Advertisement
ކ. މާލެ
|
27 ޑިސެންބަރ 2021 | ހޯމަ 07:46
އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާގެ ތެރެއިން،
އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާގެ ތެރެއިން،
ރައީސް އޮފީސް
ދިގު މުއްދަތަށް ޚިދުމަތް ކުރެއްވި ބޭފުޅުން
ދިގު މުއްދަތަށް ޚިދުމަތް ކުރެއްވި 106 ބޭފުޅަކަށް ރައީސް، ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވައިފި
50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރައްވައިފައިވާ 2 ބޭފުޅަކު ހިމެނިވަޑައިގަތް
އިނާމު ލިބިވަޑައިގެންނެވި 106 ބޭފުޅުންގެ ތެރެއިން 26 ބޭފުޅުންނަކީ އަންހެން ބޭފުޅުން

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަން ކުރައްވައި 106 ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވައިފިއެވެ.

އެބޭފުޅުންނަށް ޝަރަފުގެ ބެޖާއި އައްޑަން ދެއްވީ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި އާދިއްތަ ދުވަހުގެރޭ ޖުމްހޫރީ މައިދާނުގައި ބޭއްވެވި ރަސްމީ ޖަލްސާގައެވެ.

މިއީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ގާބިލުކަމާއި، އިޚްލާޞްތެރިކަމާއެކު ކުރައްވައިފައިވާ ޚިދުމަތްތަކަށާއި، އެބޭފުޅަކު ވަޒީފާ އަދާކުރެއްވި މުއައްސަސާގެ ކުރިއެރުމަށް ކުރައްވައިފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ގައުމީ ފެންވަރުގައި، ދިވެހި ދައުލަތުން ރައީސް ދެއްވަން ފެށްޓެވި ޝަރަފުވެރި އިނާމެކެވެ.

އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރައްވައިފައިވާ 2 ބޭފުޅަކު ހިމެނިވަޑައިގަތެވެ. އެ ބޭފުޅުންނަކީ ހއ. އުލިގަމު މެޖިސްޓްރޭޓް (ރިޓަޔަރޑް) އިދުރީސް އާދަމާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ އެޓް ލާޖްގެ މަގާމުގައި ހުންނެވި މާފަންނު މާހުރާ އަޙްމަދު ސަލީމެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރެއްވުމުގެ އިނާމު ލިބިވަޑައިގެންނެވި 106 ބޭފުޅުންގެ ތެރެއިން 26 ބޭފުޅުންނަކީ އަންހެން ބޭފުޅުންނެވެ. ދިވެހި ދައުލަތަށް ޚިދުމަތް ކުރެއްވުމުގެ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި، ދައުލަތުގެ އެކި މުއައްސަސާތަކުގައި އެކި ފެންވަރުގެ މަގާމުތައް ފުރުއްވައިފައިވާ ބޭފުޅުން ހިމެނިވަޑައިގެންނެވިއެވެ. އެގޮތުން، އެމް.އެން.ޑީއެފް.އާއި، ދިވެހި ފުލުހުންގެ ޚިދުމަތާއި، އެހެނިހެން މުއައްސަސާތަކުގެ ގިނަ ޢަދަދެއްގެ ބޭފުޅުންނަށް ވެސް މިރޭ އިނާމު ލިބިވަޑައިގަތެވެ.

Advertisement

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ބޭފުޅުން ހޮއްވެވުމުގެ މަސައްކަތް ކުރެއްވީ ގައުމީ އިނާމާބެހޭ ކޮމިޓީންނެވެ. މި ރަސްމިއްޔާތުގައި ރައީސް ވަނީ ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައިގެން ޝަރަފުގެ ބެޖާއި އައްޑަނަ ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް މަރުޙަބާ އާއި ތަހުނިޔާ ދަންނަވާފައެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރެއްވުމުގެ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންގެ އަދަދު ގިނަކަމާއެކު، ގައުމީ ފެންވަރުގައި ބޭއްވޭ ދެ ޖަލްސާއެއްގައި އިނާމު ދެއްވާގޮތަށް ރައީސް ވަނީ ނިންމަވާފައެވެ. އެގޮތުން، މިދިޔަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި، 117 ބޭފުޅަކަށް ދައުލަތަށް ޚިދުމަތް ކުރެއްވުމުގެ އިނާމު ވަނީ ދެއްވާފައެވެ. އަދި މިޖަލްސާގައި އިނާމު ދެއްވީ ބާކީ ތިބި 106 ބޭފުޅުންނަށެވެ.

ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ޖަލްސާގައި، 2004 ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި މި ދުނިޔެ ދޫކުރި މީހުންގެ ހަނދާނުގައި 1 މިނެޓުގެ ސުކޫތެއް ގެންނެވިއެވެ. އަދި އެއްބައިވަންތަކަމުގެ ދުވަހާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ވީޑިއޯ ރިޕޯޓެއް ދެއްކިއެވެ.

މީގެއިތުރުން، މި ޑިސެންބަރު މަހުގެ 20 ވަނަ ދުވަހު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢުމަރު ޒާހިރު، ދިވެހި ދައުލަތަށާއި، ދިވެހި ގައުމަށާއި، ދިވެހި ރައްޔިތުންނަށް ކޮށްދެއްވި އިޚްލާޞްތެރި ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން، އެ މަނިކުފާނުގެ ޚިދުމަތްތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ ވީޑިއޯ ރިޕޯޓެއް ވެސް މި ޖަލްސާގައި ވަނީ ދައްކާފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް