ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި މިހާރު ކުރިއަށްދާ އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖޭގެ ފިރިހެން ވޮލީބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗުން ބަންގްލަދޭޝް އަތުން ބަލިވެއްޖެއެވެ.
މި ފަހަރުގެ މުބާރާތުގައި ވާދަކުރުމަށް ގައުމީ ފިރިހެން ވޮލީ ޓީމުން ބަންގްލަދޭޝްއަށް ގޮސްސްފައިވަނީ ވަރަށް އުނދަގޫ ހާލަތެއްގައެވެ. އެގޮތުން މިދިޔަ އަންގާރަ ދުވަހު ގައުމީ ޓީމުން ބަންގްލަދޭޝްއަށް ދިޔުމަށް ހަމަޖެހިފައިވީ ނަމަވެސް. ކޮވިޑް-19 ގެ ހާލަތެއްގެ ސަބަބުން މާލޭގައި މަޑުކުރަން ޖެހުނެވެ.
އެއާއެކު ހުކުރު ދުވަހުގެ މެޗަށް ގައުމީ ޓީމުން ނުކުތީ ލިބަރޯއަކާ ނުލައެވެ. އެގޮތުން ޓީމުގައި ހިމެނި ލިބަރޯ މުޙައްމަދު ނައީމް (ނައިންޓޭ) އަށް ކޮވިޑް ހާލަތުގެ ސަބަބުން ބަންގްލަދޭޝްއަށް ދެވިފައި ނުވާއިރު، ޓީމުގައި ދެން ހިމެނި ލިބަރޯ ޖަވާމް އަލީއަށް މެޗުގައި ބައިވެރިވެވޭހާ ވަގުތު އޮއްވައޮ ބަންގްލަދޭޝްއަށް ދެވިފައެއް ނުވެފައެވެ. އަދި މި މެޗުގައި ކުޅުނު ބައެއް ކުޅުންތެރިންގެ އިތުރުން ކޯޗު މުޙައްމަދު ސާޖިދު (ކާއްޓޭ) ބަންގްލަދޭޝްއަށް ދެވިފައިވަނީ މެޗު ފެށެން ކުޑަތަން ވެފައިވަނިކޮށެވެ.\
ގައުމީ ޓީމުން އުނދަގޫ ހާލަތެއްގައި މި މުބާރާތާ ކުރިމަތިލިއިރު، ހުކުރު ދުވަހު ކުޅުނު މެޗުން ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ.
ފާއިތުވެދިޔަ ހަފުތާއެއްހާ ދުވަހު ފަރިތަނުކޮށް ކުޅެން ޖެހުމުގެ ސަބަބުން، މި މެޗުގެ ފުރަތަމަ ސެޓުގައި އެންމެ އެދެވޭ ކުޅުން ރާއްޖެއަށް ދެއްކިފައެއް ނުވެއެވެ. އަދި ލިބަރޯއެއް ނެތްތަން ޓީމުން ވަރަށް ބޮޑަށް ދެއްކިއިރު، ފުރަތަމަ ސެޓުގައި ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ބޮޑެތި ގޯސްތަކެއް ހެދުނެވެ. އެއާއެކު މި ސެޓު ބަންގްލަދޭޝްއިން ކާމިޔާބުކުރީ 25-14 އިންނެވެ.
ދެވަނަ ސެޓުގައި ރާއްޖޭން ފުރަތަމަ ސެޓާއި އަޅާބަލާއިރު ތަފާތު މޮޅު ކުޅުމެއް ދެއްކިއިރު، މި ސެޓުގައި ކެޕްޓަން އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި އަލީ ހުޒާމް (ހުޒަންޓޭ) ގެ އިތުރުން ހަސަން ނިލާމް (ޕާޓޭ) ގެ ފަރާތުން ރަނގަޅު އެޓޭކުތަކެއް ފެނިގެންދިޔައެވެ. އެކަމަކު މި ސެޓުގެ ވަކި ހިސާބަކުން ބަންގްލަދޭޝްއިން ލީޑުނެގިއިރު، އެ ޓީމުން ސެޓު ގެންދިޔައީ 25-19 އިންނެވެ.
މެޗުގެ އެންމެ ވާދަވެރިވި ސެޓު ކަމަށްވާ ތިންވަނަ ސެޓުގައި ދެ ޓީމަށްވެސް ބޮޑު ލީޑަކާއެކީ ކުޅެވިފައި ނުވާއިރު، މި ސެޓުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. އެކަމަކު ސެޓުގެ ފަހުކޮޅު ރާއްޖޭގެ ކުޅުންތެރިންނަށް ހެދުނު ގޯސްތަކުގެ ފައިދާ ނަގައި ބަންގްލަދޭޝްއިން މި ސެޓު ކާމިޔާބުކުރީ 25-22 އިންނެވެ.
މި މުބާރާތުގައި ރާއްޖެން ކުޅޭ ދެވަނަ މެޗުގައި ހޮނިހިރު ދުވަހު ނުކުންނާނީ އުޒްބެކިސްތާނާ ދެކޮޅަށެވެ.