އަންނަ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންބަރުތައް ތަރުތީބުކޮށްފިއެވެ.
ކޮމަންޑޫ ދާއިރާއަށް ތިން ކެންޑިޑޭޓަކު ވާދަކުރައްވައެވެ. އެއީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދެވެ. އިދިކޮޅު ޕީޕީއެމް އިން ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މޫސާ ފަތުޙީ އާދަމެވެ. އަދި އެމްއެންޕީގެ ފަރާތުން ޢަބްދުލް ޙަންނާން އިދުރީސްއެވެ. ކެންޑިޑޭޓުންނަށް ނަން ހުށަހެޅުމުގެ ފުރުސަތު ދީފައިވަނީ ޑިސެމްބަރު 30ވީ ބުރާސްފަތި ދުވަހުގެ ހަވީރު 3:00އާ ހަމައަށެވެ. އޭގެފަހުން ޑިސެމްބަރ 30 ވީ ބުރާސްފަތި ދުވަހުގެ ރޭ ވަނީ ކެންޑިޑޭޓުންގެ ނަންބަރު ތަރުތީބު ކުރުމަށް އިލެކްޝަން ކޮމިޝަންގައި ގުރުނެގުން ކުރިޔަށް ގެންގޮސްފައެވެ.
އެގޮތުން ކެންޑިޑޭޓު ނަންބަރު އެކެއް ލިބިވަޑައިގަތީ އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ރާޝިދަށެވެ. ކެންޑިޑޭޓު ނަންބަރު ދޭއް ލިބިވަޑައިގަތީ ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމަށެވެ. އަދި ކެންޑިޑޭޓް ނަންބަރު ތިނެއް ލިބިވަޑައިގެންފައިވަނީ އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލް ހަންނާނު އިދުރީސަށެވެ.
ކެންޑިޑޭޓް ނަންބަރު ތަރުތީބުކޮށްފައިވާއިރު ހުރިހާ ކެންޑިޑޭޓުން ވެސް ވަނީ ކެމްޕެއިން ފަށާފައެވެ. ވޯޓުލުން ކުރިޔަށް ދިޔުމަށް ހަމަޖެހިފައިވަނީ ކޮމަންޑޫ ދާއިރާގައި ހިމެނޭ ތިން ރަށުގެ އިތުރުން މާލޭގައެވެ.
ކޮމަންޑޫ ދާއިރާގެ އިންތިޚާބުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބުރުވަރީ 5ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00ން ހަވީރު 4:00އަށެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ ފެބުރުވަރީ 10ވާ ބުރާސްފަތި ދުވަހުއެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން މިބާއްވަނީ އެދާއިރާގައި ހުންނެވި މެމްބަރު ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެންނެވެ.