ޕްރެޒިޑެންޓްސް ކަޕުގައި ޓީސީ ސްޕޯޓްސް ކްލަބުގެ މައްޗަށް މާޒިޔާއިން ހަނި ގޮތަކަށް މޮޅުވެއްޖެއެވެ.
ގައުމީ ފުޓުބޯލަ ދަނޑުގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗު މާޒިޔާއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
މެޗު ފަށައިގެން މާޒިޔާއިން މެޗު ކޮންޓްރޯލްކޮށްގެން ކުޅުނުއިރު، ޓީސީން ކުޅެމުންދިޔައީ ކައުންޓަ އެޓޭކުތަކުގައި ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފުމަށް ވިސްނައިގެންނެވެ. އެގޮތުން މެޗުގެ 17 ވަނަ މިނެޓުގައި ޓީސީގެ އަހްނަފް މުޙައްމަދު ތަސްމީނަށް ވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތެއްލިބި ބޭކާރުވެފައެވެ.
މާޒިޔާއިން ޓީސީގެ ހާފުގެ ތެރޭގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނުއިރު، މެޗުގެ 38 ވަނަ މިނެޓުގައި މާޒިޔާއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މިއީ އަޙްމަދު އަބްދުﷲ (ލިލީ)ގެ އެހީތެރިކަމާއެކު އިބްރާހީމް އައިސަމް އެ ޓީމަށް ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އޭގެ ހަ މިނެޓު ފަހުން މާޒިޔާއިން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. އައިސަމްގެ އެހީތެރިކަމާއެކު މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހީމް ވަހީދު ހަސަން (އިއްބެ)އެވެ.
ދެވަނަ ހާފުގައިވެސް މާޒިޔާއިން ގިނަ އެޓޭކްތަކެއް ކޮށްގެން ކުޅުނުއިރު، މެޗުގެ 57 ވަނަ މިނެޓުގައި މުޙައްމަދު އުމެރަށް ވަނީ އޭރިޔާ ތެރެއިން މުޅިން ހުސްކޮށް ފުރުސަތެއް ލިބި ބޭކާރުވެފައެވެ.
މެޗު ނިމުމުގެ ކުރިން ޓީސީން ވަނީ ލަނޑެއް ޖަހާ ފަރަގު ކުޑަކޮށްފައެވެ. މިއީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި މުހައްމަދު މުސްލިހް (މުއްޓި) ކާމިޔާބުކޮށްދިން ލަނޑެކެވެ.
ޕްރެޒިޑެންޓްސް ކަޕުގެ ލީގު ބުރުގައި ކޮންމެ ޓީމަކުންވެސް ތިން މެޗު ކުޅެފައިވާއިރު އެއްވަނައިގައި އޮތް ވެލެންސިއާ އާއި ދެވަނައިގައި އޮތް މާޒިޔާއަށް ތިން މެޗުން ނުވަ ޕޮއިންޓް ވަނީ ލިބިފައެވެ. ވެލެންސިއާއަށް އެއްވަނަ ލިބެނީ ލަނޑުގެ ތަފާތުންނެވެ. ތިންވަނައިގައި އޮތް ގްރީން ސްޓްރީޓްސް އަށާއި ހަތަރުވަނައިގައި އޮތް ސަސްއަށް ވަނީ ހަ ޕޮއިންޓް ލިބިފައެވެ.