މި މަހު ބަންގްލަދޭޝްގައި ފަށާ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އިންޑިއާގެ ހައިދަރުއާބާދު ސްޕައިކާސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ ފަހު މެޗުންވެސް ރާއްޖޭގެ ގައުމީ ފިރިހެން ވޮލީބޯޅަ ޓީމު މޮޅުވެއްޖެއެވެ.
ރާއްޖޭގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ކުރިމަތީ ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ހޮނިހިރު ދުވަހު ހަވީރު ކުޅުނު މެޗުން ރާއްޖެ މޮޅުވީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ކުރިން ކުޅުނު ދެ މެޗުން ރާއްޖެ މޮޅުވީ 3-1 ސެޓުންނެވެ.
ހޮނިހިރު ދުވަހު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ސެޓުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ސެޓުގެ ކުރީކޮޅު ހައިދަރުއާބާދު ސްޕައިކާސްއިން ވަނީ ލީޑުކޮށްގެން ކުޅެފައެވެ. އެކަމަކު ފަހު ފަސް ޕޮއިންޓުގައި ރާއްޖޭގެ ޓީމުގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މި ސެޓު ރާއްޖޭން ކާމިޔާބުކުރީ 25-22 އިންނެވެ.
މެޗުގެ ދެވަނަ ސެޓުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ސެޓެކޭ އެއްގޮތަށް މި ސެޓުގެވެސް ކުރީކޮޅު ލީޑުކޮށްގެން ކުޅެފައިވަނީ ހައިދަރުއާބާދު ސްޕައިކާސްއިންނެވެ. އެހެންނަމަވެސް ރާއްޖޭގެ ކުޅުންތެރިންގެ އަމިއްލަ ގޯސްތައް މަދުކޮށް މި ސެޓުވެސް ވަނީ 25-22 އިން ކާމިޔާބުކޮށްފައެވެ. އަދި މެޗުގެ ފަހު ސެޓުގައި އިންޑިއާގެ ޓީމުގެ ފަރާތުން ފުރަތަމަ ދެ ސެޓަށްވުރެ ދަށް ކުޅުމެއް ފެނިގެންދިޔައިރު، މި ސެޓުގައި ރާއްޖޭން ވަނީ ފަސް ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. އެކަމަކު މި ސެޓުވެސް ރާއްޖޭން ކާމިޔާބުކޮށްފައިވަނީ 25-22 އިންނެވެ.
ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އިންޑިއާގެ ހައިދަރުއާބާދު ސްޕައިކާސްއާ ދެކޮޅަށް ރާއްޖޭން ޖުމްލަ ތިން މެޗެއް ކުޅުނުއިރު، އެ މުބާރާތުގައި ވާދަކުރުމަށް ގައުމީ ވޮލީ ޓީމުތައް ބަންގްލަދޭޝަށް ފުރާނީ އާދީއްތަ ދުވަހުއެވެ. މި މެޗުތަކުގެ ކުރިން މި މަހު ރާއްޖޭން ވަނީ ސްރީ ލަންކާއާ ދެކޮޅަށްވެސް އެކުވެރިކަމުގެ ތިން މެޗެއް ކުޅެފައެވެ. އެކަމަކު އެ ތިން މެޗުންވެސް ގައުމީ ފިރިހެން ވޮލީބޯޅަ ޓީމު ވަނީ ބަލިވެފައެވެ.
މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށް ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް ބަންގާޅުގައި ބާއްވާއިރު، ފިރިހެން މުބާރާތުގައި ވާދަކުރާ ގައުމުތަކަކީ ރާއްޖެ އާއި، ނޭޕާލާއި، ސްރީ ލަންކާ އާއި، އުޒްބެކިސްތާން އަދި ބަންގްލަދޭޝެވެ. އަދި އަންހެން މުބާރާތުގައި ރާއްޖެއާއެކު ވާދަކުރާނީ ކިރްގިސްތާނާއި، ނޭޕާލާއި، އުޒްބެކިސްތާން އަދި ބަންގްލަދޭޝެވެ.