ރާއްޖޭގެ އޮންލައިން ނޫސް "މިހާރު" އިން ފުޓްބޯޅައަށް ގެއްލުންވާ ގޮތަށް ލިޔާ ކަމަށް ބުނެ، ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކުން ބުރާސްފަތި ދުވަހު ބާއްވަން އޮތް ޕްރެޒިޑެންޓްސް ކަޕުގެ ނޫސްވެރިންގެ ބައްދަލުވުން ބޮއިކޮޓްކޮށްފިއެވެ.
ޕްރެޒިޑެންޓްސް ކަޕުގައި ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ކުޅެން ހަމަޖެހިފައިވާ މެޗުތަކުގެ ޕްރީ-މެޗުގެ ކުރިން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރުވެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެފައިވަނީ ހަމައެކަނި ސްޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ކޯޗު އިސްމާއީލް މަހްފޫޒް (އިންމަ) އެވެ.
ނޫސްވެރިންގެ ބައްދަލުވުން ބޮއިކޮޓް ކުރިކަމަށް އެންމެ ފުރަތަމަ އެންގީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުންނެވެ. އެގޮތުން މާޒިޔާގެ މީޑިއާ އޮފިޝަލް ބުނީ މިހާރު ނޫސް ބައިވެރިވާ އެއްވެސް ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައިވެރިނުވުމަށް މާޒިޔާގެ މެނޭޖުމަންޓުން ނިންމާފައިވާ ކަމަށެވެ. އަދި އެގޮތަށް ނިންމީ ހަގީގަތާ ޚިލާފަށް ޚަބަރު ފަތުރައި، ފުޓްބޯޅައަށް ގެއްލުންވާނެހެން މިހާރު ނޫހުން އަމަލުކުރަމުންދާތީ ކަމަށްވެސް މާޒިޔާގެ މީޑިއާ އޮފިޝަލު ބުންޏެވެ.
މާޒިޔާއަށްފަހު ފަހަރަކު ކުލަބަކުން ވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިނުވާން ނިންމާފައިވާ ކަމަށް ބުނެފައެވެ. އެގޮތުން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އިން ނޫސްވެރިންގެ ބައްދަލުވުން ބޮއިކޮޓްކުރިކަން އެ ކުލަބުގެ މެނޭޖްމެންޓުން އެންގީ އެ ޓީމުގެ ކޯޗު އިހްސާން އަބްދުލް ޣަނީ (ސާންތި) ނޫސްވެރިންގެ ބައްދަލުވުން ބާއްވާ ހޯލަށް ވަން ފަހުންނެވެ. އަދި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބުން ނޫސްވެރިންގެ ބައްދަލުވުން ބޮއިކޮޓްކުރިކަން އެންގީ އެ ޓީމުގެ ކޯޗު އަޙްމަދު ނާޝިދު (ނާދު) ނޫސްވެރިންގެ ބައްދަލުވުން ބާއްވާ ހޯލުގެ ދޮރުމަތީގައި ހުއްޓައެވެ.
"ރާއްޖެ.އެމްވީ" އަށް އެނގިފައިވާ ގޮތުން ކުލަބުތަކުން މިހާރު ނޫސް ބޮއިކޮޓްކުރީ އެ ނޫހުގައި ކޮލަމް ލިޔުއްވަމުން ގެންދަވާ ހާމިދު އަބްދުލްޣަފޫރު ލިޔުއްވާ ކޮލަމާ މެދު ހިތްހަމަނުޖެހިގެންނެވެ.