އދ.ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
ޝާހިދު މިކަން ހާމަކުރައްވާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގޭގައި އެކަހެރިވެވަޑައިގެންފައިވާ ކަމަށާއި މިވަގުތު އަސަރު ފެންނަން ހުރީ ކުޑަކޮށް ކަމަށެވެ. އަދި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރައްވާފައިވާ ކަމަށާއި ބޫސްޓަރ ޑޯޒް ވެސް ޖެއްސެވި ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު އިތުރަށް ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވެފައިވާ ހުރިހާ އެންމެނާއެކު އެމަނިކުފާނުގެ ދުޢާ ވާ ކަމަށެވެ.
ދުނިޔެ ކޮވިޑް-19އާ ދެކޮޅަށް ކުރާ ހަނގުރާމައިގައި އެއްބައިވަންތަކަން އިސްކުރަން ޖެހޭ ކަމަށް ދުނިޔޭގެ އިންސާނީ އެއްބައިވަންތަ ކަމުގެ ދުވަހު ޝާހިދު ވަނީ ވިދާޅުވެފައެވެ.
ޝާހިދު ވިދާޅުވީ އިންސާނީ އެއްބައިވަންތަ ކަމުގެ ދުވަސް ފާހަގަ ކުރާއިރު، މުޅި ދުނިޔެ ކޮވިޑް-19އާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ކަމަށާއި، ކޭސްތައް އިތުރުމުންދާ ކަމަށެވެ. އަދި ވިދާޅުވީ މި ބައްޔާއި ގުޅިގެން މިހާރު ދުނިޔެ އޮތީ ނޭނގުމެއްގެ ތެރޭގައި ކަމަށެވެ. އެހެންކަމުން އެންމެން އެއްބައިވަންތަކަން އިސްކޮށް، އެއްބައެއްގެ ގޮތުގައި މަސައްކަތް ކުރަންޖެހޭ ކަމަށް ޝާހިދު ވިދާޅުވިއެވެ.
އދ.ގެ އާއްމު މަޖިލީހުގެ ރިޔާސަތާ ޝާހިދު ހަވާލުވެވަޑައިގަތްތާ 100 ދުވަސް ފުރުމާ ދިމާކޮށް، ނިއުޔޯކްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ، ކޮވިޑް-19ން އަރައިގަތުމަށް އެއް ހަމައެއްގައި އެންމެންނަށް ވެކްސިން ލިބެން ޖެހޭ ކަމަށާއި، އެންމެންނަށް ރައްކާތެރިކަން ކަށަވަރު ނުވާނަމަ އެއްވެސް މީހަކު ސަލާމަތެއް ނުވާނެ ކަމަށެވެ. ޝާހިދު ވިދާޅުވީ ވެކްސިން ފޯރުކޮށްދިނުމަށް ހުރިހާ ގައުމުތަކުން މަޝްވަރާކޮށް، އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި އެ ގޮތަށް ގައުމުތަކުން މަސައްކަތް ކޮށްފިކަމުގައި ވާނަމަ ލަނޑުދަނޑި ހާސިލްކުރެވޭނެ ކަމަށް ވިދާޅުވެފައި ވެއެވެ.