އިރާނުގެ ޕެރަމިލިޓަރީ އިސްލާމިކް ރެވޮލިޔުޝަނަރީ ގާޑް ކޯރޕްސް (އައިއާރުޖީސީ)ން ކުރިޔަށްގެންދިޔަ ފަސް ދުވަހުގެ އަސްކަރީ ތަމްރީނުތައް ނިންމާލުމުގެ ގޮތުން 16 މިސައިލެއް ޓެސްޓްކޮށްފިއެވެ.
އިރާނުގެ އައިއާރުއެންއޭ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތިގައި އަސްކަރީ ތަމްރީނުތަކުގައި ޓެސްޓްކޮށްފައިވާ މިސައިލް ތަކަކީ 350 ކިލޯމީޓަރާއި 2000 ކިލޯމީޓަރާ ދެމެދުގެ ދުރުމިނަށް ދަތުރުކުރާ މިސައިލްތަކެއްކަމަށެވެ. ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި މިސައިލްތައް ވަނީ ކާމިޔާބު ކަމާއެކު އެއް ޓާގެޓަށް ވާސިލުވެފައެވެ. އަދި ފޮނުވާލި ޑްރޯންތަކުގެ ތެރެއިން 10 ޑްރޯނެއް ޓާގެޓަށް ވާސިލުވިކަމަށް ވަނީ ބުނެފައެވެ.
އިރާނުގެ ދައުލަތުގެ މީޑިޔާއިން ވަނީ މިސައިލްތައް ލޯންޗުކުރިތަން ދައްކާލާފައެވެ.
މިތަމްރީނުތަކާއި ގުޅޭގޮތުން އިރާނުގެ ޗީފް އޮފް ސްޓާފް މޭޖަރ ޖެނެރަލް މުހައްމަދު ބަގާރީ ދައުލަތުގެ މީޑިޔާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިތަމްރީނުތައް ކުރިޔަށް ގެންގޮސްފައިމިވަނީ މިފަހަކުން ޔަހޫދީ ދައުލަތްތަކުން ދެމުންދާ އިންޒާރުތަކާއި ގުޅިގެން އެކަމަށް ޖަވާބުދިނުމަށް ކަމަށެވެ. މި ތަމްރީނުތަކުގައި 16 މިސައިލެއް އަމާޒަށް ވާސިލުވިކަމަށާއި އިރާނަށް ހަމަލާދިނުމަށް ރާވާ ކޮންމެ ގައުމަކަށް ވާސިލުވުމުގެ ގާބިލުކަން އިރާނުގައި އެބަހުރިކަމަށް ޖެނެރަލް ވިދާޅުވިއެވެ.
މިތަމްރީނުތައް ކުރިޔަށް ގެންގޮސްފައިމިވަނީ އެމެރިކާގެ ނޭޝަނަލް ސެކިޔުރިޓީ އެޑްވައިޒަރ ޖޭކް ސުލިވަން އިސްރާއީލްގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓާ ބައްދަލުކުރެއްވި ފަހުންނެވެ. 2015 ވަނަ އަހަރާއި އިރާނާއި ހުޅަނގުގެ ގައުމުތަކާއި ދެމެދު އެއްބަސްވެފައިވާ ނިޔުކްލިއަރ ޑީލް އައު ކުރާކަށް އިސްރާއީލުން ބޭނުމެއްނުވެއެވެ.
ބެނެޓް ވަނީ އިރާނުން ނިޔުކުލިއަރ ގޮތުން ބާރުގަދަ ގައުމަކަށް ވެފައިވާކަމަށް ވިދާޅުވެ ނިޔުކުލިއަ ހަތިޔާރު އިރާނުން އިސްރާއީލާ ދެކޮޅަށް ބޭނުންކުރާނެކަމަށް ތުހުމަތުކުރައްވާފައެވެ. މީގެއިތުރުން އިސްރާއީލުން އަންނަނީ ތަކުރާރުކޮށް އިރާނަށް ހަމަލާދީފާނެކަމުގެ އިންޒާރުތައް ދެމުންނެވެ.
އިރާނުން ބުނަމުން އަންނަނީ އެގައުމުން ބޭނުންވަނީ ނިއުކްލިއަރ އެނަރޖީ ޕްރޮގްރާމް ކުރިޔަށް ގެންދަން ކަމަށާއި ނިޔުކުލިއަރ ހަތިޔާރު އުފައްދަން ނޫންކަމަށެވެ.