މީހުން ބިނާ ކުރުމުގެ ދާއިރާއިން ގަނޑުކޮށް ސްކޮލަރޝިޕް ދިނުމަކީ ސަރުކާރުގެ ވިސްނުންކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ޙަސަން ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި މިނިސްޓަރ ވިދާޅުވީ، މަތީ ތައުލީމުގެ ދާއިރާއިން މި އަހަރަކީ މުހިއްމު ކާމިޔާބީތަކެއް ހޯދުނު އަހަރެއް ކަމަށެވެ. އެގޮތުން މީހުން ބިނާ ކުރުމުގެ ދާއިރާއިން ގަނޑުކޮށް ސްކޮލަރޝިޕް ދޫކުރުމުގެ ސިޔާސަތު ސަރުކާރުން ގެންގުޅޭކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، މިހާރުވެސް ބައެއް ދާއިރާތަކުން އެގޮތަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް މީހުން ބިނާ ކުރުމަށް ގަނޑުކޮށް ސްކޮލަރޝިޕް ފުރުސަތުތަކަށް ހުޅުވާލައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ވަރަށް ގިނަ ކަންތައްތަކެއް ކޮވިޑުގެ ދަތި ޙާލަތުގައި ވެސް އަޅުގަނޑުމެންނަށް ޙާސިލު ކުރެވިއްޖެ، އަޅުގަނޑުމެންގެ ސިޔާސަތަށް މިހާރު އަޅުގަނޑުމެން ގެނައި އެއް ބަދަލަކީ އަޅުގަނޑުމެން މިހާރުގެ ވިސްނުން މިހުރީ މީހުން ބިނާ ކުރުމުގެ ދާއިރާއިން ސްކޮލަރޝިޕް ފުރުސަތުތައް ފަހިކޮށްދޭއިރު ގަނޑުކޮށް ދިނުމުގެ ޕޮލިސީއެއް، މި ދެންނެވީ ވަރަށް ގިނަ އަދަދެއްގެ ސްކޮލަރޝިޕް އެއް ދާއިރާއަކުން އެއްފަހަރާ ގިނަ މީހުން ތަމްރީނު ކުރުމުގެ ވިސްނުމެއް މިހާރު އެބަ ގެންގުޅެން، އެއީ އެ ދާއިރާއިން އަންނަ އިމްޕެކްޓް ވަރަށް ބޮޑުވާނެހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ އިބްރާހިމް ޙަސަން
މިނިސްޓަރ އިތުރަށް ވިދާޅުވީ، ޓޫރިޒަމް ސެކްޓަރއަށް އަމާޒުކޮށްގެން މީހުން ބިނާ ކުރުމަށްޓަކައި، "ސްކިލްސް ފޯރ އަ ރެސިލިއަންޓް ވޯކްފޯސް" ގެ ނަމުގައި ޕްރޮޖެކްޓެއް ހިންގަމުންދާ ކަމަށެވެ. މި ޕްރޮޖެކްޓުގެ ދަށުން ސަރުކާރާއި ޕްރައިވެޓް ސެކްޓަރ ގުޅިގެން މީހުން ބިނާ ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދަވާނެކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން މީގެ ކުރިންވެސް ޕްރައިވެޓް ސެކްޓަރ ގެ 15 ފަރާތަކަށް ކޮންޓްރެކްޓްކޮށް އެތަންތަނުގައި ތަމްރީނު ހަދާ ދަރިވަރުން ސެޓްފިކެޓް ޙާސިލު ކުރުމާ ހިސާބަށް ގޮސްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، މި މަސައްކަތަށް ޕްރައިވެޓް ސެކްޓަރ އިން އެހީތެރިކަން ފޯރުކޮށްދޭނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.