Advertisement
ކ. މާލެ
|
26 ޑިސެންބަރ 2021 | އާދީއްތަ 22:59
އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ،
އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ،
ރައީސް އޮފީސް
ފިނިޝިންގެ މަސައްކަތަށް އިތުރު ތިން މަސް
ހިޔާ ފްލެޓްގެ އެތެރޭގެ މަސައްކަތްތައް ނިންމުމަށް ކުލި ނުނަގާ އިތުރު ތިން މަސް ދިނުމަށް ރައީސް ނިންމަވައިފި
މިފެށޭ އަހަރުގެ މާރިޗު މަސް ނިމޭއިރު، ފިނިޝިންގެ މަސައްކަތް ނިންމޭނެ ކަމަށް ބެލެވޭ
ހިޔާ ފްލެޓްތަކަށް ބަދަލުވާ މީހުންގެ ހުރި ކަންބޮޑުވުންތަކާއި ދަތިތައް ހައްލުކުރުމުގެ ގޮތުން ނިންމި ނިންމުމެއް
ދިވެހިންގެ މެދުގައި އެއްބައިވަންތަކަން ދެމެހެއްޓުމަކީ ސަރުކާރުގެ ވަރަށް އިސް ސިޔާސަތެއް

ހިޔާ ފްލެޓުން ކުލި ނުނަގައި އިތުރު ތިން މަސްދުވަސް، ފްލެޓްތަކުގެ ވެރިންނަށް ދޭން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިކަން އެމަނިކުފާނު އިއުލާން ކުރެއްވީ، ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އާދިއްތަ ދުވަހުގެ ރޭ ޖުމްހޫރީ މައިދާނުގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement

ރައީސް ސޯލިހު ވިދާޅުވީ ހިޔާ ފްލެޓްތަކަށް ދިރިއުޅުން ބަދަލުކުރާ މީހުންގެ ހުރި ކަންބޮޑުވުންތަކާއި ދަތިތައް ހައްލުކުރުމުގެ ގޮތުން ފްލެޓްތައް ނިންމުމަށް، ކުލި ނުނަގައި އިތުރު ތިން މަސްދުވަސް، ފްލެޓްތަކުގެ ވެރިންނަށް ދޭން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އަދި މިފެށޭ އަހަރުގެ މާރިޗު މަސް ނިމޭއިރު، ފްލެޓްތަކުގެ ފިނިޝިންގ މަސައްކަތް ނިންމައި އެތަނުގައި ފްލެޓް ލިބުނު ފަރާތްތަކަށް ދިރިއުޅެން ފެށޭވަރު ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

އެއްބައިވަންތަކަމުގެ ދުވަހަށް އިޝާރަތް ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ މިދުވަސް ފާހަގަކުރަނީ 2004 ވަނަ އަހަރު ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު އެރި ސުނާމީގައި ރާއްޖެއަށް ކުރިމަތިވި ވަރަށް ބިރުވެރި ވަރަށް ނުރައްކާތެރި ކާރިސާއަކުން ސަލާމަތްވުމުގައި ދިވެހިން ދެއްކި އެއްބައިވަންތަކަން ހަނދާންކުރުމުގެ ގޮތުން ކަމަށެވެ. އަދި، ސުނާމީ ކާރިސާގައި 190 ރަށަކަށް އެކިވަރުގެ ގެއްލުންތައް ލިބުނުކަމަށާއި، ސުނާމީ އަރައިގެން އައި ވަގުތުވެސް، މީހުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމުގައި އެކަކު އަނެކަކަށް އެހީތެރިވެދިނީ އެއް އާއިލާއެއްގެ މީހުން ފަދައިން އެއްބައިވަންތަކަން އިސްކޮށްގެންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ދިވެހިންގެ މެދުގައި އެއްބައިވަންތަކަން ދެމެހެއްޓުމަކީ ސަރުކާރުގެ ވަރަށް އިސް ސިޔާސަތެއްކަމަށާއި، އަދި ސަރުކާރު، ސަރުކާރެއްގެ ގޮތުގައި މަސައްކަތްކުރުމަކީ ދައުލަތެއްގައި ޝާމިލްވާ އެންމެންގެ އަޑު އަހައި، އެންމެންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދޭން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ރައީސް ވަނީ ސުނާމީގައި ލިބުނު ގެއްލުންތަކުގެ ސަބަބުން، ފަނަރަ ހާހަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލި އަލުން އާރާސްތުކުރުން އުނދަގޫ މިންވަރަކަށް ފަސް ރަށެއް ހަލާކުވެގެން ދިޔަކަމުގައި ވިދާޅުވެފައެވެ. އަދި، ބައެއް މީހުން ޢުމުރުދުވަހުގެ މަސައްކަތުން ކޮޅަށް ޖެހި ދިރިއުޅުން، ހިނދުކޮޅެއްގެ ތެރޭގައި ސުންނާފަތިވެ، އަމިއްލަ ފުރާނަ ނޫނީ ސަލާމަތެއް ނުކުރެވުނުކަމަށާއި، އެތައް ހާސް ބައެއްގެ އަތްމަތި މުޅިން ހުސްވެގެން ދިޔައިރު އެމީހުންގެ ދިރިއުޅުން އަލުން ކޮޅަށްޖެހުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ ދިވެހިންގެ ތެރޭގައި މިއޮތް އެކުވެރިކަމާއި އޯގާތެރިކަން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ކޮވިޑް-19ގެ ބަލިމަޑުކަމުގައި ރާއްޖޭގެ މިހާރުގެ ޙާލަތައް އަލިއަޅުއްވާލައްވާ ރައީސް ސޯލިހު ވިދާޅުވީ ކޮވިޑްގެ ދަތިކަމުގެ ތެރޭގައިވެސް ދިވެހިންނަށް ލިބުނު އެންމެ ބޮޑު ތަސައްލީއަކީ، އަޅުގަނޑުމެންގެ ތެރޭގައި އޮތް އެއްބައިވަންތަކަން ކަމަށާއި ގޭގެއަށް ބޭނުންވާ ކާބޯތަކެއްޗާއި ބޯފެނާއި އެނޫން ތަކެތި ފޯރުކޮށްދިނުމުގައި، ހިލޭ ސާބަހަށް މަސައްކަތްކުރި އެތައް ބަޔަކު އަޅުގަނޑުމެންގެ ތެރޭގައި އެބަތިބި ކަމަށެވެ. އެހެންކަމުން އެ ބޭފުޅުންގެ މަސައްކަތް ފާހަގަކުރައްވައި ރައީސް ވަނީ ޝުކުރުއަދާ ކުރައްވާފައެވެ.

ކޮވިޑުން ރައްކާތެރިވުމަށް ކުރާ މަސައްކަތުގައި، މި ސަރަހައްދުގެ ގައުމުތަކާ އަޅައިބަލާއިރު ރާއްޖެއިން އެކަށީގެންވާ ކުރިއެރުމެއް ހޯދާފައިވާކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ މިހާރު ރާއްޖެ އޮތް ޙާލަތަށް ބަލާއިރު، އިގްތިސާދީ ނަޒަރަކުން ވިސްނާނަމަ، ރާއްޖެ މިއޮތީ ވަރަށް އުންމީދީ ހިސާބެއްގައި ކަމަށާއި، ކޮވިޑްގެ ކުރިން އޮތް ޙާލަތަށް ނުވަތަ އެއަށް ވުރެ ރަނގަޅު ހާލަތަކަށް، ގައުމުގެ އިގްތިޞާދު ގެންދިއުމަށް، އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭކަމަށެވެ. އަދި މިއީ ގައުމީ މަސްލަހަތު އިސްކޮށް، އެންމެން އެއް އަޒުމެއްގައި އެއް ވާނެއްގައި މަސައްކަތް ކުރަންވީ ވަގުތުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ނައިބު ރައީސް ފައިޞަލް ނަސީމާއި ދައުލަތުގެ ވަޒީރުން ވަނީ ބައިވެރިވެވަޑައިގެންނަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
- ކޮމެންޓް