އާބާދީ އިތުރުވަމުންދާ ވަރަކަށް ރޯ ސްވަރޭޖް ބޭރުކުރުމަށް ޓްރީޓް ކުރަންޖެހޭކަމަށް ޕްލޭނިންގ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަމުން ޝާނާ ވިދާޅުވީ އާބާދީ އިތުރުވަމުންދާ ވަރަކަށް ރޯ ސްވަރޭޖް ބޭރުކުރުމަށް ޓްރީޓް ކުރަންޖެހޭކަމަށެވެ. އަދި މިހާރު ކުރިއަށްދާ ފެނާއި ނަރުދަމާ ނިޒާމުގެ ޕްރޮޖެކްޓްތައް ޑިޒައިންކޮށްފައިވާނީ މި ޓްރީޓްމެންޓްތައް ދޭން ޖެހިއްޖެ ހާލަތެއްގައި އެ ނިޒާމު ގާއިމުކުރެވޭނެ ގޮތަށް ކަމަށެވެ.
ޝާނާ އިތުރަށް ވިދާޅުވީ ރަށްރަށުގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގައި ޕްލޭނިންގ މިނިސްޓްރީން ކުރަމުން އަންނަނީ ވަރަށް ބުރަ މަސައްކަތެއް ކަމަށެވެ. އެގޮތުން ކޮންމެ ރަށެއްގައި ވަކިވަކިން މި ނިޒާމުތައް ގާއިމުކުރުމަށް ބޮޑު ޚަރަދެއް ހިނގާއިރު، މި ތަންތަން ބެލެހެއްޓުމަކީ ވެސް ބުރަ މަސައްކަތެއް ކަމަށެވެ. މި ތަންތަން ބެލެހެއްޓުމުގައި ރަށްރަށުގެ ކައުންސިލްގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭކަމަށް ޝާނާ ވިދާޅުވިއެވެ.
ރާއްޖޭގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރެވިފައި ނުވާ ރަށްރަށުގައި އެ ނިޒާމުތައް ގާއިމުކުރުމަށް މިހާރު ވަނީ ކުންފުނިތަކާ ހަވާލުކޮށްފައެވެ. އެގޮތުން އަލަށް ސޮއިކޮށްފައިވަނީ 23 ރަށެއްގެ ފެނުގެ ނިޒާމު ގާއިމުކުރުމަށާއި، 16 ރަށެއްގައި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށެވެ. މި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ޖުމްލަ 15.4 ބިލިއަން ރުފިޔާ ޚަރަދުވާނެއެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވައުދުފުޅެކެވެ.