ކ. މާލެ
|
26 ޑިސެންބަރ 2021 | އާދީއްތަ 19:02
އެންޓި ކޮރަޕްޝަން ކޮމިޝަން
އެންޓި ކޮރަޕްޝަން ކޮމިޝަން
އަވަސް
އޭސީސީގެ މައްސަލަތައް
އޭސީސީގެ މައްސަލަތައް: ކޮރަޕްޝަން އެކުލެވިގެން ނުވާކަމަށް ނިންމަނީ ޕްރިލިމިނަރީ އިވެލުއޭޝަން މަރުހަލާ ހަރުދަނާ ނުވެގެންނެއް ނޫން
އެއީ އިޚްތިސާސްގެ ތެރޭގައި ހިމެނޭ ޝަކުވާއެއްތޯ ބަލާނެ
މައްސަލައެއްގައި ދައުވާ ކުރެވޭނެކަމަށް ޔަގީންކަމާއެކީ ބުނުމަކީ ކުރެވޭނެކަމެއް ނޫން
ޕަރފޯމަންސް ވަޒަންކުރާ ހަމައެކަނި މިންގަނޑު ބިނާވަނީ ތަހުގީގު ކުރާ މައްސަލަތައް ޕީޖީ އޮފީހަށް ފޮނުވުމާއި ނުފޮނުވުމުގެ މައްޗަކަށް ނޫން

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހެޅޭ ޝަކުވާތައް ވަޒަންކުރުމަށްފަހު ތަހުގީގުކޮށް ކޮރަޕްޝަން އެކުލެވިގެން ނުވާކަމަށް ނިންމާފައިވުމަކީ ޕްރިލިމިނަރީ އިވެލުއޭޝަން މަރުހަލާ ހަރުދަނާ ނުވެގެން ހިނގާ ކަމެއް ނޫން ކަމަށް އެކޮމިޝަނުން ބުނެފިއެވެ.

އޭސީސީން ތަހުގީގުކުރަމުންދާ މައްސަލަތައް ތަހުގީގުކުރުމުގައި އަމަލުކުރަމުންދާ ގޮތާއި، ކޮމިޝަނުގެ މެންޑޭޓުގައި ހިމެނޭ ކަންކަން ހާސިލުކުރުމަށް ކޮމިޝަނަށް ލިބިފައިވާ ވަސީލަތްތައް ބޭނުންކޮށްގެން ނަތީޖާ ނެރެމުންދާ މިންވަރު ދެނެގަތުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކުރިއަށްގެންގޮސް އާންމުކޮށްފައިވާ ޕަރފޯމަންސް އޮޑިޓާ ގުޅޭގޮތުން އޭސީސީން ބުނީ، 2008 ވަނަ އަހަރުގައި ކޮމިޝަނުގެ ގާނޫނު ތަސްދީގުވެގެން އައިއިރު ގާނޫނު އޮތްގޮތުން، ކޮމިޝަނުން ކުރާ ދިރާސާތަކުގެ އަލީގައި އިދާރާތަކުން އަންގާ އެންގުންތަކާމެދު އަމަލުނުކޮށްގެން ފިޔަވަޅު އެޅުމުގެ ބާރު ދީފައިނުވާތީ، އެކަންކަން އޭރުގައި ކުރިއަށްގެންގޮސްފައި ނުވާ ކަމަށެވެ. ނަމަވެސް، 2020 ސެޕްޓެންބަރު މަހުގައި ތަސްދީގުކުރި (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު)އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. ކޮމިޝަނުން ކުރިއަށްގެންދާ ރިސްކު އެސެސްމަންޓްތަކުގެ އަލީގައި ދައުލަތުގެ އިދާރާތަކަށް އަންގާ އެންގުންތަކާމެދު 2020 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި ކޮމިޝަނުގެ ގާނޫނަށް ގެނައި ފުރަތަމަ އިސްލާހުގެ ކުރިން ފިޔަވަޅުއެޅުމަށް ގާނޫނީގޮތުން ހުރަސްތަކެއް ހުރިއިރު، އެކަންކަމަށް އޮޑިޓުގައި ރިއާޔަތްކޮށްފައިނުވާ ކަމަށް އޭސީސީން ބުނެއެވެ. އަދި ގާނޫނަށް އައި ބަދަލާއެކު ރިސްކް އެސެސްމަންޓުތަކުން ފާހަގަވާ ކަންކަމާމެދު އިދާރާތަކުން އަމަލުކުރަމުންދާ މިންވަރު ބެލުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

އޭސީސީން ބުނީ އޮޑިޓް ރިޕޯޓްގެ "ފާހަގަކުރެވުނު މައިގަނޑު ކަންތައްތަކާއި އިސްލާހުކުރަން ލަފާދޭ ގޮތް"ގެ 1 ވަނަ ނަންބަރުގައި، "2015 ޖަނަވަރީ 01 އިން 2020 ޖުލައި 31 އަށް ކޮމިޝަނުގައި ރަޖިސްޓަރީކޮށްފައިވާ 7,113 ޝަކުވާގެ ތެރެއިން 5,476 މައްސަލަ ތަހުގީގުކޮށް ނިންމާފައިވާ ކަމަށެވެ. ދައުވާކުރެވޭ މިންވަރަށް ފުރިހަމަ ކުރެވި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ ރަޖިސްޓަރީކުރެވުނު މައްސަލަތަކުގެ ތެރެއިން 1 އިންސައްތަ" ކަން ފާހަގަކުރެވިފައިވާތީ، މިހެން ދިމާވާ މައިގަނޑު ސަބަބަކީ ޕްރިލިމިނަރީ އިވެލުއޭޝަން މަރުހަލާ ހަރުދަނާ ނުވުންކަމަށް ދޭހަވާގޮތަށް ރިޕޯޓުގައި ފާހަގަކޮށްފައިވާތީ އެކަމަށް އިޝާރާތްކޮށް އޭސީސީން ބުނީ, ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތައް ވަޒަންކުރުމަށްފަހު ތަހުގީގުކުރަން ނިންމާ މައްސަލަތަކުގެ ތަހުގީގު ނިންމާއިރު ކޮރަޕްޝަން އެކުލެވިގެން ނުވާކަމަށް ނިންމާފައިވުމަކީ، ޕްރިލިމިނަރީ އިވެލުއޭޝަން މަރުހަލާ ހަރުދަނާ ނުވެގެން ހިނގާ ކަމެއް ނޫން ކަމަށެވެ. ޕްރިލިމިނަރީ އިވެލުއޭޝަން މަރުހަލާގައި ޝަކުވާ ވަޒަންކުރާއިރު ބަލާނީ، ހުށަހަޅާ ޝަކުވާއަކީ ކޮމިޝަނުގެ އިޚްތިސާސްގެ ތެރޭގައި ހިމެނޭ ޝަކުވާއެއްތޯއާއި، ތުހުމަތަށް ބާރުލިބޭ ޝަކުވާއެއްތޯއާއި، ޝަކުވާއާ ގުޅޭގޮތުން އިތުރަށް ތަހުގީގުކުރަންޖެހޭ ކަމެއް އޮތްތޯ ކަމަށެވެ. އަދި އެކަށީގެންވާ ތުހުމަތެއް އޮތްނަމަ އެފަދަ ކޮންމެ ޝަކުވާއެއް އިތުރަށް ތަހުގީގުކުރުމަށް ނިންމާ ކަމަށާއި، ހެކި ހޯދުމާއި، މީހުންނާ ސުވާލުކުރުން ފަދަ މަރުހަލާތައް ކުރިއަށްގެންދާނީ ތަހުގީގު މަރުހަލާގައި ކަމަށް އޭސީސީން ބުނެއެވެ.

އޭސީސީން ބުނީ ތަހުގީގުކުރާ އިދާރާއެއްގެ ޕަރފޯމަންސް ވަޒަންކުރާ ހަމައެކަނި މިންގަނޑު ބިނާވަނީ ތަހުގީގު ކުރާ މައްސަލަތައް ޕީޖީ އޮފީހަށް ފޮނުވުމާއި ނުފޮނުވުމުގެ މައްޗަށްކަމަށް ދެކުމަކީ ހަމަޖެހޭކަމެއް ނޫން ކަމަށެވެ. އޮޑިޓު ރިޕޯޓުން ދޭހަވަނީ، ޝަކުވާ ވަޒަންކޮށް އިތުރަށް ތަހުގީގުކުރާނީތޯ ނުކުރާނީތޯ ނިންމާ މަރުހަލާ ހަރުދަނާނަމަ، ތަހުގީގުކުރަން ނިންމާ ކޮންމެ މައްސަލައެއްގައި ދައުވާއެއް ކުރެވޭނެކަމެވެ.

އޭސީސީން ބުނީ ޕަރފޯމަންސް އޮޑިޓާ ގުޅިގެން އޮޑިޓް އޮފީހާއެކު ބޭއްވި ބައްދަލުވުންތަކުގައި، ތަކުރާރުކޮށް އެކަން ފާހަގަކޮށްފައިވާ ފަދައިން، ޝަކުވާ ވަޒަންކުރާ މަރުހަލާއަކީ ހުށަހެޅޭ ޝަކުވާގައި ކޮށްފައިވާ ތުހުމަތަކީ އިތުރަށް ބަލަންޖެހޭފަދަ އަސާސެއް އޮތް ޝަކުވާއެއްތޯ ވަޒަންކުރާ މަރުހަލާ ކަމަށެވެ. އަދި މި މަރުހަލާގައި ބަލާ ބެލުންތަކަށްފަހު އިތުރަށް ތަހުގީގު ކުރަންޖެހޭފަދަ އަސާސެއް ނެތްކަމަށް ކަނޑައަޅާފައިވެސް ހުންނާނެ ކަމަށް އޭސީސީން ބުނެއެވެ. މި މަރުހަލާގައި އިތުރަށް އެ ޝަކުވާއެއް ތަހުގީގުކުރަން ކަނޑައަޅައިފިނަމަ، ދެން އެ ޝަކުވާއެއް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރުމަށް ހަވާލުކުރެވޭނެ ކަމަށެވެ.

އޭސީސީން ބުނީ ޖިނާއީ މައްސަލަތައް ތަހުގީގުކުރާ ފަރާތްތަކަކީ، އެފަރާތްތަކުގެ ކުރިމައްޗަށް ހުށަހެޅިފައިވާ މައްސަލާގައި ހިމެނޭ ކުށް ހަގީގަތުގައިވެސް ހިނގާފައިވޭތޯއާއި، އެކަމުގެ ޒިންމާވާންޖެހޭ ފަރާތްތަކަކީ ކޮބައިތޯ ދެނެގަނެ ކަމުގެ ހަގީގަތް ހޯދުމަށް މަސައްކަތްކުރާ ބަޔަކަށް ވާއިރު، އެ މަސައްކަތް ކުރާ ފަރާތްތަކަކީ އެ މައްސަލައާމެދު މާ ކުރިއާލައި ވަކި އަތަކަށް ޖެހި، މައްސަލާގައި ނިކުންނާނީ ވަކި ނަތީޖާއެއްކަމަށް ނިންމައިގެން މަސައްކަތް ކުރެވޭނެ މީހުންނެއް ނޫން ކަމަށެވެ. މިއީ ތަހުގީގު ކުރާ ފަރާތްތަކުގެ އެތިކަލް މިންގަނޑުތަކާ ޚިލާފުކަމެއް ކަމަށާއި، މައްސަލައެއް ތަހުގީގުކުރަން ފަށާއިރު، އެ މައްސަލައެއްގައި ދައުވާ ކުރެވޭނެކަމަށް ޔަގީންކަމާއެކީ ބުނުމަކީ ކުރެވޭނެކަމެއް ނޫން ކަމަށް އޭސީސީން ބުނެއެވެ.

އޭސީސީން ބުނީ ވަޒަންކުރެވޭ ޝަކުވާތަކުގެ ތެރެއިން އިތުރަށް ތަހުގީގުކުރަން ނިންމާފައިވާ މައްސަލައެއްގައި ކޮރަޕްޝަންގެ އަމަލެއް ހިނގާފައިވާކަމަށް ޖިނާއީ މިންގަނޑަކުން ސާބިތުކުރެވޭ މިންވަރަށް ހެކި ނެތްނަމަ އެ މައްސަލައެއްގައި ކޮރަޕްޝަންގެ އަމަލެއް ނެތް ކަމަށް ނިންމާ ނިންމުމުގެ މައްޗަށް ބިނާކޮށް، އެ މައްސަލައެއްގައި ކޮމިޝަނުން ކޮށްފައިވާ މަސައްކަތަކީ ބޭކާރު މަސައްކަތެއްކަން ދޭހަވާގޮތަށް ބުނެދިނުމަކީ ޖިނާއީ ތަހުގީގުގެ ވައްޓަފާޅިއާއި ތަހުގީގުގެ މިންގަނޑުތަކާއި ކަން ހިނގާގޮތާމެދު ރަނގަޅަށް ހޭލުންތެރިނުވެ ބުނެފައިވާ ބުނުމެއް ކަމަށެވެ.

އޭސީސީން ބުނީ ކޮރަޕްޝަނުގެ އަމަލެއްކަމަށް ޝައްކުކުރެވޭ އެކަށީގެންވާ ތުހުމަތެއް އޮވެގެން މައްސަލައެއް ތަހުގީގުކުރުމާއި، އެ މައްސަލައެއްގައި ދައުވާއެއް އުފުލުމާ މި ދެ ކަމަކީ ދެ މިންގަނޑަކުން ބެލޭ ދެ ކަމެވެ. އެގޮތުން، ކުށެއް ކުރިކަމަށް ޝައްކު ކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރިނަމަ އެ ކުށެއް ތަހުގީގުކުރެވިދާނެ ކަމަށެވެ. ނަމަވެސް ތުހުމަތުކުރެވޭ ކުށުގެ ދައުވާއެއް ކުރެވޭނީ އެ ކުށް ކުރިކަން ސާބިތުކޮށްދޭންޖެހޭ މިންގަނޑުކަމުގައިވާ، އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުކުރެވޭވަރުގެ ހެއްކާއި ގަރީނާ ހުރެގެން ކަމަށް އޭސީސީން ބުނެއެވެ. އެހެންކަމުން މައްސަލައެއް ތަހުގީގުކުރަން ނިންމާއިރު އެ މައްސަލާގައި ދައުވާއެއް ކުރެވޭވަރަށް އެ މިންގަނޑަށް ހެކިހުރިތޯ ނޫންތޯ ކަނޑައެއްނޭޅޭނެ ކަމަށާއި، އެކަން ކަނޑައެޅޭނީ ތަހުގީގު ފުރިހަމަކުރުމަށްފަހު ކަމަށް އޭސީސީން ބުނެއެވެ. އަދި މައްސަލައެއްގައި އެ މިންގަނޑަށް ހެއްކާއި ގަރީނާ ނުހުރެދާނެ ނުވަތަ ނުލިބިދާނެ ނުވަތަ އެފަދަ ކުށަކަށް ތުހުމަތުކުރެވިގެން ނުވަތަ ޝައްކުވެގެން ކޮމިޝަނަށް ޝަކުވާ ހުށަހަޅަން މެދުވެރިވީ ކޮންމެހެން ޖިނާއީ ޒިންމާ އުފުލަންޖެހޭ ވަރުގެ ކަމެއް މީހަކު ކޮށްގެން ނޫންކަމަށްވެސް ވެދާނެ ކަމަށެވެ. ނަމަވެސް މިކަންކަން ރަނގަޅަށް ކަނޑައެޅޭނީ ކޮމިޝަނުން ބެލުމަށްފަހު ކަމަށް އޭސީސީން ބުނެއެވެ.

މީގެ އިތުރުންވެސް، ކޮރަޕްޝަންގެ ގިނަ އަމަލުތަކަކީ، ކުށް ކުރެވޭގޮތަށް ބައްޓަންވެފައިވާ ނިޒާމުތަކުގެ ތެރެއިން ނުވަތަ ކުށް ކުރިޔަނުދިނުމަށް ހުންނަ އެކިކަހަލަ ނިޒާމުތަކުގެ ނަހަމަ ބޭނުންކޮށްގެން ހިންގާ އަމަލުތަކަށްވާއިރު، ކޮމިޝަނުގެ ގާނޫނީ މަސްއޫލިއްޔަތުތައް ކަނޑައަޅާފައިވަނީ މިކަންކަމަށްވެސް އެޑްރެސް ކުރެވޭގޮތަށް އޭސީސީން ބުނެއެވެ. އެގޮތުން، މައްސަލައެއްގައި ދަޢުވާކުރެވޭނެކަމަށް ގަބޫލުކުރެވޭ މިންވަރަށް ހެކި ލިބިފައިނުވިނަމަވެސް، އަދި ދައުވާއެއް ކުރެވޭނެކަމަށް ކޮމިޝަނަށް ގަބޫލުކުރެވޭ މިންވަރަށް ހެކި ހުރެގެން ދައުވާކޮށްދޭން އެދި ފޮނުވާ މައްސަލަތަކުގައިވެސް، ކޮމިޝަނުގެ ގާނޫނުން ލާޒިމްކޮށްފައިވަނީ، އެ މައްސަލައެއް ހިނގަން މެދުވެރިވީ އެ ތަނެއްގެ އިދާރީ އިންތިޒާމްތަކުގެ ތެރޭގައި ހުރި މައްސަލައެއްގެ ސަބަބުން ކަމުގައިވާނަމަ އެކަމެއް ފާހަގަކޮށް އިސްލާހުކުރަން އެންގުމަށެވެ. ކޮރަޕްޝަނުގެ އަމަލެއް ނެތްކަމަށް މައްސަލަ ނިމުމަކީ ކޮމިޝަނަށް އެއްވެސް ނަތީޖާއެއް ނުނެރެވޭ ކަމެއް ކަމަށް ދެއްކުމަކީ 2008 ވަނަ އަހަރު އައު ގާނޫނުއަސާސީއިންނާއި ކޮމިޝަނުގެ ގާނޫނުން ތަސައްވަރުކޮށް ގާއިމްކޮށްފައިވާ އޭސީސީން ގާއިމްކުރުމުގެ މަގުސަދުތަކަށް އެއްވެސް ބެލުމެއް ނެތި، އަދި މުޅި ނިޒާމު މިހާތަނަށް ރޭވި ހިނގަމުން އައި ގޮތަށް ބެލުމެއް ނެތި، ބުނެފައިވާ ބުނުމެއް ކަމަށް އޭސީސީން ބުނެއެވެ.

ޕަރފޯމަންސް އޮޑިޓު ރިޕޯޓުގައި، 1 ޖަނަވަރީ 2015 އިން ފެށިގެން 31 ޖުލައި 2020 ގެ ނިޔަލަށް ރަޖިސްޓްރީކޮށްފައިވާ މައްސަލަތަކުގެ ތެރެއިން 76 މައްސަލައެއް އޮޑިޓް ސާމްޕަލްގެ ގޮތުގައި ނަގައި، އޭގެ ތެރެއިން ތަހުގީގު މަރުހަލާއަށް ގޮސްފައިވާ 23 މައްސަލައިގެ ތަހުގީގު ފުރިހަމަކުރުމަށް މީޑިއަން އެވްރެޖް 321 ދުވަސް ހިނގާފައިވާކަމާއި، މި 23 މައްސަލާއިގެ މައްޗަށް މައްސަލަތައް ލަސްވާކަމަށް ފާހަގަކޮށްފައިވާއިރު، 1 ޖަނަވަރީ 2015އިން ފެށިގެން 31 ޖުލައި 2020ގެ ނިޔަލަށް 7113 މައްސަލަ ރަޖިސްޓްރީކޮށްފައިވާއިރު، އޭގެތެރެއިން އޮޑިޓް ސާމްޕަލް ސައިޒުގެ ގޮތުގައި 23 މައްސަލަ ނަގާފައިވާތީ، އެއީ ކޮމިޝަނުގެ ޕަރފޯމަންސްއަށް ޖުމްލަކޮށް ބަސްބުނެވޭވަރުގެ ސާމްޕަލް ސައިޒެއްކަމުގައި އޭސީސީން ގަބޫލުނުކުރާ ކަމަށެވެ. އެގޮތުން، އޮޑިޓުގެ ސާމްޕަލް ސައިޒުގެ ގޮތުގައި ނަގާފައިވާ މައްސަލަތައް ދެނެގަތުމަށް އެ މައްސަލަތަކުގެ މައުލޫމާތު ކޮމިޝަނާ ހިއްސާކޮށްދިނުމަށް އެދި އޮޑިޓަރ ޖެނެރަލްގެ އޮފީހުގައި ލިޔުމުން އެދިފައިވީނަމަވެސް، އެ މައުލޫމާތު ހިއްސާކޮށްފައިނުވާ ކަމަށް އޭސީސީން ބުނެއެވެ.

އޭސީސީއަށް ކޮރަޕްޝަންގެ ތަފާތު ބާވަތްތަކުގެ މައްސަލަތައް ހުށަހެޅޭއިރު، ހުރިހާ މައްސަލަތަކަކީ އެއް މިންގަނޑަކުން މިންކުރެވޭނެ މައްސަލަތަކެއް ނޫން ކަމަށެވެ. އެގޮތުން ތަފާތު ބާވަތްތަކުގެ މައްސަލަތަކާއި، ހާދިސާ ހިނގާފައިވާ ތާރީޚުތަކާއި، މައްސަލާގައި ހިމެނޭ ފައިސާގެ ކުޑަބޮޑުމިނާއި، ނިސްބަތްވާ ސަރަހައްދު އަދި އިދާރާތަކުގެ ސަބަބުން، މައްސަލަތައް ކެޓަގަރައިޒްކުރާއިރު މައްސަލަތަކުގެ ކުޑަބޮޑުމިނަށް ތަފާތުތަކެއް އަންނާނެ ކަމަށް އޭސީސީން ބުނެއެވެ. ނަމަވެސް، މިއިން އެއްވެސް ކަމަކަށް އޮޑިޓު ރިޕޯޓުގައި ރިއާޔަތްކޮށްފައިނުވެއެވެ.

އޭސީސީން ބުނީ އޮޑިޓުގެ ސްކޯޕްގެ ގޮތުގައި ބެލުމަށް ކަނޑައަޅާފައިވާ 2 ބަޔަށް އިންސާފު ކުރާނަމަ އަދި ކޮމިޝަނުގެ ޕާރފޯމަންސް ރަނގަޅަށް ވަޒަން ކުރާނަމަ ކޮމިޝަނަށް މަތިކޮށްފައިވާ ގާނޫނީ ޒިންމާތަކާއި އެކަންކަމުގައި ހުރި ޤާނޫނީ ގޮންޖެހުންތަކަށާއި ތަހުގީގާއި ގުޅިގެން ހޯދަންޖެހޭ ލިޔެކިއުން ހޯދުމަށާއި މީހުން ހާޒިރުކޮށް ބަޔާންނެގުން ފަދަ ކަންކަމުގައި ހުރި ދަތިތަކަށްވެސް ރިއާޔަތް ކުރަންޖެހޭނެ ކަމަށެވެ. އަދި ތަހުގީގުތަކުން ފެންނަ ކަންތައްތަކާއި ދިރާސާތަކުން ފެނި ކޮރަޕްޝަނުގެ ހިރާސް ކުޑަކުރުމުގެ ގޮތުން އިދާރާތަކަށް އަންގާ އެންގުންތަކަށް އެ ފަރާތްތަކުން އަމަލު ކުރާގޮތާއި ކޮމިޝަނަށް އެއްބާރުލުން ލިބޭތޯ ނުވަތަ ނުލިބޭތޯ ބެލެން ޖެހޭނެ ކަމަށާއި، މި ކަންކަމަށް އޮޑިޓުގައި ރިއާޔަތް ކޮށްފައި ނުވާ ކަމަށެވެ.

އޭސީސީން ބުނީ ކޮރަޕްޝަނުގެ އަމަލުތައް މަދުކުރުމަށް އޮތް އެންމެ މުހިންމު އެއް ފިޔަވަޅަކީ، ކޮރަޕްޝަން ޕްރިވެންޝަން ހަރުދަނާކުރުން ކަމަށާއި، މީގެ އަހަރުތަކެއް ކުރިން ކޮރަޕްޝަނުގެ އަމަލުތައް ވިޔަނުދިނުމަށްޓަކައި ދުރާލާ ސިޔާސަތުތަކެއް އެކުލަވާލައި ތަންފީޒު ކުރެވިފައިނުވުމަކީ ގައުމު މިއަދު މިއޮތް ހާލަތަށް އައުމަށް މެދުވެރިވި މައިގަނޑު ސަބަބުކަމުގައި ބެލެވޭނެ ކަމަށެވެ. ނަމަވެސް، ކޮމިޝަނުގެ މިހާރުގެ އެންމެ މުހިންމު އެއް އަމާޒަކީ، ކޮރަޕްޝަނާ ދެކޮޅަށް ރާއްޖޭގައި ޕްރިވެންޝަން އެޖެންޑާއެއް ތަންފީޒުކުރުން ކަމަށާއި، މިފަހަކަށް އައިސް، ކޮމިޝަނުގެ ފަރާތުން ކޮރަޕްޝަންގެ ހިރާސްބޮޑު ދާއިރާތަކަށް އަމާޒުކޮށްގެން ރިސްކް އެސެސްމަންޓުތައް ހަދައި އެ ރިސްކު އެސެސްމަންޓުތަކުގެ އަލީގައި ފާހަގަކުރެވުނު ކަންކަން އާންމުކޮށް، ކަމާބެހޭ ފަރާތްތަކާ ހިއްސާކޮށްފައިވާ ކަމަށް އޭސީސީން ބުނެއެވެ. އެގޮތުން، އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ކަނޑައަޅާ ހިންގުމުގެ އެސެސްމަންޓު، ސިޔާސީ ޕާޓީތަކުގެ މާލީ ނިޒާމުގެ ނަޒާހަތްތެރިކަން ހަރުދަނާކުރުން، މާލޭގެ ގޯއްޗާއި އިމާރާތް ރަޖިސްޓްރީކުރުން، ރާއްޖޭގެ އެސެޓް ޑިކްލަރޭޝަން ނިޒާމު ފަދަ ދިރާސާތައް ހިމެނޭކަން އޭސީސީން ފާހަގަކޮށްފައިވެއެވެ. މީގެއިތުރުން، ގައުމީ ފެންވަރެއްގައި ތަންފީޒުކުރާނެ އެންޓި-ކޮރަޕްޝަން ޕޮލިސީއެއްގެ މަސައްކަތްވެސް މިހާރު ނިމި، އާންމުކުރެވިފައިވާއިރު، މިކަންކަމަށް އޮޑިޓުގައި ރިއާޔަތްކޮށްފައިނުވެއެވެ.


Advertisement
- ކޮމެންޓް