އައްޑޫ ސިޓީގެ އިކުއަޓޯރިއަލް ހޮސްޕިޓަލް ކައިރިން ދޫކުރި ގޯތިތައް ނެގުމަށް ސިޓީ ކައުންސިލުން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ހައި ކޯޓުން ބުނެފިއެވެ.
އިކުއަޓޯރިއަލް ހޮސްޕިޓަލް ކައިރިން ދޫކޮށްފައިވާ 35 ބިމެއް ދައުލަތަށް ނެގުމަށްފަހު އޭގެ ބަދަލުގައި ހިތަދޫ ސްޓޭޑިއަމް ސަރަހައްދުން ބިން ދޫކުރަން އައްޑޫ ސިިޓީ ކައުންސިލުން ނިންމި މައްސަލައިގައި 14 މީހަކު ކޯޓަށް މައްސަލަ ހުށަހެޅިއެވެ. އޭގެ ތެރެއިން ހަތް މައްސަލައެއްގައި ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމާފައި އޮތީ ސިޓީ ކައުންސިލްގެ ނިންމުން ރަނގަޅު ކަމަށެވެ. އަނެއް ހަތް މައްސަލައިގައި އެ ކޯޓުން ނިންމީ އައްޑޫ ސިޓީ ކައުންސިލަށް ނެގުމަށް ނިންމާފައިވާ ނިންމުން ތަންފީޒުކުރެވޭނީ ކޯޓަށް ހުށަހަޅައި ކޯޓުން ކަނޑައަޅާ ގޮތެއްގެ މަތީން ކަމަށާއި، އައްޑޫ ސިޓީ ކައުންސިލްގެ އިއުލާނަކީ ބާތިލް އިއުލާނެއް ކަމަށެވެ. އެހެންކަމުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރިއެވެ.
ހައި ކޯޓުން ކުރި ހުކުމުގައިވަނީ މީހުންގެ މުދާ އަތުލުން ގާނޫނު އަސާސީން މަނާ ކުރިޔަސް، އާންމު ފައިދާއަކަށްޓަކައި ޝަރީއަތް މެދުވެރިކޮށް ބަދަލު ދިނުމަށްފަހު މުދަލެއް ދައުލަތަށް ނެގިދާނެ ކަމަށް ގާނޫނުު އަސާސީގައި ބުނެފައިވާ ކަމަށެވެ. އަދި ގޯތިތައް އަތުލަން އައްޑޫ ސިޓީ ކައުންސިލުން ނިންމި ނިންމުމުގައި ވެސް އޮތީ ގޯތިތަކުގެ ވެރިފަރާތްތަކަށް ގާނޫނާ އެއްގޮތަށް ދޭންޖެހޭ ބަދަލެއް ދިނުމަށްފަހު ގޯތިތައް އަތުލުން ކަމަށާއި އެހެންވެ، އެއީ ގާނޫނާ ޚިލާފް ނިންމުމެއް ނިިންމުމެއް ނޫން ކަމަށެވެ.
ކައުންސިލްގެ ނިންމުން ރަނގަޅު ކަމަށް ހިތަދޫ ކޯޓުން ނިންމާފައި ވަނިކޮށް އެއާ ތަފާތުކޮށް އަނެއް ހަތް މައްސަލައިގައި ހަމަ އެ ކޯޓުން ނިންމުމަކީ ގާނޫނާ ޚިލާފަށް ނިންމި ނިންމުމެއް ކަމަށެވެ. އަދި އެއް ކޯޓަކުން ދެގޮތަށް އެއްކަހަލަ މައްސަލައެއް ނިންމީ ދެ ފަނޑިޔާރަކު އެ މައްސަލަތައް ބެލުމުން ކަމަށެވެ. ސުޕްރީމް ކޯޓުން މިފަދަ މައްސަލައެއްގައި ކޮށްފައިވާ ހުކުމަށް ރިއާޔަތް ކޮށް ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ، އެފަދަ ހާލަތްތަކުގައި އެ ހުރިހާ މައްސަލަތަކެއް ބަލަން ޖެހޭނީ އެއް ފަނޑިޔާރަކު ކަމަށެވެ.
އެހެންކަމުން ހައި ކޯޓުގައި މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުވީ، ގޯތިތައް އަތުލަން ކައުންސިލުން ނިންމި ނިންމުން ބާތިލް ކުރަން ހިތަދޫ ކޯޓުން ކުރި ހުކުމްތައް ބާތިލް ކުރުމަށާއި، ކައުންސިލްގެ ނިންމުން ރަނގަޅު ކަމަށް ކުރި ހުކުމްތަކަށް ތާއީދުކުރުމަށެވެ.
ހައި ކޯޓުން އެ މައްސަލަ ބެއްލެވީ އިސް ފަނޑިޔާރު ހާތިފް ހިލްމީ އާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމްގެ އިތުރުން ފަނޑިޔާރު މުހައްމަދު ފައިސަލެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ އިސް ފަނޑިޔާރު ހާތިފެވެ.