ރަނގަޅު ޕްރައިމަރީ ހެލްތު ކެއަރއާއެކު, މުޖުތަމައުގެ 70 އިންސައްތަ ބަލިތަކަށް ފަސޭހަކަމާއެކު ފަރުވާ ހޯދޭނެ ކަމަށް ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ސޮފިއްޔާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ސޮފިއްޔާ ވިދާޅުވީ، ހެލްތުގެ ނިޒާމު ހަރުދަނާ ކުރުމަށް އުމްރާނީ ވަރަށް ގިނަ ވަސީލަތްތައް ގާއިމް ކުރެވިފައިވާ ކަމަށެވެ. ނަމަވެސް ރާއްޖެއިން ބޭރަށް ގޮސް ފަރުވާ ހޯދާ މީހުންގެ އަދަދު ދަށް ނުވާކަމަށާއި، ބަލިތަކުން ސަލާމަތްވުމަށް ބޭސް ބޭނުންކުރާ މިންވަރު ވެސް މަދުނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. ސޮފިއްޔާ ވިދާޅުވީ އާސަންދައިގެ ޑޭޓާތަކާއެކު، ފިނޭންސް މިނިސްޓްރީން އާއްމުކުރާ ތަފާސްހިސާބުތަކުން އެކަން ހާމަވެގެންދާ ކަމަށެވެ. އެއްދުވަހުން އަނެއް ދުވަހަށް އެކިއެކި ބަލިތަކަށް ބޭސް ނަގާ މިންވަރު އިތުރުވާކަން ފާހަގަކުރައްވައި ސޮފިއްޔާ ވިދާޅުވީ، މިއީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ.
ސޮފިއްޔާ ވިދާޅުވީ ރާއްޖޭގެ ހެލްތު ކެއަރ ނިޒާމު ރަނގަޅު ކުރަން ޖެހޭ ކަމަށާއި، މި ނިޒާމު އިތުރަށް ހަރުދަނާ ކުރެވިއްޖެނަމަ އާއްމު ރައްޔިތުންގެ އަތުން ދާ ޚަރަދާއި، ދައުލަތުން ކުރަންޖެހޭ ޚަރަދު ކުޑަވެގެންދާނެ ކަމަށެވެ. އަދި މިނިޒާމު ކުރިއެރުވިއްޖެނަމަ 70 އިންސައްތަ ބަލިތަކަަށް ފަރުވާ ދެވޭނެ ކަމަށާއި، ސްޕެޝަލިސްޓުން އެހީތެރިކަން ހޯދަން ޖެހޭނީ 30 އިންސައްތަ މީހުން ކަމަށެވެ.
އަދި ޕްރައިމަރީ ހެލްތު ކެއަރއަކީ ވަރަށް ވަށާޖެހޭ ނިޒާމެއް ކަމަށާއި، ޖިސްމާނީ ދުޅަހެޔޮ ކަމާއި، ނަފްސާނީ ދުޅަހެޔޮ ކަމާއި އަދި އިޖްތިމާއީ ކަންކަމަށް ރިޔާއަތް ކުރެވިގެން ސިއްހީ ޚިދުމަތް ފޯރުކޮށްދެވިގެންދާނެ ކަމަށެވެ.
މީގެ އިތުރުން ހެލްތު ސެކްޓަރ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ދަނޑިވަޅެއްގައި ހެލްތު އިންފޮމޭޝަން ނިޒާމެއް ގާއިމުވެފައި ނެތުމަކީ ދިމާވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ. އެގޮތުން މިހާރު ޚާއްސަ ޓީމަކުން އެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ ނިޒާމު ގާއިމުކުރެވިގެން ދިއުމާއެކު ކޮންމެ ދިމާލަކުން ވެސް ޑޮކްޓަރަށް ދައްކައި ފަރުވާ ހޯދި ނަމަވެސް މެޑިކަލް ހިސްޓްރީ ބަލައިލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ހެލްތު ކެއަރ ނިޒާމާ ބެހޭ ގޮތުން ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެފައިވަނީ، އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ޕްރައިމަރީ ހެލްތު ކެއަރ އަލުން ތައާރަފު ކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ޕްރައިމަރީ ހެލްތު ކެއަރގެ ސަބަބުން ބަލިތަކުގައި ބޮޑުވަރުވާ މިންވަރު ކުޑަކޮށްދޭނެ ކަމަށާއި، ބަލީގައި ބޮޑުވަރު ވުމުގެ ކުރީގައި ބަލި ދެނެގަނެވި އެ ބައްޔަށް ފަރުވާދެވެން ފެއްޓޭނެ ކަމަށެވެ.
ދިވެހިރާއްޖޭގެ ސިއްހީ ނިޒާމު އަލަށް ބައްޓަން ކުރެވުނު ޒަމާނުގައި، އެންމެ ބޮޑު އިސްކަމެއް ދެވުނީ ޕްރައިމަރީ ހެލްތުކެއަރ މެދުވެރިކޮށް ރައްޔިތުންނާ ގާތުން ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމަށެވެ. ނަމަވެސް ދިވެހި ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައި ބަދަލުތަކާއި، ދުނިޔޭގެ ސިއްހީ އޮނިގަނޑަށް އައި ބަދަލުތަކާއި ލިބުނު ކުރިއެރުންތަކާއި، ކެއުންބުއިމުގެ އާދަކާދަތައް ބަދަލުވުމާއި، ދިވެހި ރައްޔިތުންގެ އެކްސްޕެކްޓޭޝަންސް ބަދަލުވުމާއި، އަދި އެހެނިހެން ކަންކަމާ ގުޅިގެން، ރާއްޖޭގެ ސިއްހީ ނިޒާމުގެ ފޯކަސް ބަދަލުވީ ކިއުރެޓިވް ކެއަރ، ނުވަތަ ބަލިވުމަށްފަހު ބޭސްފަރުވާ ހޯދުމުގެ ގޮތުން، ސްޕެޝަލިސްޓް ކެއަރ ކުރިއެރުވުމުގެ ސިސްޓަމަކަށެވެ. އެގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހޮސްޕިޓަލްތަކާއި ޒަމާނީ ހެލްތު ސެންޓަރުތައް ގާއިމު ކުރުމުގެ މަސައްކަތްތައް ވަނީ ކުރެވިފައެވެ.