ކ. މާލެ
|
26 ޑިސެންބަރ 2021 | އާދީއްތަ 18:13
އޭސީސީން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
އޭސީސީން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
އަބްދުﷲ އިރުފާން
އޭސީސީގެ ޕަރފޯމެންސް އޮޑިޓް
އޮޑިޓްގައި ބެލި މުއްދަތަކީ މިހާރުގެ މެމްބަރުން ތިބި މުއްދަތެއް ނޫން: އޭސީސީ
މިދައުރުގެ މެންބަރުކަމުގެ މުއްދަތުން ހިނގާފައިވަނީ 10 މަސް ދުވަސް
އޮޑިޓުގެ މެދުތެރެއިން ސްކޯޕް ބަދަލުކުރިކުރުން އޭސީސީއާ ހިއްސާކޮށްފައެއްނުވޭ
މި ހިނގާ ދައުރުގެ މެމްބަރުން މަގާމާ ހަވާލުވިއިރު އިވެލުއޭޝަން މަރުހަލާގައި ފިޔަވަޅެއް ނޭޅިހުރި 400އަށްވުރެ ގިނަ ޝަކުވާ އޮތް

އޮޑިޓްގައި ބެއްލެވި މުއްދަތުގެ 4 އަހަރާއި، 8 މަސްދުވަހަކީ ކޮމިޝަނުގައި މިހާރު ތިބި މެންބަރުން މަގާމުގައި ތިބި މުއްދަތެއް ނޫންކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެފިއެވެ.

އޭސީސީން ތަހުގީގުކުރަމުންދާ މައްސަލަތައް ތަހުގީގުކުރުމުގައި އަމަލުކުރަމުންދާ ގޮތާއި، ކޮމިޝަނުގެ މެންޑޭޓުގައި ހިމެނޭ ކަންކަން ހާސިލުކުރުމަށް ކޮމިޝަނަށް ލިބިފައިވާ ވަސީލަތްތައް ބޭނުންކޮށްގެން ނަތީޖާ ނެރެމުންދާ މިންވަރު ދެނެގަތުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކުރިއަށްގެންގޮސް އާންމުކޮށްފައިވާ ޕަރފޯމަންސް އޮޑިޓާ ގުޅޭގޮތުން އޭސީސީން ބުނީ، މިއަދާ ހަމައަށް ކޮމިޝަނުގެ މިދައުރުގެ މެންބަރުންގެ މުއްދަތުގެ ތެރެއިން މިވީ 2 އަހަރާއި 3 މަހާއި 17 ދުވަސްކަމަށްވާއިރު، 31 ޖުލައި 2020އާ ހަމައަށް މިދައުރުގެ މެންބަރުކަމުގެ މުއްދަތުން ހިނގާފައިވަނީ 10 މަސް ދުވަސްކަން ފާހަގަކުރާކަމަށެވެ.

އޮޑިޓު ރިޕޯޓުގައި، އޮޑިޓުގެ ސްކޯޕު (އޮޑިޓު ކުރެވޭ މުއްދަތު) އޭސީސީއާ ހިއްސާކޮށްފައިވާކަމަށް ބުނެފައިވާއިރު، އޮޑިޓު ފެށުމަށް ކޮމިޝަނާއެކު ބޭއްވި ބައްދަލުވުމުގައި، އޮޑިޓުގެ ސްކޯޕަކީ 2015އިން ފެށިގެން 2019ގެ ނިޔަލަށް ކަމަށް ބުނެފައިވާ ކަމަށެވެ. އެހެންކަމުން، އޮޑިޓުގެ ސްކޯޕް ބަދަލުކޮށް، 2020 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ސްކޯޕު ފުޅާކޮށްފައިވަނީ ކޮމިޝަނާ މަޝްވަރާކޮށް އެއްބަސްވިގޮތާ ޚިލާފަށްކަމަށް އޭސީސީން ބުނެއެވެ. އަދި، ބައެއް ކަންކަން 2020ގެ ނިޔަލަށް ބަލާފައިވާކަމަށް ބަޔާންކޮށްފައިވާއިރު، އެގޮތުން ބަލާފައިވާ ބައެއް ކަންކަމަކީ ކޮބައިކަމާއި، އޮޑިޓުގެ މެދުތެރެއިން ސްކޯޕު ބަދަލުކުރިކުރުން އޭސީސީއާ ހިއްސާކޮށްފައިނުވާ ކަމަށެވެ. އޭސީސީން ބުނީ މި އޮޑިޓުގެ ފައިންޑިންގސްއަށް ކޮމެންޓްކުރުމަށް ލިބުނު ފުރުސަތުގައި އެކަން ފާހަގަކޮށްފައިވާ ކަމަށެވެ.

އޭސީސީން ބުނީ، ރިޕޯޓުގައި އޮޑިޓުގެ ސްކޯޕް ކަމުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރެއިން މި ހިނގަމުންދާ ދައުރުގެ މެމްބަރުން އައްޔަންކުރިފަހުން (ސެޕްޓެންބަރު 2019އިން ޖުލައި 2020ގެ ނިޔަލަށް) ހިނގައިދިޔަ މުއްދަތުގެ ތެރެއިން 4 މަސް ދުވަހަކީ، ކޮވިޑް-19ގެ ސަބަބުން މާލޭގެ ސަރަހައްދު ލޮކްޑައުންކުރުމާ ގުޅިގެން ސަރުކާރު އޮފީސްތައް ބަންދުކޮށްފައިވާ މުއްދަތެއް ކަމަށެވެ. މި މުއްދަތުގައި ކޮމިޝަނުގެ މަސައްކަތްތަކަށް ޚާއްސަގޮތެއްގައި ތަހުގީގުތަކަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވި ކަމަށް އޭސީސީން ބުނެއެވެ. އެގޮތުން، އަތޮޅު ތެރެއަށް ދަތުރުކޮށްގެން ތަހުގީގުކުރަން ހުރި ގިނަ މައްސަލަތަކެއްގެ ތަހުގީގުތައް ހުއްޓިގެންދިޔަ ކަމަށާއި، ދައުލަތުގެ އިދާރާތަކަށް ގޮސްގެން ހެއްކާއި ގަރީނާ ހޯދުމުގެ ޕްރޮސެސް ހުއްޓިގެންދިޔަ ކަމަށް އޭސީސީން ބުނެއެވެ. އޭސީސީން ބުނީ ތަހުގީގަށް ހާޒިރުކުރަންޖެހޭ މީހުން ހާޒިރުނުކުރެވި ތަހުގީގުގެ އެންމެ މުހިންމު އެއް މަރުހަލާގެ މަސައްކަތްވެސް ހުއްޓިގެންދިޔަ ކަމަށެވެ. މީގެއިތުރުން، ކޮވިޑް19އަށް ޕޮޒިޓިވް ވެގެންނާއި ޑައިރެކްޓް ކޮންޓެކްޓްވެގެން ކޮމިޝަނުގެ މުވައްޒަފުން ކަރަންޓީނުވާން ޖެހުމުންވެސް މަސައްކަތްތަކަށް އިތުރު މަޑުޖެހުމެއް އައިކަމަށް އޭސީސީން ބުނެއެވެ. ނަމަވެސް، އެދުވަސްތަކުގެ މަސައްކަތު ޕަރފޯމަންސް ބެލިއިރުގައި މިއިން އެއްވެސް ކަމަކަށް އޮޑިޓުގައި ރިއާޔަތްކޮށްފައިނުވާކަމަށް އޭސީސީން ބުނެއެވެ.

އޭސީސީން ބުނީ މިހިނގާ ދައުރުގެ މެމްބަރުން މަގާމާ ހަވާލުވިއިރު އިވެލުއޭޝަން މަރުހަލާގައި ފިޔަވަޅެއް ނޭޅިހުރި 400އަށްވުރެ ގިނަ ޝަކުވާ އޮތް ކަމަށާއި، ތަހުގީގު މަރުހަލާގައި 500އަށްވުރެ ގިނަ މައްސަލަ އޮތް ކަމަށެވެ. މީގެ ތެރެއިން ގިނަ މައްސަލަތަކަކީ ކޮމިޝަނަށް އެ މައްސަލައަކާ ގުޅޭ ޝަކުވާ ހުށަހެޅުނު ފަހުން ނުބެލި ގިނަ ދުވަސް ވެފައިވާ މައްސަލަތަކެއް ކަމުގައިވާތީ، އެ މައްސަލަތައް އެކަށީގެންވާ އަވަސްމިނެއްގައި ކުރިއަށްގެންދިއުމަށް ކޮމިޝަނުގެ މަސައްކަތްތަކަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އެގޮތުން، އިވެލުއޭޝަން މަރުހަލާގައި ނުނިމިހުރި ޝަކުވާތައް އަވަހަށް ނިންމުމަށް، އިވެލުއޭޝަންގެ މަސައްކަތްތަކަށް ވަގުތީގޮތުން މުވައްޒަފުން އިތުރުކޮށް، އިވެލުއޭޝަން މަރުހަލާގައި ގޮތެއް ނުނިމި ގިނަދުވަސްވީ މައްސަލަތަކުގެ އިވެލުއޭޝަން ނިންމުމަށް ޚާއްސަ މަސައްކަތެއް ކުރިއަށްގެންގެންދިޔަ ކަމަށް އޭސީސީން ބުނެއެވެ. އަދި، އިވެލުއޭޝަން މަރުޙަލާ އިތުރަށް ހަރުދަނާކުރުމަށް ޝަކުވާ ހުށަހަޅާ ފޯމަށާއި، ޝަކުވާ ވަޒަންކުރާ ފޯމަށް ބޮޑެތި ރަނގަޅު ބަދަލުތަކެއް ގެނެސްފައިވާ ކަމަށާއި، ޝަކުވާ ވަޒަންކުރުމުގެ މަރުހަލާގެ ކަންކަން ހަރުދަނާކުރުމަށް ރަޖިސްޓްރަރގެ މަގާމު އުފައްދައި އިވެލުއޭޝަން މަރުހަލާގެ މަސައްކަތް އިތުރަށް ހަރުދަނާކުރެވިގެން ދިޔަ ކަމަށް އޭސީސީން ބުނެއެވެ.

އޭސީސީން ބުނީ ކޮމިޝަނުގެ އިންވެސްޓިގޭޝަން އޮފިސަރުންގެ ހުނަރުވެރިކަމާއި ގާބިލިއްޔަތު އިތުރު ކުރުމުގެ ގޮތުން، އިންވެސްޓިގޭޓަރުންނަށް ޚާއްސަ ތަމްރީނުތަކެއް ބޭނުންވާ ކަމަށެވެ. ނަމަވެސް، މުވައްޒަފުން ތަމްރީނުކުރުމަށް ބޭނުންވާ ބަޖެޓު ހުށަހެޅުމަށް 2020 އަދި 2021 ވަނަ އަހަރު ފުރުސަތު ލިބިފައިނުވާތީ، އިންވެސްޓިގޭޓަރުންނަށް ފެންވަރު ރަނގަޅު ތަމްރީނުތައް ދިނުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވި ކަމަށެވެ. އޭސީސީން ބުނީ ރާއްޖެއިން ބޭރުގެ ތަފާތު އެޖެންސީތަކާއެކު ކުރެވުނު މަޝްވަރާތަކާއެކު، އިންވެސްޓިގޭޓަރުންނަށް ޚާއްސަ ތަމްރީނު ޕްރޮގްރާމްތަކެއް 2022 ވަނަ އަހަރުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ތަމްރީނު ޕްރޮގްރާމަކީ، އިންވެސްޓިގޭޓަރުންނަށް ބޭނުންވާ ހުނަރުތަކަށް ޚާއްސަ އަދި ރާއްޖޭގެ ގާނޫނުތަކާއި ރާއްޖޭގައި ހިންގާ ކޮރަޕްޝަނުގެ ކުށްތަކުގެ ވައްޓަފާޅިއަށް ބިނާކޮށް ތައްޔާރުކުރެވެމުންދާ ޕްރޮގްރާމެއް ކަމަށެވެ. އަދި މި ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރާ އިންވެސްޓިގޭޓަރުންނަށް ކޮރަޕްޝަނުގެ ކުށްތައް ތަހުގީގުކުރުމަށް ޚާއްސަ ލައިސެންސެއް ދެވިގެންދާނެ ކަމަށެވެ.

ކުރިއަށްގެންދާ ތަހުގީގުތަކުގެ ފެންވަރު ރަނގަޅުކުރުމަށާއި، ސްޕީޑް އަވަސްކުރުމަށް މި ދައުރުގައި ކޮމިޝަނުގެ މަސައްކަތަށް ވަރަށް މުހިންމު ބަދަލުތަކެއް ގެނެވިފައިވާކަން ފާހަގަކޮށް އޭސީސީން ބުނީ، އެންމެ ފާހަގަކޮށްލެވޭ ބަދަލަކީ އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ސްޓްރަކްޗަރއަށް ގެނެވުނު ބަދަލު ކަމަށެވެ. އެގޮތުން، އިންވެސްޓިގޭޝަން ޑިޕާޓުމަންޓުގެ ތެރޭގައި އިންވެސްޓިގޭޝަން 3 ޔުނިޓް އުފައްދައި، އެ ޔުނިޓްތައް ހިންގައި މެނޭޖްކުރުމަށް ވަކިން މުވައްޒަފުން ކަނޑައެޅުނު ކަމަށް އޭސީސީން ބުނެއެވެ. މި ބަދަލުގެ ސަބަބުން، އިންވެސްޓިގޭޓަރުންނަށް ދުވަހުން ދުވަހަށް ބޭނުންވާ ފަންނީ ލަފައާއި މަޝްވަރާތައް ދިނުމާއި، އިންވެސްޓިގޭޓަރުންގެ މަސައްކަތްތައް ސުޕަވައިޒްކުރުމާއި، އެންމެ އިސްކަމެއް ދީގެން ތަހުގީގު ކުރިއަށްގެންދަންޖެހޭ މައްސަލަތައް ކަނޑައެޅުމަށާއި، ކަނޑައަޅާފައިވާ ޓާގެޓްތައް ހާސިލްކުރުމަށް މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދިޔަ ކަމަށް އޭސީސީން ބުނެއެވެ. ހަމައެއާއެކު އިންވެސްޓިގޭޝަން ޑިޕާޓްމަންޓު ޔުނިޓުގެ 3 ޔުނިޓުގެ މަސައްކަތް އޯވަރސީކުރުމަށް ކޮމިޝަނުގެ 3 މެމްބަރުން ކަނޑައަޅައި މޮނިޓަރިންގ ޕްރޮސެސް އިތުރަށް ހަރުދަނާކުރެވުނުކަން ފާހަގަކޮށްފައިވެއެވެ.

އޭސީސީން ބުނީ ކޮމިޝަނުގެ ހިނގަމުންދާ ދައުރު ފެށިއިރު، ގައުމީ އެންމެ ބޮޑު މަސްލަހަތެއް އޮތް މައްސަލައަކަށް ފާހަގަކުރެވިފައި އޮތީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ކަމަށެވެ. އަދި، ކޮމިޝަނުގެ އައު މެމްބަރުން އައްޔަންކުރުމާއެކު އެ މައްސަލަ ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގައި ކުރިއަށްގެންދިއުމަށް 16 ސެޕްޓެންބަރު 2019 ގައި ޖޮއިންޓް އިންވެސްޓިގޭޝަން އެމްއޯޔޫގައި ސޮއިކުރެވި ޖޮއިންޓް އިންވެސްޓިގޭޝަންއެއް ގޮތުގައި ރަސްމީކޮށް އެމައްސަލައިގެ މަސައްކަތް ފެށިގެން ދިޔަ ކަމަށާއި، އެމްއެމްޕީއާރުސީގެ މައްސަލައިގެ ތަހުގީގަށް ޚާއްސަ ސަމާލުކަމެއް ދީގެން ކުރިއަށްގެންދިއުމަށް މި މައްސަލައިގެ ތަހުގީގަށް ކޮމިޝަނުގެ 7 އިންވެސްޓިގޭޓަރެއް ޚާއްސަ ކުރެވުނު ކަމަށް އޭސީސީން ބުނެއެވެ. އެގޮތުން، މި މައްސަލައިގެ ތަހުގީގަށް ޚާއްސަކުރި މުވައްޒަފުންނަކީ ކޮރަޕްޝަނުގެ މައްސަލަތައް ބަލައި ތަހުގީގުކުރުމުގެ ހުނަރާއި ތަޖުރިބާހުރި މުވައްޒަފުން ކަމުގައިވެފައި، އެމުވައްޒަފުން އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގެ ތަހުގީގަށް ޚާއްސަކުރުމުން، ކޮމިޝަނުން ބަލަމުން ދިޔަ ބޮޑެތި އެހެން މައްސަލަތަކުގެ ތަހުގީގުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށެވެ. ނަމަވެސް، ކޮމިޝަނުގައި ތިބި ގިނަދުވަސްވީ އިންވެސްޓިގޭޓަރުން އެމްއެމްޕީއާރުސީގެ ތަހުގީގަށް ދޫކުރުމުން، ކޮމިޝަނުގައި ހުރި ބޮޑެތި މައްސަލަތަކުގެ ތަހުގީގުތައް ކުރިއަށްގެންދިއުމަށް ދިމާވި ގޮންޖެހުންތަކަށް އޮޑިޓު ރިޕޯޓުގައި ރިއާޔަތްކޮށްފައިނުވާ ކަމަށް އޭސީސީން ބުނެއެވެ.

މީގެ އިތުރުން އޭސީސީން ބުނީ ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ރެކޯޑްސް ބެލެހެއްޓުމަށް ފަރުމާކޮށްފައިވާ ކޭސް މޭނޭޖްމަންޓް ސިސްޓަމަކީ، 2015 ވަނަ އަހަރުގެ ތެރޭގައި ފަރުމާކޮށްފައިވާ ސިސްޓަމެއް ކަމަށާއި، ކޭސް މެނޭޖްމަންޓް ސިސްޓަމް ފަރުމާކުރެވިފައިވާގޮތުން ކޮމިޝަނުން ބޭނުންވާ ގޮތަށް މައުލޫމާތު އަދާހަމަނުކުރެވުމުގެ އިތުރުން އެހެން މައްސަލަތައްވެސް ފާހަގަކުރެވި އެކަންކަމަށް ހައްލުހޯދުމަށް މަސައްކަތްކުރި ކަމަށެވެ. ނަމަވެސް، މިހާރު ބޭނުންކުރަމުންދާ ކޭސް މެނޭޖްމަންޓް ސިސްޓަމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހިފައިވާތީ އައު ސިސްޓަމެއް ޑިވެލޮޕްކުރުމުގެ މަސައްކަތް މިއަހަރުތެރޭ ފެށުނު ކަމަށާއި، އައު ސިސްޓަމެއް ޑިވެލޮޕްކުރުމަށް ބޭނުންވާ ބަޖެޓް ކޮމިޝަނަށް ހަމަޖެހިފައިނުވާތީ، އެމަސައްކަތަށް އެކަށީގެންވާ ކުރިއެރުމެއް ނުލިބި މުއްދަތުތަކެއް ހިނގައިދިޔަ ކަމަށް އޭސީސީން ބުނެއެވެ. އެކަމަށްޓަކައި ކުރެވުނު މަސައްކަތުން ރާއްޖެއިން ބޭރުގެ އެޖެންސީއެއް މެދުވެރިކޮށް އެހީތެރިކަން ލިބި، ކޮމިޝަނަށް ބޭނުންވާ ކޭސް މެނޭޖްމަންޓް ސިސްޓަމެއް ފަރުމާކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށް ވެސް އޭސީސީން ބުނެއެވެ. އެގޮތުން، ރާއްޖެއިން ބޭރުގެ އެޖެންސީއެއް މެދުވެރިކޮށް ކޮމިޝަނުގެ ރިކުއަރމެންޓާ އެއްގޮތަށް ކޭސް މެނޭޖްމަންޓް ސިސްޓަމެއް ޑިވެލޮޕްކުރުމުގެ މަސައްކަތަށް ޑިވެލޮޕަރެއް ހަޔަރކުރުމަށްޓަކައި މިހާރު ވަނީ އާންމުކޮށް އިއުލާން ކުރެވިފައިވާ ކަމަށެވެ. ކޮމިޝަނުގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭނުގައި 2015އިން 2019 ކުރުމަށް ރާވާފައިވާ ތަހުގީގުތަކާއި ގުޅުންހުރި ކަންތައްތަކުގެ ތެރެއިން ކޭސް މެނޭޖްމަންޓް ސިސްޓަމަށް އެވިޑެންސް މޮޑިއުލްއެއް އިތުރުކުރުމާއި، ނިމޭ މައްސަލަތަކުގެ ތެރެއިން އެއް ބާވަތެއްގެ މައްސަލަތައް ސިސްޓަމްގެ ތެރެއިން ހިއްސާކުރެވޭނެ އިންތިޒާމު ހަމަޖެއްސުން ފިޔަވައި އެހެން ހުރިހާ ކަމެއް ހާސިލް ކުރެވިފައިވާކަމަށް އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. އަދި އަލަށް ޑިވެލޮޕްކުރާ ސިސްޓަމަކީ މިހާތަނަށް ހާސިލްނުކުރެވި އޮތް ދެކަންތައްވެސް ހިމެނޭ ގޮތަށް ޑިޒައިންކުރުމަށް ރިކުއަރމަންޓްސް ކަނޑައަޅާފައިވާ ސިސްޓަމެއް ކަަމަށް އޭސީސީން ބުނެއެވެ.

އޭސީސީން ބުނީ ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ދައުލަތުގެ އިދާރާތަކަށް އަންގާފައިވާ އެންގުންތަކާމެދު އިދާރާތަކުން އަމަލުކުރަމުންދާ މިންވަރު، 2020 ނޮވެންބަރުގެ ކުރިން ހަރުދަނާގޮތެއްގައި ބަލައި މޮނިޓަރކުރެވެމުން ނުދާކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަމަށެވެ. މީގެކުރިން ހަރުދަނާގޮތެއްގައި އެކަން ނުކުރެވި އޮތް މައިގަނޑު ސަބަބަކީ، ކޮމިޝަނުގައި އެކަމަށް އެކަށީގެންވާ މިންވަރަށް މުވައްޒަފުން ނެތުން ކަމަށް އޭސީސީން ބުނެއެވެ. ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ދައުލަތުގެ އިދާރާތަކުގެ ހިންގުމުގެ ނިޒާމުގައި އިސްލާހުކުރަންޖެހޭކަމަށް ފާހަގަކުރެވޭ ކަންކަން އިދާރާތަކަށް އަންގަމުންދާއިރު، މީގެކުރިން އެކަން ބަލައި މޮނިޓަރކުރާނެ ނިޒާމެއް ގާއިމުކޮށްފައިނުވާތީ، ފާއިތުވި 2020 ވަނަ އަހަރުގެ ތެރޭގައި އެ ނިޒާމު ކޮމިޝަނުގައި ގާއިމްކޮށްފައިވެއެވެ. އެގޮތުން އެމަސައްކަތް ވަކި ޔުނިޓަކާ ހަވާލުކުރެވި އެމަސައްކަތް ކުރެވެމުންދާ ކަމަށް އޭސީސީން ބުނެއެވެ. އަދި ފާއިތުވި ދުވަސްތަކުގައި ދައުލަތުގެ އިދާރާތަކަށް އިސްލާހުކުރުމަށް އަންގާފައިވާ އެންގުންތައް އެ އިދާރާތަކުން އަމަލުކޮށްފައިވާ މިންވަރު ބެލުމުގެ މަސައްކަތް ފަށައި، ދައުލަތުގެ އިދާރާތަކާއެކު ފޯކަސް ގްރޫޕް ބައްދަލުވުންތަކެއް ކުރިއަށްގެންދެވުނު ކަމަށް އޭސީސީން ބުނެއެވެ. ކޮމިޝަނުން އަންގާ އެންގުންތަކަށް އަމަލުކުރަމުންދާ މިންވަރު ބަލައި މޮނިޓަރކުރުމުގެ މަސައްކަތުގެ ތެރެއިން ވެބް ޕޯޓަލްއެއް ޑިވެލޮޕްކުރުމުގެ މަސައްކަތް މިއަހަރުން ފެށިގެން ކުރިއަށްގެންދާކަން އޭސީސީން ފާހަގަކޮށްފައިވެއެވެ.


Advertisement
- ކޮމެންޓް