ކ. މާލެ
|
26 ޑިސެންބަރ 2021 | އާދީއްތަ 17:47
އޭސީސީން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ރައީސް މަރިޔަމް ޝިއުނާ ވާހަކަ ދައްކަވަނީ
އޭސީސީން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ރައީސް މަރިޔަމް ޝިއުނާ ވާހަކަ ދައްކަވަނީ
ރާއްޖެއެމްވީ
ވަކި ފަރާތަކަށް ބުރަނުވެ މަސައްކަތް ކުރާނަން
ވަކި ފަރާތަކަށް ބުރަނުވެ މަސައްކަތް ކުރުމުގެ ނަތީޖާއަކީ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް މަސައްކަތް ކުރުން: އޭސީސީ
ކޮމިޝަނަށް ނުފޫޒު ނުފޯރުވޭނެކަން ވާނީ ސާބިތުކޮށްދީފައި
މަސްލަހަތު ހިމެނޭ ފަރާތްތަކުގެ ފާޑުކިޔުންތައް ތަކުރާރުކޮށް އަމާޒުވޭ
ގާނޫނުތަކާއި ގަވާއިދުތަކުގެ ތަރަހައިގެ ތެރެއިން ކޮމިޝަނުގެ ތަހުގީގުތައް ހިނގަމުންދާނެކަން ކަށަވަރުކުރާނެ

އެންޓި ކޮރަޕްޝަން ކޮމިޝަން (އެސީސީ)އިން ވަކި ފަރާތަކަށް ބުރަނުވެ ޖެހިލުންވުމެއް ނެތި މަސްއޫލިއްޔަތު އަދާކުރުމުގެ ނަތީޖާއަކީ، ވޭތުވެމިދިޔަ 2 އަހަރު ތެރޭގައި ކޮމިޝަނުގެ މެމްބަރުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ތަކުރާރުކޮށް މަސައްކަތް ކުރުން ކަމަށް އެކޮމިޝަނުން ބުނެފިއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ އޭސީސީގެ ޕަރފޯމަންސް އޮޑިޓާ ގުޅިގެން އޭސީސީން ބުނީ، ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެންމެ އިސް ވާޖިބަކަށްވީ ވަކި ފަރާތަކަށް ބުރަނުވެ ޖެހިލުންވުމެއް ނެތި މަސްއޫލިއްޔަތު އަދާކުރުން ކަމަށާއި، މިހާތަނަށް ކޮށްފައިވާ މަސައްކަތްތައް ވަޒަންކުރުމުންވެސް އެކަން ފެނިގެންދާނެ ކަމަށެވެ. ސިޔާސީގޮތުން ވަކި ފަރާތަކަށް ބުރަ ނުވާކަމާއި، ކޮމިޝަނަށް ނުފޫޒު ނުފޯރުވޭނެކަން ވާނީ ސާބިތުކޮށްދީފައި ކަމަށެވެ. ކޮމިޝަނުގެ ތަހުގީގުތައް ކުރިއަށްގެން ދިއުމުގައި ވެސް ވަކި ސިޔާސީ ވިސްނުމަކަށް ނުވަތަ ވަކި ފަރާތަކަށް ބެލުމެއްނެތި ތަހުގީގުތައް ކުރިއަށްގެންގޮސް ނިންމުންތައް ނިންމާތީ، އެކަމުގެ މަސްލަހަތު ހިމެނޭ ފަރާތްތަކުގެ ފާޑުކިޔުންތައް ތަކުރާރުކޮށް އަމާޒުވާ ކަމަށް އޭސީސީން ބުނެއެވެ. އޭސީސީން ބުނީ އެފަދަ މީހުންގެ ސިޔާސީ މަސައްކަތްތައް ވަކި ޓާގެޓްތަކެއް ކަނޑައަޅައި ކޮމިޝަނާ ދެކޮޅަށް އަމާޒުކުރާ ކަމަށާއި، ނިޒާމުގެ އެތެރެއިންނާއި ބޭރުން އެކި ސިފަސިފައިގައި ކޮމިޝަނުގެ މަސައްކަތްތައް ފެއިލްކޮށްލުމަށް މަސައްކަތްކުރިތަން ފެނިފައިވާ ކަމަށެވެ. އަދި ނަތީޖާއަކަށް ވެގެންދިޔައީ ކޮމިޝަނުގެ ދައުރުގައި ވޭތުވެމިދިޔަ 2 އަހަރު ތެރޭގައި މެމްބަރުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ތަކުރާރުކޮށް މަސައްކަތް ކުރުން ކަމަށް އޭސީސީން ބުނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ 50ވަނަ ބައްދަލުވުމުގައި، ކޮމިޝަނުގެ މެމްބަރުން އުސޫލާ ޚިލާފަށް މަސައްކަތްކުރާކަމަށް ބުނެ ހުށަހެޅުނު މައްސަލައަށް އިޝާރާތްކޮށް އޭސީސީން ބުނީ، ކޮމެޓީގެ ޖަލްސާގައި ކޮމިޝަނުގެ ފަރާތުން ކުރިއަށްގެންދާ ތަހުގީގުތަކަށް އުސޫލާ ޚިލާފަށް މީހުން ހާޒިރުކުރާކަމަށާއި، ކޮމިޝަނުގެ މެމްބަރުންގެ ޖަލްސާތައް ކޯރަމް ހަމަނުވާގޮތަށް ކުރިއަށްގެންދާކަމަށް ކޮމެޓީގައި ފާހަގަކުރައްވާފައިވާ ކަމަށެވެ. ކޮމިޝަނުގެ ގާނޫނުގައި ކޮމިޝަނުގެ މަސްއޫލިއްޔަތެއްގެ ގޮތުގައި ތަހުގީގުކުރުން ހިމެނޭއިރު، ކޮމިޝަނުގެ ތަހުގީގުތައް ކުރިއަށް ގެންދިއުމުގައި ބަލަމުން ގެންދަނީ ކޮމިޝަނުގެ ގާނޫނުނާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނާއި، ކޮމިޝަނުގެ ތަހުގީގު ކުރުމުގެ އިޖުރާއަތުގެ ގަވާއިދާއި އަދި އެހެނިހެންވެސް ގުޅުންހުރި ގާނޫނުތަކާއި ގަވާއިދުތަކަށް ކަމަށް އޭސީސީން ބުނެއެވެ.

އޭސީސީން ބުނީ، ގާނޫނުތަކާއި ގަވާއިދުތަކުގެ ތަރަހައިގެ ތެރެއިން ކޮމިޝަނުގެ ތަހުގީގުތައް ހިނގަމުންދާނެކަން ކޮމިޝަނުން ކަށަވަރުކުރާނެ ކަމަށާއި، ކޮމިޝަނުގެ ތަހުގީގުތައް ހިންގުމުގެ އިޖުރާއަތްތައް ފުރިހަމަކުރުން ބިނާކުރާނީ، ގާނޫނީ ތަރަހައިގެ ތެރޭގައި ކަމަށެވެ. ތުހުމަތުކުރެވޭ ފަރާތުގެ މަގާމަށް ނުވަތަ ހައިސިއްޔަތަށް ބަލައިގެނެއް ނޫން ކަމަށް އޭސީސީން ބުނެއެވެ. އޭސީސީން ބުނީ ކޮމިޝަނުން ކަމެއް ނިންމުމަށް ބޭނުންވާ ކޮމިޝަނުގެ ގާނޫނީ އަދަދު ކޮމިޝަނުގެ ގާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިވަނިކޮށް، އެގޮތާ ކަނޑައެޅިގެން ޚިލާފަށް އެ ޖަލްސާގައި ފާޅުކުރެއްވި ޚިޔާލެއްގައި ފާހަގަކުރައްވާފައިވާތީ މިއީ ކޮމިޝަނުގެ ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށް ކޮމިޝަނުގެ ގާނޫނުން ކަނޑައަޅާފައިއޮތް ގޮތް އޮޅޭގޮތަށް އަދި ކޮމިޝަނުން ކުރާ މަސައްކަތްތަކާމެދު ރައްޔިތުންގެ މެދުގައި ސުވާލު އުފެދޭ ގޮތަށް އެކަމަށް ފަރުވާލެއް ނެތި ފާހަގަކުރައްވާފައިވާ ކަމަކަށްވާތީ، އެކަމާމެދު ކަންބޮޑުވާ ކަމަށެވެ.

އޭސީސީން ބުނީ ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތުގައި، އެ މަސައްކަތުގެ ތެދުވެރިކަން މިންކުރުމަށް ބޭނުންކުރެވޭ އެއް މިންގަނޑަކީ، އެ މަސައްކަތްކުރާ މީހުންނާމެދު ނަފްރަތުވެ، އެ މަސައްކަތް ނާކާމިޔާބު ކުރުވައި، އެ މަސައްކަތްކުރާ މީހުން ބަލިކަށިކޮށްލަން މަސައްކަތްކުރާ މީހުން ގިނަވުން ކަމަށެވެ. މި މިންގަނޑުން ބަލާއިރު، ކޮމިޝަނުން މަސްއޫލިއްޔަތު އަދާކުރަމުން މިހާތަނަށް އައިސްފައިމިވަނީ ރަނގަޅަށްކަމަށް އޭސީސީން ބުނެއެވެ. ކުރިއަށް އޮތްތާނގައިވެސް މަސައްކަތްކުރާނީ، ސިޔާސީގޮތުން ނުވަތަ އެނޫންވެސް ގޮތަކުން ނުފޫޒު ގަދަ ފަރާތަކަށް ނުލެނބި އަދި ބެލުމެއް ނެތި ކަމަށް އޭސީސީން ބުނެފައިވެއެވެ.


Advertisement
- ކޮމެންޓް