ރާއްޖެ ޕްރޮމޯޓް ކުރަން ބޮޑު އަގު ދީގެން ހަމަޖެއްސި ބޮލީވުޑުގެ މަޝްހޫރު ތަރި ކެޓްރީނާ ކައިފް އަށް ދަރިޔަކު ލިބިގެން މުއިއްޒު ސަރުކާރުން މަރުހަބާ ކިޔައިފި އެވެ.
ކެޓްރީނާ އަށް ދަރިޔަކު ލިބުނީ ހުކުރު ދުވަހު އެވެ. ލިބުނީ ފިރިހެން ކުއްޖެކެވެ. އެކަމާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރާ ސަރުކާރުގެ ކުންފުނި ވިޒިޓް މޯލްޑިވްސް އިން ކެޓްރީނާ ޓެގް ކޮށް ސޯޝަލް މިީޑިއާގައި ކުރި ޕޯސްޓުގައި ވަނީ އެ ކުންފުނީގެ ގްލޯބަލް އެމްބެސެޑަރު ކެޓްރީނާ އާއި އޭނާގެ ފިރިމީހާ ވިކީ ކޯޝަލް އަަށް ދަރިއަކު ލިބުމުން މަރުހަބާ ކިޔާފަ އެވެ.
ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރަން ގްލޯބަލް އެމްބެސަޑަރަކަށް ހަމަޖެއްސި ކެޓްރީނާ އެ ޕޯސްޓަށް ރިއެކްޓް ކޮށްފައި ނުވާ އިރު ކުޑަމިނުން އެ ޕޯސްޓަށް ކޮމެންޓް އަދި ރީޕޯސްޓް ވެސް ކޮށްފައި ނުވެ އެވެ.
ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ސަނީސައިޑް އޮފް ލައިފްގެ ގްލޯބަލް ބްރޭންޑް އެމްބެސަޑަރަކަށް ބޮލީވުޑްގެ ތަރި ކެޓްރީނާ ކައިފް ހަމަޖެއްސީ 10 ޖޫން 2025 ގަ އެވެ. އަދި ސަރުކާރުން ވަނީ ރާއްޖެ ޕްރޮމޯޓު ކުރަން އޭނާ ކުރަނީ ކޮން މަސައްކަތެއް ކަމާއި، މިކަމަށް ކުރާ ހަރަދު ވެސް ހާމަ ކުރުމަށް ދެކޮޅު ހަދާފަ އެވެ.
ސަރުކާރުގެ ކުންފުނިން ކެޓްރީނާ އަށް މަރުހަބާ ކީ އިރު، ފާޑު ކިޔާ މީހުން ބުނެފައިވަނީ ކެޓްރީނާ ރާއްޖެ ޕްރޮމޯޓު ކުރުމުގެ ބަދަލުގައި ރާއްޖެ އިން ކެޓްރީނާ ޕްރޮމޯޓު ކުރަން ފެށީ ކަމުގައެވެ.