ދިވެހިރާއްޖޭގެ ގައުމީ ސްކައުޓް އެސޯސިއޭޝަންގެ އޮފީހާއި ފިހާރަ ހިންގާނެ އިމާރާތެއް ހަމަނުޖެހި، މިހާރު ހިންގަމުން އައި ތަނުން ނިކުންނަން ޖެހުމާ ގުޅިގެން އެ އެސޯސިއޭޝަންގެ އޮފީހާއި ފިހާރަ ބަންދުކޮށްފިއެވެ.
ސްކައުޓް އެސޯސިއޭޝަނުން މައުލޫމާތު ދެއްވި ގޮތުގައި، މިހާރު ހިންގަމުން އަންނަ ޗާންދަނީ މަގުގައި ހުންނަ އަރަބިއްޔާ ސްކޫލްގެ އިމާރާތުން ސެޕްޓެމްބަރު 10 ގެ ކުރިން ހުސްކުރުމަށް އަންގާފައިވާއިރު، އެ މުއްދަތު ހަމަވިއިރުވެސް އެސޯސިއޭޝަން ހިންގުމަށް އެހެން ތަނެއް ހަމަޖެހިފައެއް ނުވެއެވެ.
އަރަބިއްޔާ ސްކޫލްގެ އިމާރާތުގެ ތަނބުތަކުގައި ބޮޑެތި ރެނދުތައް އުފެދި، އިމާރާތަށް ގެއްލުން ވެފައިވާތީ، 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެ ސްކޫލްގައި ކިޔަވައިދިނުން ވަނީ ހުއްޓާލާފައެވެ. އޭގެ ފަހުން ސްކައުޓް އެސޯސިއޭޝަނުން އެ އިމާރާތް ބޭނުންކުރަމުން އައީ ވަގުތީ ގޮތުންނެވެ.
މިދިޔަ މޭ މަހު ބޭއްވުނު ގައުމީ ސްކައުޓް ދުވަހުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެފައިވަނީ ސްކައުޓް ހަރަކާތަށް ސަރުކާރުގެ ފަރާތުން ގިނަ ކަންތައްތަކެއް ކޮށްދޭން ޖެހިފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެ ހަރަކާތަށް ބޭނުންވާ މާލީ އަދި އުމްރާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ވަރަށް ގިނަ ޗެލެންޖުތަކުގައި އުޅެން ޖެހިފައި [ސްކައުޓުންނަށް] ވަނީ. ވަންނާނެ އިމާރާތެއް ނެތި ބާވެފައި ހުންނަ އިމާރާތްތަކުން އެއް ތަނުން އަނެއް ތަނަށް ބަދަލު ވަމުން ދަނީ، އެއީ އެކަން ވާން ޖެހޭނެ ގޮތެއް ނޫން
ެރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު![]()
ރާއްޖޭގެ ގިނަ ސްކޫލްތަކެއްގައި ހިންގާ ސްކައުޓް ހަރަކާތްތަކަށް ބޭނުންވާ ހުރިހާ ސާމާނެއް ވިއްކަމުން އައީ ސްކައުޓް އެސޯސިއޭޝަންގެ ފިހާރައިންނެވެ. އެ ފިހާރަ ބަންދުވުމާ ގުޅިގެން ސްކައުޓް ހަރަކާތްތަކަށް ބޭނުންވާ ތަކެތި ހޯދުމަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށް ބެލެވެއެވެ. އަދި އޮފީސް ބަންދު ކުރުމުގެ ސަބަބުން ރާއްޖޭގެ ސްކައުޓް ހަރަކާތްތައް ހުއްޓުމުގެ ބިރު ހީވެފައިވާކަމަށް ގިނަ ބަޔަކު ފާހަގަކުރެއެެވެ.