ކ. މާލެ
|
27 ޑިސެންބަރ 2021 | ހޯމަ 07:38
މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު ރޮޒައިނާ އާދަމް ވާހަކަދައްކަވަނީ
މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު ރޮޒައިނާ އާދަމް ވާހަކަދައްކަވަނީ
ރޮއިޓަރސް
އޭސީސީ މެމްބަރުން ވަކިކުރުމުގެ މައްސަލަ
އޭސީސީ މެމްބަރުންނާމެދު ޒާތީކަމެއް ނެތް، މެމްބަރުން ކުރި މަސައްކަތަށް ޝުކުރުއަދާކުރަން: ރޮޒައިނާ
އޭސީސީގެ މެމްބަރުން ފާއިތުވި ދުވަސްތަކުގައި ނިޒާމު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވޭ
އޭސީސީގެ މެމްބަރުންނާމެދު އެންމެ ބޮޑު ކަންބޮޑުވުމެއް އަބަދުވެސް އޮތީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ބެލުމުގައި އުޅޭ ލަސްކަން
ޚިޔާނާތުގެ މައްސަލަތައް ބެލުމަކީ އެމްޑީޕީގެ ވައުދަކަށް ވާއިރު އެކަން ލަސްވެގެންދާ ދިޔުމަކީ މައްސަލައެއްގެ ގޮތުގައި ފާހަގަވޭ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުން ވަކިކުރުމުގައި އެކަން ދިރާސާކުރި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ އެއްވެސް މެމްބަރެއްގެ ޒާތީކަމެއް ނެތްކަމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

އޭސީސީގެ މެމްބަރުންގެ ޕާފޯމެންސް އޮޑިޓެއް ހަދައި އޮޑިޓް ރިޕޯޓާ ގުޅިގެން މެމްބަރުން ވަކިކުރުމުގެ ކުރިން ޖަވާބުދާރީ ވުމަށް އޭސީސީގެ މެމްބަރުންނަށް ދީފައިވާ 5 ދުވަހުގެ މުއްދަތު ހަމެވަފައިވަނީ މިމަހުގެ 26ވީ އާދިއްތަ ދުވަހުގެ ހެނދުނު 10 ޖަހާއިރަށެވެ. އޭގެފަހުން އާދިއްތަ ދުވަހުގެ ހަވީރު 4:30 ގައި ކުރިޔަށްގެންދިޔަ ކޮމިޓީ ބައްދަލުވުމުގައި އޭސީސީގައި މިހާރު ތިއްބެވި ތިން މެމްބަރުން ވަކިކުރުމަށް ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ޙަސަން އަޙްމަދެވެ. އެހުށަހެޅުމަށް ތާއީދުކުރެއްވީ ބިލެތްދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަޙްމަދު ޙަލީމެވެ. އެ ހުށަހެޅުމަށް ވޯޓަށް އެހުމުން 5 މެމްބަރުން ވަނީ އޭސީސީގައި މިވަގުތު ތިއްބެވި 3 މެމްބަރުން މަގާމުން ވަކިކުރުމަށް ފެންނަކަަމަށް ވޯޓު ދެއްވާފައެވެ.

ކޮމިޓީން އޭސީސީގެ މެމްބަރުން ވަކިކުރުމަށް ފާސްވުމާއެކު ކޮމިޓީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރޮޒައިނާ ވިދާޅުވީ އޭސީސީގެ މެމްބަރުން ފާއިތުވި ދުވަސްތަކުގައި ނިޒާމު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާކަމަށެވެ. އެކަމަށްޓަކައި އޭސީސީގެ މެމްބަރުންނަށް ޝުކުރު އަދާކުރައްވާކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ނަމަވެސް އޭސީސީގެ މެމްބަރުންނާމެދު އެންމެ ބޮޑު ކަންބޮޑުވުމެއް އަބަދުވެސް ކޮމިޓީގައި އޮތީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ބެލުމުގައި އުޅޭ ލަސްކަންކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަތައް ބެލުމަކީ އެމްޑީޕީގެ ވައުދަކަށް ވާއިރު އެކަން ލަސްވެގެންދާ ދިޔުމަކީ މަޖިލީހުގެ މެމްބަރުންނަށް މައްސަލައެއްގެ ގޮތުގައި ފާހަގަވާކަމަށެވެ. އަދި އޭސީސީ މެމްބަރުން ވަކިކުރުމަށް ނިންމީ އެއްވެސް މަސައްކަތެއް ނުކުރައްވާތީ ނޫންކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

އެއީ ކޮމިޓީގެ މެޖޯރިޓީއަކި އެމްޑީޕީއަށް ވެފައި މަޖިލީހުގެ މެޖޯރިޓީއަކީ އެމްޑީޕީއަށް ވެފައި ސަރުކާރުގައި ވެސް އެމްޑީޕީ އޮވެފައި އެމްޑީޕީގެ މައިގަނޑު ވައުދެއް އެމްއެމްޕީއާރުސީގެ މައްސަލަ ބެލުމަކީ. އެހެންވީމާ މި މައްސަލަ ކުރިޔަށް ނުދާކަން އެއީ ކޮމިޓީގެ ތިބި އެމްޑީޕީގެ މެމްބަރުންގެ އެންމެ ބޮޑު ކަންބޮޑުވުންކަމަށް ދެކެނީ. އެހެންވީމާ އެއްވެސް ހާލަތެއްގައި އެބޭފުޅުން އެއްވެސް މަސައްކަތެއް ނުކުރާކަމަށް ދަންނަވަނީކީ ނޫން. ގަބޫލުކުރެވެނީ ހުރިހާ މެމްބަރުންގެ ވިސްނުނަކީ ވެސް އެއީ ކަމަށް. އެހެންނަމަވެސް ރައްޔިތުންގެ ހުރި މިކަންބޮޑުވުމަށް އެޑްރެސް ކުރެވޭނެ އިތުރު ގޮތެއް ކޮމިޓީ މެމްބަރުންނަށް ވެސް ހަމަ ނެތިގެން ކަމަށް ގަބޫލުކުރެވުނީ މިކަމައިގެން މިގޮތަށް ކުރިޔަށްދާން މިޖެހުނީ. ބާކި އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ވެސް މިކަންތައް ހައްލުކުރުމަށް ޖެހިވަޑައިގަންނަވާތީކަމަށް.
ރޮޒައިނާ އާދަމް/ ކޮމިޓީގެ މުގައްރިރު

ރޮޒައިނާ ވިދާޅުވީ އޭސީސީގެ މެމްބަރުން ކުރެއްވި މަސައްކަތްތައް ވަރަށް ބޮޑަށް ބަލައިގަންނަ ކަމަށެވެ.

އޭސީސީގެ މެމްބަރުން ވަކިކުރުމާ މެދު ގޮތެއް ނިންމުމަށް ބޭއްވި ކޮމިޓީ ބައްދަލުވުމުގައި އެމްޑީޕީ މެމްބަރުން އެންމެ ބޮޑަށް ފާހަގަކުރި ކަމަކީ ތަފާތު އެކި ޓައިމްލައިންތައް އޭސީސީގެ މެމްބަރުން ކޮމިޓީއަށް ހުށަހަޅުއްވައިގެން ވެސް އެޓައިމްލައިންތަކާ އެއްގޮތަށް މަސައްކަތްތައް ނިންމާފައިނުވާކަމަށެވެ. އަދި މައްސަލަތައް ތަހުގީގުކުރަމުން އަންނަ އިންވެސްޓިގޭޓަރުން އެމައްސަލަތައް ގަޑިއަށް ނުނިންމުމުން ދެން ކުރާ ކަމެއް އަޅާ ފިޔަވަޅެއް ނެތްކަމަށް މެމްބަރުން ފާހަގަކުރެއްވިއެވެ.

އަދި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ގެންދަނީ ހުރިހާ މިނިވަން މުއައްސަސާއެއްގެ ވެސް ޕާފޯމެންސް އޮޑިޓެއް ހަދަމުން ކަމަށް މެމްބަރުން ފާހަގަކުރެއްވިއެވެ. ކޮމިޓީގެ މަސްއޫލިއްޔަތަކީ ކޮމިޝަންތަކުގެ މެމްބަރުން ރަނގަޅަށް މަސައްކަތްނުކުރާނަމަ އެކަންކަން ބެލުންކަމަށް މެމްބަރުން ވިދާޅުވިއެވެ.

މަޖިލީހުގެ ދައުރުން ބޭރުން ބޭއްވި ޖަލްސާގައި ވަނީ، އޭސީސީގެ މެމްބަރުން ވަކި ކުރުމަށްޓަކައި، އެކުލަވާލި އޮޑިޓްގައި ހިމެނޭ ކަންކަމުގެ މައްޗަށް ތައްޔާރު ކުރެވުނު ރިޕޯޓް ތަޅުމަށް އިއްވާފައެވެ. ރިޕޯޓުގައި މައިގަނޑު ގޮތެއްގައި 10 ކަމެއް ފާހަގަކޮށްފައިވެއެވެ. އެގޮތުން ފާހަގަކޮށްފައިވަނީ އޭސީސީގެ މެމްބަރުންގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އެކަށީގެންވާ މަސައްކަތް ނުކުރެވި، ޒިންމާ އަދާ ނުކުރެވިފައި ވާކަމަށެވެ. މަސައްކަތް ކުރުމަށް މުއްދަތުތައް ދީ، އެ މުއްދަތުތައް ފަހަނައަޅައި ދިޔައިރު ވެސް މަސައްކަތްތައް ނިމިފައިނުވާ ކަމަށެވެ.

މެމްބަރުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގައި ހިނގަމުންދަނިކޮށް ކޮމިޝަންގެ މެމްބަރ އިބްރާހީމް ޝަކީލް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އެހެންކަމުން މިވަގުތު ކޮމިޝަންގައި ތިއްބެވީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ، ނައިބު ރައީސް ފާތުމަތު އަނޫލާ އަދި މެމްބަރ އައިޝަތު އަބްދުﷲއެވެ.


Advertisement
- ކޮމެންޓް