އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖޭގެ އަންހެން ވޮލީބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗުން އުޒްބެކިސްތާން އަތުން ބަލިވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެ ހެނދުނު ބަންގްލަދޭޝްގައި ކުޅުނު މެޗުން ރާއްޖެ ބަލިވީ އުޒްބެކިސްތާން އަތުން ސީދާ ތިން ސެޓުންނެވެ.
މި މެޗުގެ ފުރަތަމަ ސެޓުގައި އުޒްބެކިސްތާނުން ބޮޑު ލީޑެއް ނަގައިގެން ކުޅުނުއިރު، މި ސެޓު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 25-11 އިންނެނެވެ. އަދި މެޗުގެ ދެވަނަ ސެޓުގައި އުޒްބެކިސްތާން ޓީމުގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މި ސެޓުގައި ރާއްޖެ ޓީމުގެ ފަރާތުން އެންމެ އެދެވޭ ކުޅުން ފެނިފައެއް ނުވެއެވެ. އެއާއެކު މި ސެޓު އުޒްބެކިސްތާނުން ކާމިޔާބުކުރީ 25-08 އިންނެވެ.
މި މެޗުގެ ފަހު ސެޓުގައި ދެވަނަ ސެޓަށްވުރެ ރަނގަޅަށް ރާއްޖޭން ކުޅުނުއިރު، މި ސެޓުގެ ކުރީކޮޅު ރާއްޖޭން އުޒްބެކިސްތާނާ އަރާހަމަކުރިއެވެ. އެކަމަކު އުޒްބެކިސްތާނުން ވަނީ ކުޅުން ރަނގަޅުކޮށް، މި ސެޓުވެސް 25-11 އިން ކާމިޔާބުކޮށްފައެވެ.
މި މެޗަށްފަހު ވާހަކަ ދައްކަމުން އަންހެން ގައުމީ ޓީމުގެ ކޯޗު މުންތާޒް އަލީ (މުންތޭ) ބުނީ މި މެޗުގައި ޒުވާން ޓީމަކާ އަޅާބަލާއިރު ރާއްޖެ ޓީމު އެހާ ގޯސް ނޫން ކަމަށެވެ. އަދި އިދިކޮޅަށް ކުޅުނު އުޒްބެކިސްތާން ވަރަށް މޮޅު ކަމަށާއި، އެ ޓީމުގައި ދިގު ކުޅުންތެރިން ތިބުމުން އޭގެ ތަފާތު ފެނިގެން ދިޔަ ކަމަށް މުންތޭ ބުންޏެވެ. މީގެ އިތުރުން މި މެޗާއެކު ރާއްޖެ ޓީމުގެ އެކި ޑިޕާންޓްމެންޓުތަކުގައި ހުރި ކަންކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.
މި ފަހަރުގެ މުބާރާތުގައި އަންހެން ޓީމު ވާދަކުރަމުން އަންނައިރު، މި މުބާރާތުގައި ވާދަކުރާ އަންހެން ވޮލީބޯޅަ ޓީމަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެގޮތުން މީގެ ކުރިން ގައުމީ ސީނިއާ ޓީމަށް ކުޅުނު ކުޅުންތެރިންގެ ތެރެއިން މި ފަހަރުގެ ޓީމުގައި ހިމެނެނީ ހަތަރު ކުޅުންތެރިއެކެވެ. ދެން މި ޓީމުގައި ހިމެނޭނީ މުޅިން އަލަށް ގައުމީ ޓީމުން ޖާގަ ހޯދި ކުޅުންތެރިންނެވެ.
އެގޮތުން ގައުމީ ސީނިއާ އަންހެން ވޮލީ ޓީމުގެ އެވެރެޖް އުމުރަކީ 20-23 އަހަރާ ދެމެދެވެ. އަދި މި މުބާރާތަށް ނުކުތް ޓީމުގައި ގިނައީ މީގެ ކުރިން ބައިނަލްއަގުވާމީ މެޗުތަކުގެ ތަޖުރިބާ ލިބިފައިނުވާ ކުޅުންތެރިންނެވެ.
މި ފަހަރުގެ ސެންޓްރަލް ޒޯން އަންހެން މުބާރާތުގައި ރާއްޖެއާއެކު ވާދަކުރާނީ އުޒްބެކިސްތާނުގެ އިތުރުން ބަންގްލަދޭޝް އާއި، ނޭޕާލާއި، ސްރީ ލަންކާ އަދި ކިރްގިސްތާނެވެ. މުބާރާތުގައި ރާއްޖޭމް ކުޅޭ ދެވަނަ މެޗުގައި ހުކުރު ދުވަހު ނުކުންނާނީ ނޭޕާލާއި ދެކޮޅަށެވެ. އަދި ތިންވަނަ މެޗުގައި ހޮނިހިރު ދުވަހު ލަންކާއާ ދެކޮޅަށް ނުކުންނައިރު، ހަތަރުވަނަ މެޗުގައި އާދީއްތަ ދުވަހު ރާއްޖެ ނުކުންނާނީ ކިރްގިސްތާނާ ދެކޮޅަށެވެ. އަދި މުބާރާތުގެ ފަހު މެޗުގައި ހޯމަ ދުވަހު ރާއްޖެ ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ.
މި މުބާރާތް ރާވާފައިވާ ގޮތުން ހަ ގައުމުގެ މެދުގައި ލީގު އުސޫލުން ކުޅުމަށްފަހު، ފައިނަލުގައި ކުޅޭނީ ރޭންކިންގެ ކުރީގައި އޮންނަ ދެ ޓީމެވެ. އަދި ތިންވަނަ އާއި ހަތަރުވަނަ ޓީމު ރޭންކިން މެޗެއް ކުޅޭ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.