އަރަބިއްޔާ ސްކޫލްގެ ދަރިވަރުން އިއްޒުއްދީން ސްކޫލަށް ބަދަލު ކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމި ނިންމުމާއި ދެކޮޅަށް އެސްކޫލުގެ ގިނަ ބެލެނިވެރިންތަކެއް ނުކުމެއްޖެއެވެ.
ހުކުރު ދުވަހުގެ ހަވީރު އަރަބިއްޔާ ސްކޫލުގެ ކައިރީގައި ގިނަ އަދަދެއްގެ ބެލެނިވެރިން އެއްވެ، ވަނީ ނުރުހުންފާޅު ކޮށްފައެވެ. ރާއްޖެއެމްވީއާ ވާހަކަ ދެއްކި ބެލެނިވެރިއަކު ބުނީ ހުކުރު ދުވަހުގެ ހަވީރު އެ ސުކޫލުގައި ބެލެނިވެރިން ބައްދަލުވުމެއް ބޭއްވި ކަމަށާއި، ދަރިވަރުންގެ ކިޔެވުން ވަގުތީގޮތުން އިއްޒުއްދީން ސުކޫލަށް ބަދަލުކުރަން ގިނަ ބެލެނިވެރިން ބޭނުން ނުވާ ކަމަށެވެ. އަދި އެކަން އެޑިޔުކޭޝަން މިނިސްޓްރީއަށް ވެސް އަންގާފައިވާ ކަމަށާއި، އެނިންމުމަކީ ބެލެނިވެރިންނާއި މަޝްވަރާ ކުރުމެއްނެތި ނިންމާފައިވާ ނިންމުމެއް ކަމަށް އެމީހާ ބުންޏެވެ.
އަރަބިއްޔާ ސްކޫލަށް ސަރުކާރުތަކުން ދަނީ އިހުމާލުވަމުންކަން ފާހަގަކޮށް ބެލެނިވެރިން ބުނީ ދަރިވަރުން އިއްޒުއްދީން ސްކޫލަށް ބަދަލުކޮށްފި ކަމުގައިވާނަމަ އުޅުމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ.
އަރަބިއްޔާ ސްކޫލް ހުންނަ އިމާރާތަށް ލިބިފައިވާ ގެއްލުންތަކާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އަރަބިއްޔާ ސްކޫލްގެ އިމާރާތަށް މިވަގުތު ދިމާވެގެން އުޅޭ މައްސަލަ ބަލައި ހައްލުކުރުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށެވެ. އެ ސްކޫލްގެ އިމާރާތުގެ ހާލަތު މިވަގުތު ހުރިގޮތުން އެތަނުގައި ދަރިވަރުންނަށް ތައުލީމު ފޯރުކޮށްދިނުމަކީ އެންމެ ރައްކާތެރިކަމެއްނޫން ކަމަށާއި، ޢިމާރާތަށް ލިބިފައިވާ ގެއްލުންތަކަށް އަވަސް ހައްލެއް ހޯދުމަށްޓަކައި މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށެވެ. މިކަމަށް ހައްލެއް ހޯދެންދެންވެސް ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދަންޖެހޭ ކަމަށާއި، 700ށްވުރެ ގިނަ ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދެވޭނީ ސްކޫލެއް ހިންގުމަށް އިމާރާތްކޮށްފައި ހުރިތަނެއްގައި ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އަދި ވަސީލަތްތައްވެސް ހުންނަންޖެހޭ ކަމަށެވެ.
މިކަންތައްތަކަށް ރިއާޔަތްކޮށް ތިން ކަމެއް ކުރުމަށް މިނިސްޓްރީން ވަނީ ނިންމާފައެވެ. އެގޮތުން އަރަބިއްޔާ ސްކޫލްގެ ދަރިވަރުންގެ ކިޔެވުން ވަގުތީގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފައެވެ. އަދި މިހާރު ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ސްކޫލްތަކުގެ ތެރެއިން، އެއް ސުކޫލް އަރަބިއްޔާއަށް ޚާއްސަ ކުރުމަށްވެސް ނިންމާފައިވެއެވެ. މީގެ އިތުރުން މިހާރު އަރަބިއްޔާ ސްކޫލް ހިންގާ އިމާރާތުގެ ސްޓްރަކްޗަރަލް އެސެސްމެންޓް ނިމުމުން، އެ އެސެސްމެންޓުގެ ރިކޮމެންޑޭޝަނާ އެއްގޮތަށް މައްސަލަތައް ހައްލުކުރާނެ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ. އެ އިމާރާތަކީ އަބަދުވެސް އަރަބިއްޔާ ސްކޫލަށް ޚާއްސަކޮށްފައިހުންނާނެ އިމާރާތެއް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.