ކ. މާލެ
|
20 ޑިސެންބަރ 2021 | ހޯމަ 18:23
ހިޔާ ފްލެޓު ސަރަހައްދުގައި ހެދިކާ ވިއްކާ ސްޓޯލެއް
ހިޔާ ފްލެޓު ސަރަހައްދުގައި ހެދިކާ ވިއްކާ ސްޓޯލެއް
ރާއްޖެއެމްވީ
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިޔަފާރި
ހެދިކާ ސްޓޯލް، ހިޔާ ފްލެޓް ސަރަހައްދުގެ އިގްތިސާދީ ފެށުން
 
ގިނަ އަދަދެއްގެ މީހުން އަންނަނީ ހިޔާ ފްލެޓު ސަރަހައްދުގައި ހެދިކާ ވިއްކަމުން

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓުތަކުގައި މީހުން ވަޒަންވެރިވި ހިސާބުން އަޑު އިވެންފެށީ އެކި ކަހަލަ ޝަކުވާތަކެވެ. އެތަނުގައި ދިރިއުޅޭ މީހުން މިސްކިތުގައި ނަމާދުކުރާނެ ޖާގަ ނެތުމުގެ ޝަކުވާއެވެ. ކުނި މެނޭޖުކުރާނެ ގޮތެއް ނެތް ވާހަކައެވެ. ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންވާ ތަކެތި ދެވަނަ ފިޔަވަހިން ގަނެވެން ނެތްކަމުގެ އަޑުތަކެވެ. މިހުރިހާ ދަތިތަކާއެކުވެސް ގިނަ ބަޔަކު އަންނަނީ އެތަނުގައި ދިރިއުޅެމުންނެވެ. އަދި ދިރިއުޅުމަށްޓަކައި އެކި ގޮތްގޮތުން މަގުކޮށަމުންނެވެ.

އެގޮތުން ހަވީރު ވަގުތުގައި މިހާރު ހިޔާފްލެޓް ސަރަހައްދަށް ނަޒަރު ހިންގާލައިފިނަމަ ފެނިގެންދާނެ މަންޒަރަކީ ކުދިކުދި މޭޒުތަކާ ޕިކަޕުތަކުގައި ހެދިކާ ވިއްކަމުންދާ މަންޒަރެވެ. ހަވީރު ގަޑިއާ ދިމާކޮށް ހިޔާ ފްލެޓުގައި ދިރިއުޅެމުން އަންނަ ގިނަ ފަރާތްތަކަކުން އަންނަނީ ހެދިކާ ވިއްކަމުންނެވެ. އަދި މި 'ސްޓޯލް' ތަކަށް ގިނަ އަދަދެއްގެ މީހުން ވިޔަފާރިކުރަން އާދެއެވެ.

މިފަހަކަށް އައިސް ދިވެހިންގެ ވިސްނުން ހުރީ ހުރިހާ ކަމެއްވެސް ސަރުކާރުން ރައްޔިތުންނަށް ކޮށްދޭނެ ކަމަށެވެ. ސަރުކާރުން އެކަމެއް ނުކޮށްދީފި ނަމަ ގިނަ ފަހަރަށް އެކަން އޮންނަނީ ނުވެފައެވެ. ނަމަވެސް މިއަދު އެމަންޒަރު ބަދަލުވާން ފަށައިފިއެވެ.

މިއަދު ހިޔާ ފްލެޓުގައި ދިރިއުޅޭ ރައްޔިތުން އަންނަނީ އެމީހުންގެ ދިިރިއުޅުން އަމިއްލަ މަސައްކަތުން އާރޯ ކުރަމުންނެވެ. މި ފަށައިގަތް ކުޑަ ހެދިކާ ސްޓޯލްތަކުގެ ސަބަބުން ގިނަ ބަޔަކަށް އާމްދަނީ ހޯދުމުގެ ފުރުސަތުވަނިީ ހުޅުވިފައެވެ. ނުވިތާކަށް ހެދިކާފަދަ ތަކެތި ގަންނަން ހުޅުމާލޭގެ ފުރަތަމަ ފިޔަވަށްސަށް މިހާރު ހިޔާފްލެޓުގެ ރަށްވެހިން ދަތުރުކުރާކަށް ނުޖެހޭނެއެވެ. މިއީ މި ތަކެތި ގަންނަންދާ ފަރާތްތަކަށްވެސް ލިބިގެންދިޔަ ވަރަށް ބޮޑު ލުއި ފަސޭހައަކަށް ވާނެއެވެ. އަދި މިއީ ހިޔާ ފްލެޓު ސަރަހައްދަށް ކުރިމަގުގައި އަންނަން އޮތް އިގްތިސާދީ ކުރިއެރުމުގެ ފެށުން ކަމުގައި ވެދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް
21 ޑިސެންބަރ 2021 | އަންގާރަ 11:18
ވޯލް
އެކަމަކު މިކަންވެސް ރެގިއުލޭޓް ކުރެވިގެން ހިންގަން ޖެހޭނީ. އެ ވިއްލާ ކާބޯތަކެތި ހަދާ ތަނުގެ ސާފުތާހިރުކަން ހުރިވަން ވަޒަން ކުރެވި ވިޔަފާރީގެ ހުއްދައެއް އޮވެގެން. ދެން ދައުލަތުން ކުރަންޖެހޭ ކަމަކީ މިމީހުނަށް ބޭނުންވާ ހުއްދަ ހޯދޭނެގޮތް ފަސޭހަކޮށް ދިނުން.