ޕްރެޒިޑެންޓްސް ކަޕުގައި އަންގާރަ ދުވަހުގެ ހަވީރު ކުޅުނު މެޗުން ކުލަބު ވެލެންސިއާއިން ފަހަތުން އަރައި ޓީސީ ސްޕޯޓްސް ކުލަބު ބަލިކޮށްފިއެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މެޗު ވެލެންސިއާއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 24 ވަނަ މިނެޓުގައި ޓީސީގެ ފޯވާޑް މުޙައްމަދު މުސްލިހު (މުއްޓި) އަށް ވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭރިޔާތެރެއިން ހުހަށްހުރެ އޭނާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ވެލެންސިއާގެެ ޑިފެންޑަރު ޑަކްސަން ޕުސްލަސްއެވެ. އޭގެ ފަހުން މެޗުގެ 30 ވަނަ މިނެޓުގައި ވެލެންސިއާގެ އަޙްމަދު ސިޒާނަށް ވަނީ ލަނޑު ޖަހަން ހުސްފުރުސަތެއް ލިބި ބޭކާރުވެފައެވެ.
މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ޓީސީންނެވެ. މެޗުގެ 38 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒަޔާން ނަސީރު (ޒައްޔު) އެވެ. އެކަމަކު ވެލެންސިއާއިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ. ކެޕްޓަން އަލީ ފާސިރު (ސެންޓޭ)ގެ އެހީތެރިކަމާއެކު މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ހުސެއިން ހަނާން އެވެ.
މެޗުގެ ދެވަނަ ހާފުގައި ވެލެންސިއާއިން ޓީސީގެ ގޯލާ އަމާޒުކޮށް ގިނަ ހަމަލާތަކެއް ވަނީ އުފައްދާފައެވެ. އެގޮތުން މެޗުގެ 50 ވަނަ މިނެޓުގައި ހަނާން ނެގި ހުރަސް އަމާޒުވީ ޓީސީ ގޯލުގެ ހުރަސް ދަނޑިއަށެވެ. އޭގެ ފަހުން ސެންޓޭ އޭރިޔާ ތެރެއިން ހުހަށްހުރެ ބޮލުން ފޮނުވާލި ބޯޅަ ހުރަސް ދަނޑިކައިރިން ދިޔައީ ބޭރަށެވެ.
މި މެޗުގެ ލީޑު ވެލެންސިއާއިން ނެގީ މެޗުގެ 69 ވަނަ މިނެޓުގައެވެ. ޓީސީގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބޯހަސްއެވެ.
މި ނަތީޖާއާއެކު ވެލެންސިއާއިން ލީގު ބުރުގެ ދެވަނައިގައި އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު 12 ޕޮއިންޓާއެކުގައެވެ. ލީގު ބުރުގެ އެއްވަނައިގައި އޮތް މާޒިޔާއަށް ވެސް ހަތަރު މެޗުން 12 ޕޮއިންޓް ވަނީ ލިބިފައެވެ. އެ ޓީމަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. މި މެޗުން ބަލިވި ޓީސީ ވަނީ ލީގު ބުރުގެ ހަވަނައަށް ވެއްޓިފައެވެ. ފަސްވަނައިގައި އޮތް އީގަލްސްއާ ހަވަނައިގައި އޮތް ޓީސީއަށް ހަތަރު މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ. އީގަލްސްއަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ.