ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ދަޢުވަތަކަށް ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ރަސްމީ ބައި ނިންމަވާލައްވައިފިއެވެ.
މިދިޔަ ބުދަ ދުވަހު ބޮޑުވަޒީރު ޝައިޚް ހަސީނާއާއި ބަންގްލަދޭޝްގެ އިސްވެރިން ހިމެނޭ ވަފްދު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ވަޑައިގެންނެވުމުން އެބޭފުޅުންނަށް މަރުހަބާ ދަންނަވާފައި ވަނީ ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުންނެވެ.
ޝައިޚް ހަސީނާއަށް ރަސްމީ ގޮތުން މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތު އޮތީ، ބުރާސްފަތި ދުވަހުގެ ހެނދުނު ޖުމްހޫރީ މައިދާނުގައެވެ. އެކަމަނާ މާލެއަށް ފައިބައިވަޑައިގަތުމާއެކު، ރަސްމީ ފާލަމުން އެކަމަނާއަށް މަރުހަބާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހެވެ. މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތަށްފަހު، ބަންގްލަދޭޝްގެ ބޮޑުވަޒީރު، ޝައިޚް ހަސީނާ، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޑައިގަތީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގަތުމަށްފަހު އެކަމަނާ ވަނީ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައި، ރާއްޖެއާއި ބަންގްލަދޭޝް ސަރުކާރާ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވައި މަޝްވަރާ ކުރައްވާފައެވެ. އެއަށްފަހު، ދެ ބޭފުޅުންގެ ކުރިފުޅުމަތީގައި ދެގައުމުގެ ދެމެދުގައި 4 އެއްބަސްވުމެއް ވަނީ ބަދަލުކުރައްވާފައެވެ.
ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެގައުމުގެ ދެމެދުގައި މިއަދު ބަދަލުކުރެވުނު އެއްބަސްވުންތަކަކީ "މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގ އޮން ދަ ރިކްރޫމަންޓް އޮފް ކޮލިފައިޑް ހެލްތު ޕްރޮފެޝަނަލްސް"އާއި "ރިނިއުވަލް އޮފް މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގ އިން ދި އޭރިއާސް އޮފް ހެލްތުކެއަރ އެންޑް މެޑިކަލް ސައިންސް"އާއި "މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގ އޮން ކޯޕަރޭޝަން އިން ދި އޭރިއާ އޮފް ޔޫތު އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓް"އާއި އަދި ދިވެހި ސަރުކާރާއި ބަންގްލަދޭޝް ސަރުކާރާ ދެމެދު، ޓެކްސްއަށް މަކަރު ހެދުމުގެ ފުރުސަތު ނައްތާލުމަށާއި ޑަބަލް ޓެކްސޭޝަން ނައްތާލުމަށް ހެދި އެގްރީމަންޓެވެ. މި އެއްބަސްވުންތަކުގެ އިތުރުން، ބަންގްލަދޭޝްއިން ރާއްޖެއަށް ހަދިޔާކުރި އަސްކަރީ އުޅަނދުތަކުގެ ތަޅުދަނޑި ރަމްޒީގޮތުން ހަވާލުކޮށްދެއްވުން ކުރިއަށް ގެންގޮސްފައިވެއެވެ.
މިއަދު މެންދުރު ދެ ގައުމުގެ ލީޑަރުން ވަނީ ގުޅިފައިވާ ބަޔާން ދެއްވައި ދެގައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ ތާރީޚީ ގުޅުމާއި އަވަށްޓެރި މި ދެ ގައުމުން ގަބޫލުކުރާ އެއްގޮތް އުސޫލުތަކާއި އާދަކާދަތަކާއި އަދި ހިއްސާކުރާ އެއްގޮތްކަންތައްތަކުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.
މީގެ އިތުރުން ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ އަރިހަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އިހުތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ. އަދި، ބަންގްލަދޭޝްގެ ބޮޑުވަޒީރާއި އިސްވެރިންގެ ވަފްދުގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިރޭ ރަސްމީ ޖާފަތެއް ވެސް ބާއްވަވާފައެވެ.