ކ. މާލެ
|
17 ޑިސެންބަރ 2021 | ހުކުރު 20:29
އިދިކޮޅުން ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން
އިދިކޮޅުން ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން
ރާއްޖެއެމްވީ
އިންޑިއާ އައުޓް ސައިކަލު ބުރު
އިދިކޮޅު މުޒާހަރާއިން ދެ މީހަކު ހައްޔަރުކޮށްފި
އިދިކޮޅުން އެންމެ ފުރަތަމަ މަސައްކަތްކުރީ ސައިކަލު ބުރެއް ބާއްވަން
ސައިކަލު ބުރު ބޭއްވުމުގެ ޖާގަ ފުލުހުން ދީފައެއް ނުވޭ
މި އެއްވުމުގެ ތެރެއިން ފުލުހުންނާ އާންމުންނާ ދެމެދު ހަމަނުޖެހުން ހިނގާފައިވޭ

ހުކުރު ދުވަހުގެ ހަވީރު އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ހުކުރު ދުވަހުގެ ހަވީރު އިދިކޮޅު ކޯލިޝަނުން ވަނީ ސައިކަލު ބުރެއް ބޭއްވުމަށް މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް މި ސައިކަލު ބުރުގެ ތެރެއިން ހަމަނުޖެހުން ހިންގަން އުޅޭކަމުގެ މައުލޫމާތު ލިބުމުން އެހަރަކާތް ކުރިއަށް ގެންދިއުމުގެ ފުރުސަތު ފުލުހުން ދީފައެއް ނުވެއެވެ. އަދި ޕީޕީއެމް އޮފީސް ކައިރި މަގުތައް ފުލުހުން ވަނީ ބަންދުކޮށްފައެވެ.

އެހެންކަމުން ސައިކަލު ބުރު ވަނީ މުޒާހަރާއަކަށް ބަދަލުވެފައެވެ. އިރުއޮއްސެން ކައިރިވެފައިވަނިކޮށް މުޒާހަރާގެ ތެރެއިން ފުލުހުންނާ އާންމުންނާ ދެމެދު ވަނީ ހަމަނުޖެހުމެއް ހިނގާފައެވެ. އަދި 2 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުނެފައިވެއެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރ. ރައީސް ޔާމީން މިނިވަންވެވަޑައިގެންނެވިފަހުން ކުރިއަށްވުރެ ބޮޑަށް އިންޑިއާ އައުޓް ކެމްޕެއިން ކުރިއަށްގެންދެއެވެ. އެގޮތުން އެމަނިކުފާނު އިސްވެ ހުންނަވައި ގެންދަވަނީ އަތޮޅުތެރޭގައި ވެސް މި ކެމްޕެއިން ކުރިއަށެވެ. އަދި އިންޑިއާ އައުޓްގެ ނަމުގައި ޕެޓިޝަނެއްގައި ސޮއިކުރުންވެސް ކުރިއަށްގެންދާއިރު، މި ޕެޓިޝަންގައި ބުނަނީ މި ސަރުކާރުން އިންޑިއާއާއެކު ސިއްރު އަސްކަރީ އެއްބަސްވުންތަކެއްގައި ސޮއިކުރަމުން ގެންދާ ކަމަށެވެ. އަދި ގާނޫނުއަސާސީއާ ޚިލާފަށް ރާއްޖޭގެ ތަންތަން އިންޑިއާއަށް ދޫކޮށްފައިވާކަމަށްވެ.

އިދިކޮޅުން ކުރިއަށްގެންދާ އިންޑިއާ އައުޓް ކެމްޕްއިނަށް ރައީސް ނަޝީދު ވަނީ ރައްދު ދެއްވާފައެވެ. އިންޑިއާ އައުޓް ކަމަށް ނުބުނެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ. ރައީސް ނަޝީދު ވިދާޅުވީ، ދިވެހިރާއްޖޭގައި އޮތް އިންޑިއާގެ ދައުރު އަދި އިންޑިއާ ކަނޑުގައި އޮތް ދިވެހިރާއްޖޭގެ ދައުރަކީ ދިވެހިންނަށް އޮޅޭނެ ދައުރެއް ނޫން ކަމަށެވެ. އެހެންކަމުން އިންޑިއާ އައުޓެއް ނުބުނެވޭނެ ކަމަށެވެ.


Advertisement
- ކޮމެންޓް