މިއީ ވަރަށް އުންމީދީ ވިޔަފާރިއެއް

ހޯމް ސްޓޭއަށް ފަތުރުވެރިން އަންނަނީ އެރަށެއްގައި ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަން އެނގިތިބެ އެކަންކަމަށް ގަބޫލުވެގެން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި، ހޯމްސްޓޭ ޓޫރިޒަމްގެ މިންތަކާއި އިންތަކާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ އަލީ ރައްޒާން ވިދާޅުވީ، ފަތުރުވެރިން ރާއްޖެއަށް އައުމަށް ބުކިން ހަދާއިރު ވެސް ރާއްޖޭގެ އުސޫލުތަކާއި ގަވާއިދުތައް އެނގޭނެ ކަމަށާއި، އެމައުލޫމާތުތައް ފޯރުކޮށްދޭ ކަމަށެވެ. އަދި ޚާއްސަކޮށް އަތޮޅުތެރޭގެ ރަށްރަށުގައި އުޅެން ޖެހޭ ގޮތް އަންގައިދިނުމަށް އެރަށެއްގެ ގެސްޓްހައުސް ނުވަތަ ހޯމްސްޓޭ ގެސްޓްހައުސްއަށް ބުކިން ހައްދާ ހިސާބުން އެފަތުރުވެރިއާ އަށް އުސޫލާއި ގަވާއިދު ބުނެދޭން ޖެހޭ ކަމަށް ރައްޒާން ވިދާޅުވިއެވެ.

ރައްޒާން ވިދާޅުވީ ބުކިން ކޮންފަމޭޝަނާއެކު އެމައުލޫމާތުތައް ހިއްސާކުރާނަމަ އެފަތުރުވެރިޔާ ހޯމްސްޓޭ ގެސްޓްހައުސްއަށް އެރަށަށް އަންނަނީ އެ އުސޫލުތަކަށް ރުހި ރަށެއްގެ ދިރިއުޅުން ތަޖުރިބާ ކުރަން ބޭނުންވާތީ ކަމަށެވެ.

މީގެ އިތުރުން ރައްޒާން ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން އަމަލުކުރަން ޖެހޭ ޚާއްސަ ގައިޑްލައިން ހަދައި އެއަށް އަމަލުކުރަމުން ގެންދާއިރު ގިނަ ފަތުރުވެރިން ރާއްޖޭގެ އުސޫލުތަކާއި އެއްގޮތަށް އަމަލުކުރާ ކަމަށެވެ.

ރައްޒާން ވިދާޅުވީ ހޯމްސްޓޭ ގެސްޓްހައުސް ތަރައްގީ ކުރުމުގައި ވަކިވަކި ރަށްރަށް ވަކިން ޚާއްސަ ވެފައިވާ ސިފަތަކާއި ސަގާފަތް ދިރުވަން ޖެހޭ ކަމަށެވެ. ކޮންމެ ފަތުރުވެރިއަކުވެސް ރަށަކަށްދާއިރު އެރަށެއްގެ ޚާއްސަ ސިފަތަކާއި އެރަށެއްގައި ކުރެވޭނެ ކަންކަން ބަލާނެ ކަމަށާއި، އެމީހުންނަކީ އައު ކަންކަން ތަޖުރިބާ ކުރަން އަންނަ ބައެއް ކަމަށެވެ.

ހޯމްސްޓޭ ގެސްޓްހައުސްއާއެކު އަތޮޅުތެރޭގެ ރަށްރަށް ތަރައްގީވެގެން ދާނެ ކަމަށާއި މިއީ ވަރަށް އުންމީދީ ވިޔަފާރިއެއް ކަމަށް ވެސް ރައްޒާން ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް