ވެރިކަމުގައި ކޮންމެ ބަޔަކު ތިއްބަސް ދިވެހިންގެ މި ފަޚުރުވެރި ފަސްގަނޑު އޮންނަން ވާނީ ދިވެހިންގެ މިލްކެއްގެ ގޮތުގައެވެ. މި ފަސްގަނޑުން އެއްމެ ވެލި ފުކެއްވެސް އެހެން ބައެއްގެ އަތްމައްޗަށް ދޫކޮށްލާކަށް ދިވެހިން ބޭނުމެއް ނުވާނެއެވެ. އެކަމަކަށް ހިތެއްވެސް ނޭދޭނެއެވެ.
ދުނިޔޭގެ ޗާޓުގައި ދިވެހިންނަށް ލިބިފައިވާ މި މަގާމަކީ އެތައް ބަޔަކު ފާރަލައިފައިވާ އަދި ދަހިވެތިވާ މަގާމެކެވެ. މި ފަސްގަނޑުން ކުޑަ ނަމަވެސް ތަންކޮޅެއް ލިބޭނެ ގޮތެއް ވޭތޯ ބަލަބަލާ ތިބެއެވެ. މިކަން ހާސިލްވޭތޯ ދުނިޔޭގެ ބާރުގަދަ ގައުމުތަކުން މަސައްކަތް ކޮށްފައިވާކަން ތާރީޚުން ސާބިތުވާން އެބައޮތެވެ. ނަމަވެސް ފަހުގެ ތާރީޚެއްގައި ވެރިކަމުގެ އާރާއި ބާރާއި ގަދަކަން ދައްކައި ބަޔަކު ރަށްތަކާއި ފަޅުތައް ވިއްކާލިއެވެ. ނުއަގުގައި ޖީބަށްވެސް ބަރުކޮށްގެންނެވެ. ކިތައްމެ ޑީލެއް ހަދައި އެކަން ކާމިޔާބުވެސް ކޮށްފައި އެބަހުއްޓެވެ.
މި ހުރިހާ ކަމެއްވެސް ކުރީ ވަގަށެވެ. އޮޅުވާލައިގެން ތަރައްގީގެ ނަމުގައެވެ. ރަށްތައް ވިއްކައިގެން އެވަރުން ނުވެގެން ބޭރުގެ ފަރާތްތަކަށް 99 އަހަރަށް ބިން ވެސް މިލްކު ކުރެވޭ ގޮތަށް ގާނޫނާއި ގަވާއިދުވެސް ހެދިއެވެ. އަދި މިއާއެކު އެއް ދުވަސްވަރެއްގައި އެންމެ އަޑުގަދަވި އެއް ވާހަކައަކަށް ވެފައިވަނީ ފ. އަތޮޅު ވިއްކާލަން އުޅުނު ވާހަކައެވެ.
ތެދެކެވެ. އެއިރު ވެރިކަމުގައި ހުންނެވި ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވި ވެރިއަކު އިސްވެ ހުންނަވައިގެން މިފަދަ ޖަރީމާއެއް ހިންގަވަން އުޅުއްވިއެވެ. ސައުދީ އަރަބިޔާގެ މަހުޖަނަކަށް މުޅި ފ. އަތޮޅު ވިއްކާލަން އުޅުނެވެ. 2017 ވަނަ އަހަރު ދިވެހިންގެ ބިމުން ބޮޑު ބައެއް މަހުޖަނަކަށް ވިއްކާލަން އޭރުގެ ސަރުކާރުން ޑީލް ހެދިކަން ދިވެހިންނަށް ފަޅާއެރުމާއެކު ލޭ ހޫނު ވިއެވެ. އެހެންނަމަވެސް އޭރުގެ ސަރުކާރުގެ ވަޒީރުންނާއި އެކި ފެންވަރުގެ ބޭބޭފުޅުން ނުކުންނަވައި ރައްޔިތުންނަށް އެކަން އޮޅުވާލަން މަސައްކަތްކުރިއެވެ.
ފ އަތޮޅުން ބައެއް އަރަބި މަހުޖަނަކަށް ވިއްކާލަން ޑީލް ހެއްދެވި މިނިސްޓަރުން މިއަދު ނިކުންނަވާ ގައުމު ވިއްކާލަނީއޭ އިންޑިއާއިން އަތްގަދަކުރަނީއޭ ބީކުރި ފަޅޮލޭ ފިހުނީ މަހޭ ވިދާޅުވުމުން އެވާހަކަތައް ހަމަޖައްސާނެ ގޮތެއް ނުފެނުނެވެ.
ޖުމްލަ 23 ރަށެއްގެ މައްޗަށް އެކުލެވޭ ފ. އަތޮޅުގެ މިލްކުވެރިކަން ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާގެ ބޭފުޅަކަށް ދޫކޮށްލަން އުޅުނުއިރު ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ގެއްލިދާނެ ކަމާމެދު ކަންބޮޑެއް ނުވިއެވެ. އޭރު އެއީ ރާއްޖޭގެ ތަރައްގީގެ ގޮތުގައި ސިފަކުރި އިރު މިއަދު ސަރުކާރުން ކުރާ ކޮންމެ ކަމަކީ ބޭރެގެ ބަޔަކަށް ރާއްޖެ ވިއްކާލުން ނުވަތަ އަޅުވެތި ކުރުން ކަމަށް ބުނުމުން ހަމައެއް ނުޖެހެވެ. ވާނީވެސް އެހެންތާއެވެ. ރާއްޖެ ވިއްކާލަން ޑީލް ހެދި ބަޔަކަށް ހީވަނީ އެހެން މީހުންވެސް ކަންކުރާނީ ހަމަ އެގޮތަށް ކަމަށެވެ.
ވެރިކަމުގެ ފަސް އަހަރު ނިންމާލައި ޖާހަތާއި ޝާނާއި ޝައުކަތު ދޫކޮށްލާފައި ވަޑައިގެންނެވި އިރު އެ ވިއްކާލަން އުޅުނު ފ. އަތޮޅެއް ވެރިކަމަށް ވަޑައިގެންނެވި ފަހުން ލޮލުގެ ހިމަކޮޅުންވެސް ނުދެކެއެވެ. ނަމަވެސް ދެ އަކުރެއްގެ ފަރަގަކުން ޖަލުން ނުކުމެވަޑައިގެން އެމަނިކުފާނު އުޅުއްވި ގޮތަށް މިހާރުގެ ވެރިން އުޅުއްވައޭ ކިޔައި މޭމަތި ފުރާލާ ފްލޮރެޒެންޓް އަކުތުތަކެއް ޖައްސަވައި އެއްކަލަ އެމަނިކުފާނު ވިއްކާލަން އުޅުނު ފ. އަތޮޅު ރައްޔިތުން ކައިރިއަށް ދާން ކޮންމެއަކަސް ތައްޔާރުވެއްޖެއެވެ.
ވާނީ ވެސް އެހެންތާއެވެ. މިއުޅެނީ ގައުމު ވިއްކާލައިގެން ނުވަތަ ބަޔަކަށް ތަންކޮޅެއް ދީގެން ވެސް ނޫނެވެ. މިއުޅެނީ ވެރިކަމުގެ ޖާހަތުގައެވެ. ވެރިކަމުގައި ލިބުނު އަރާމާއި އުފަލާއި ލައްޒަތާއި އަރާމު އަލުން ނުލިބިގެންނެވެ. އެ ހޯދަން ކޮންމެ ފަދަކަމެއް ވެސް ކޮށްފާނެއެވެ. ކޯޓަށް ވަޑައިގެންވެސް ވެރިކަން ކުރެއްވި ކަމަށް ބަޔަކު ބުނެއުޅެއެވެ. އެންމެ ފަހަރަކު ނޫނެވެ. ދެ ފަހަރަކަށް އެ ސަކަރާތެއް ޖައްސަވަން މަސައްކަތް ކުރިކަމަށްވެއެވެ.
މިއަދު ދިވެހި ރައްޔިތުން ނިކަން ތަހުޒީބެވެ. ކޮންމެ ބަޔަކަށް ވެސް ބަސް ބުނުމުގެ ފުރުސަތު އޮތީ ތަންމިނަށް ހުޅުވާލާފައެވެ. މިއަދު ދިވެހި ރައްޔިތުންނަށް ހަމްދަރުދީ ވާކަމަށް ދެއްކިޔަސް އަދި ވަކިން ޚާއްސަކޮށް ފ. އަތޮޅު ޚާއްސަކަމަށް ދައްކަވަން އުޅުއްވި ނަމަވެސް ފ. އަތޮޅުގެ ރައްޔިތުން ވަޒަނުން ބޭރުކޮށްލަން މަނިކުފާނު ކުޅުއްވި ޑްރާމާ އެ ރައްޔިތުން ހަނދާނެއް ނުނެތެއެވެ. 2023 ވަނަ އަހަރުގެ އިންތިޚާބަށް ތައްޔާރު ނޫންކަމަށް ވިދާޅުވެ ތިޔަ ޖަރީވެވަޑައިގަންނަވަނީ ހަމަ ރިޔާސީ އިންތިޚާބަށެވެ.
އިންޑިއާ ކުރިއަށް ނުލައި މިބައި މީހުންނަށް މިހާރު ވާހަކަ ދެކެވޭ ކަމަކަށްވެސް ނުވެއެވެ. ތިމާމެންގެ ވެރިކަމުގައި ރައްޔިތުންގެ އަނގަ ބަންދުކޮށް ކުޅުނު ޗަރުކޭސް އެއްމެން ކުޅޭނެއޭ ހިތަށް އަރަނީއެވެ. ރާއްޖެއަށް ހެވެއް އެދިގެން މަސައްކަތެއް ކުރަން ބޭނުން ނުވަނީއެވެ. މިބައިމީހުންނަށް ވިސްނިފައި އޮންނަނީ ވަކި މީހަކަށް ނޫނީ މިގައުމުގައި ވެރިކަން ނުކުރެވޭނެ ކަމަށެވެ. އޭރު ތަރައްގީއޭ ބުނެ ރައްޔިތުން ކަނުބަނދެ ބައިތިއްބާފައި ގައުމު ވިއްކާލިޔަސް އެންމެންގެ އަމަލުތައް ހުންނާނީ އެހެނެއް ނޫނެވެ.