ކ. މާލެ
|
1 ޖެނުއަރީ 2022 | ހޮނިހިރު 14:31
ފަތުރުވެރިކަމުގެ ރަންޔޫބީލް އަހަރު ފުރަތަމަ ފަތުރުވެރިޔާއަށް މަރުޙަބާ ކިޔުން
ފަތުރުވެރިކަމުގެ ރަންޔޫބީލް އަހަރު ފުރަތަމަ ފަތުރުވެރިޔާއަށް މަރުޙަބާ ކިޔުން
ވިޒިޓް މޯލްޑިވްސް
ފަތުރުވެރިކަމުގެ ރަންޔޫބީލް އަހަރު
ފަތުރުވެރިކަމުގެ ރަންޔޫބީލް އަހަރުގެ ފުރަތަމަ ފަތުރުވެރިއަކަށް ޔޫކޭ ރައްޔިތެއް
 
ބޮޑެތި ގޮންޖެހުންތަކާއެކުވެސް 2021 ވަނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ކާމިޔާބު އަހަރެއް
 
މިއީ އޭނާ ރާއްޖެ އައި ދެވަނަ ފަހަރުކަމަށް އެމްއެމްޕީއާރްސީން މައުލޫމާތުދޭ
 
ފުރަތަމަ ފަތުރުވެރިއަކަށް ރާއްޖެ އައިސްފައިވަނީ އިނގިރޭސިވިލާތުގެ ރައްޔިތެއްކަމަށްވާ ޖޯޖީނާ ކެނިންގ

ދިވެހިރާއްޖެއިން 2022 ވަނަ އަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް މަރުޙަބާ ކިޔައިފިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރުފުރޭ ރަންޔޫބީލް އަހަރުގައި ފުރަތަމަ ފަތުރުވެރިއަކަށް ރާއްޖެ އައިސްފައިވަނީ އިނގިރޭސިވިލާތުގެ ރައްޔިތެއްކަމަށްވާ ޖޯޖީނާ ކެނިންގ އެވެ. ޖޯޖީނާ އޭނާގެ ބައިވެރިޔާއާއެކު ރާއްޖެ އައިސްފައިވަނީ ގަލްފް އެއަރ ފްލައިޓް (ޖީއެފް144) ގައި ހޮނިހިރު ދުވަހުގެ ހެނދުނު 06:10 ހާއިރުއެވެ. މިއީ އޭނާ ރާއްޖެ އައި ދެވަނަ ފަހަރުކަމަށް އެމްއެމްޕީއާރްސީން މައުލޫމާތު ދެއެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ޖޯޖީނާއަށް މަރުޙަބާ ކިޔުމުގައި ޓޫރިޒަމް މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން މިނިސްޓަރ މައުސޫމު ވިދާޅުވީ، އުއްމީދަކީ ފަތުރުވެރިކަމުގެ ރަންޔޫބީލް އަހަރުވެސް ރާއްޖެއިން ވޯރލްޑް ލީޑިންގ ޑެސްޓިނޭޝަން އެވާރޑް ޙާސިލު ކުރުން ކަމަށެވެ. އަދި ދިއްގަރުގައި ފެށިގެންދާ ހޯމްސްޓޭ ޓޫރިޒަމާއެކުވެސް މި އަހަރު ތެރޭގައި ފަތުރުވެރިކަމުން ބޮޑެތި ކާމިޔާބީތަކެއް ހޯދޭނެކަމަށް އުއްމީދު ކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ މައުސޫމު ވިދާޅުވީ، ބޮޑެތި ގޮންޖެހުންތަކާއެކުވެސް 2021 ވަނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ކާމިޔާބު އަހަރެއް ކަމަށެވެ. އެގޮތުން ޓޫރިސްޓް ބެޑް ކެޕޭސިޓީވެސް 9.4 އިންސައްތައަށް އިތުރުވެފައިވާއިރު، ބެޑް ނައިޓްސްގެ އަދަދުވެސް 11 މިލިއަނަށް އަރައި ރެކޯޑު ހަދާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ހަމައެއާއެކު، ދެވަނަ ފަހަރަށް ރާއްޖެއިން ވޯރލްޑް ލީޑިންގ ޑެސްޓިނޭޝަން އެވާރޑްވެސް ޙާސިލު ކޮށްފައިވާކަން މިނިސްޓަރ އުފަލާއެކު ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރ ވަނީ މި ކާމިޔާބީގެ ފަހަތުގައި ވަނީ ފަތުރުވެރިކަމުގެ ސިނާއަތުގެ ސްޓޭކްހޯލްޑަރުން ކަމުގައި ވިދާޅުވެފައެވެ.

މިނިސްޓަރ ވަނީ ރާއްޖޭގެ ފަތުރުވެރިކަން ފުޅާ ކުރެއްވުމަށް މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަ ކުރައްވައި، ރައީސަށާއި، ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކަަށް ފަތުރުވެރިކަމުގެ ރަންޔޫބީލް އަހަރު ފެށުމުގެ ތަހުނިޔާ ފޮނުއްވާފައެވެ.

އަހަރުގެ ފުރަތަމަ ފަތުރުވެރިޔާ ޖޯޖީނާއަށް ވަނީ އަދާރަން ޕްރެސްޓީޖް ވާދޫއިން 5 ރޭގެ ޗުއްޓީއެއް ދީފައެވެ. އަދި އޭގެ އިތުރުންވެސް އެމްއެމްޕީއާރްސީއާއި، ޓޫރިޒަމް މިނިސްޓްރީ، އިމިގްރޭޝަން އަދި އެމްއޭސީއެލްއާއި ދިރާގުގެ އިތުރުން ކޮއެލް އައިވެއަރ އިން ވަނީ އޭނާއަށް ހަދިޔާ ޙަވާލުކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީއާއި، އެމްއެމްޕީއާރްސީއާއި، އިމިގްރޭޝަން އަދި އެއަރޕޯޓްސް ކޮމްޕެނީގެ އިސްވެރިންވެސް އަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް މަރުޙަބާ ކިޔުމުގައި ބައިވެރިވެ ވަޑައިގެންފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް