ހުޅުދޫއާއި މީދޫ، އައްޑޫ ސިޓީ ކައުންސިލްގެ އިހުތިޞާސުން ވަކިކުރުމުގެ ފުރުސަތު އެއްވެސް ސިޔާސީ ފަރާތަކަށް ދެވިގެންވާނެ ކަމަށް ގަބޫލް ނުކުރައްވާ ކަމަށް އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
އައްޑޫސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 31 ވަނަ ޖަލްސާގައި ވާހަކަދައްކަވަމުން ނިޒާރު ވިދާޅުވީ، އައްޑޫ ސިޓީ ކައުންސިލްގެ އިހުތިޞާސުން އެ ދެ އަވަށް ވަކިކުރަން މަސައްކަތް ކުރުމަކީ ރަނގަޅު ވިސްނުމެއް ނޫން ކަމަށާއި، އެކަމުން ވާނެ ފައިދާއެއް އެ ދެ އަވަށަށް ނޯންނާނެ ކަމަށެވެ. ނިޒާރު ވިދާޅުވީ ހުޅުދޫ އާއި މީދޫ، އައްޑޫގެ އެހެން އަވަށްތަކާ ވަކިން އޮތްނަމަވެސް ކައުންސިލުން ނިންމާ ނިންމުންތަކާއި އަދި ޖުމްލަކޮށް މުޅި ކައުންސިލްގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ހުރިހާ އަވަށެއްގެ ބައިވެރިވުން އެއްވަރަކަށް އޮވެގެން ކަމަށެވެ. އެހެންވެ އެ ދެ އަވަށް ތަފާތުކުރާ ކަމަށް ބުނެ ދައްކާ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށާއި، އެކަމަށް ދެ އަވަށުގެ ކައުންސިލަރުން ވެސް ހެކިވާނެ ކަމަށެވެ.
އައްޑޫ ސިޓީ ކައުންސިލަރެއް އަދި މޭޔަރުގެ ހައިސިއްޔަތުން ވަކި ގިނައިން ހުޅުދޫ މީދޫއަށް ޒިޔާރަތްކުރި އެހެން ވެރިއަކު ނުހުންނާނެ ކަމަށާއި، ކަމެއް ދިމާވެއްޖެ ކަމަށްވާ ނަމަ އެ ދެ އަވަށުގެ ކައުންސިލަރުންނަށް އެއްބާރުލުންދޭ ކަމަށެވެ. އެހެންކަމުން އިހުތިޞާސުން ވަކިވުމަށް ދައްކާ ވާހަކަތަކަކީ ކައުންސިލުން ކަމެއް ގޯސްވެގެން ދެކެވޭ ވާހަކަތަކެއް ނޫންކަމުގެ ޔަގީންކަން ނިޒާރު ދެއްްވިއެވެ.
ކައުންސިލް އެއްކޮން އޮތުމުން ލިބޭ ފައިދާ ވަރަށް ގިނަ ކަމަށާއި، ވަކިވެ ގަތުމާއި ވަކިވެގަތުމުގެ ވިސްނުމަކީ ރަނގަޅު ހިޔާލެއް ނޫން ކަމަށް ނިޒާރު ވިދާޅުވިއެވެ.
މާލެ ފިޔަވައި ފުރަތަމަ ސިޓީއެއްގެ ދަރަޖަ ދިން އައްޑޫ ސިޓީ ކައުންސިލްގެ އިހުތިޞާސުން ހުޅުދޫ އާއި މީދޫ ވަކި ކުރުމުގެ ވާހަކަ ފެންމަތިވެގެން ދިޔައީ، ހުޅުދޫ އާއި މީދޫ ކައުންސިލުން ވަކިކުރުމާ ގުޅޭ ގޮތުން އެ ދެ އަވަށުގެ ރައްޔިތުންގެ ހިޔާލު ހޯދަން ހުޅުވާލައި، އެ މައްސަލަ އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅުއްވާނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވުމުންނެވެ.
ރޮޒައިނާ ވިދާޅުވެފައިވާ ގޮތުގައި އައްޑޫ ސިޓީ ކައުންސިލްގެ އިހުތިޞާސުން ހުޅުދޫ އާއި މީދޫ ވަކިކުރަން ހުށަހެޅުމުގެ ބޭނުމަކީ ކައުންސިލްގެ ބައެއްގެ ގޮތުގައި އޮވެގެން އެ ދެ އަވަށުގެ ރައްޔިތުންނަށް ވަނީ ފައިދާތޯ ގެއްލުންތޯ ވިސްނައި، ބަހުސްކޮށް ހައްލެއް ހޯދަން ޖެހޭތީ ކަމަށެވެ.
އެގޮތުން ކޮންމެ ކަމެއް ނިންމުމުގައި އެ އަވަށުގެ ރައްޔިތުންނަށް އެތައް ތަކުލީފަކާ ކުރިމަތިލާން ޖެހޭކަމުގެ ޝަކުވާތަކަށް އައު ކައުންސިލާ އެކު ހައްލެއް ލިބޭނެ ކަމަށް ރައްޔިތުން އުންމީދުކުރި ނަމަވެސް އެ ޝަކުވާތަކަށް ނިމުމެއް ނެތް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
ހަމަ އެ ބައްދަލުވުމުގައި ނިޒާރު އިތުރަށް ވިދާޅުވީ، ކައުންސިލަށް މަަސައްކަތްތައް ކުރިއަށްގެންދިޔުމުގައި ލަސްތަކެއް ދިމާވަނީ މައި ސަރުކާރުގެ ސަބަބުން ކަމަށެވެ. އެގޮތުން ބައެއް އިދާރާތަކުން ލިބެން ޖެހޭ ހުއްދަ ހޯދުމުގައި ލަސްތަކެއް އަންނަ ކަމަށެވެ. މިކަމުގެ މަޝްވަރާތައް މައި ސަރުކާރާއެކު ވެސް ކޮށްފައިވާކަމުގައި ވިދާޅުވިއެވެ. އަދި ބިމުގެ ގަވާއިދެއް ވެސް ގެޒެޓް ކުރުމަށް ފޮނުވިތާ 4 މަސްވެގެންދިޔައިރުވެސް އެކަން ނުވާކަން ނިޒާރު ފާހަގަކުރެއްވިއެވެ.