ކ. މާލެ
|
17 ޑިސެންބަރ 2021 | ހުކުރު 14:30
ފަތުރުވެރިއެއް
ފަތުރުވެރިއެއް
ޓޫރިޒަމް މިނިސްޓްރީ
ފަތުރުވެރިކަމުގެ ކާމިޔާބީތައް
ރާއްޖޭގެ ފަތުރުވެރިކަމަށް ކާމިޔާބީއަކަށްފަހު ކާމިޔާބީއެއް!
 
ކޮވިޑް-19ގެ ކުރިން އޮތް ހާލަތަށް ފަތުރުވެރިކަން ދަނީ ރުޖޫއަވަމުން
 
2022 ވަނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން އަހަރު
 
ރާއްޖެއިން ވަނީ ވިދިވިދިގެން ދެއަހަރުު ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑު ހޯދާފައި

މުޅި ދުނިޔެއަށް ކުރިމަތިލާންޖެހުނު ކޮވިޑް-19ގެ ހާލަތާއެކު ރައްޖޭގެ ފަތުރުވެރިކަމަށް އިއާދަ ނުކުރެވޭވަރުގެ ބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހުނެވެ. ފަތުރުވެރިކަން އެއްކޮށް ހުއްޓި، ފަތުރުވެރިކަމުން ރާއްޖެއަށް ލިބެމުންއައި އާމްދަނީވެސް ނުލިބި ގިނަ ދުވަސްތަކެއް ހޭދަވިއެވެ. މިކަމުން ރާއްޖޭގެ އިގްތިސާދު ވެއްޓުނު އަނދަވަޅުގެ ސަބަބުން ރައްޔިތުންނާއި، ދައުލަތްވެސް ގޮތްހުސްވި ކަހަލައެވެ. އެހެންނަމަވެސް އެ ނޫން ދުވަހެއް ދުށުމުގެ އުންމީދު ކަނޑައެއް ނުލައެވެ. ޚާއްސަކޮށް ފަތުރުވެރިކަމުގެ ސިނާއަތުން މި އުންމީދު ދޫނުކޮށްލާކަން މިއަދު ވަރަށް ސާފެވެ.

2020 ވަނަ އަހަރުގެ ޖުލައި 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއެކު ރާއްޖެއިން ވަނީ ފަތުރުވެރިން ރާއްޖެ ގެނައުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކޮށްފައެވެ. އަދި ބޯޑަރު ބަންދުކޮށްފައި އޮތް މުއްދަތުގައިވެސް ގައުމުގައި ތިބެގެން، ވަރޗުއަލްކޮށް ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތްތައް ކޮށްފައިވެއެވެ. ޓުއަރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރާ އެންމެން ގުޅިގެން ކުރި މަސައްކަތުން ބޯޑަރު ހުޅުވާލިތާ މިވީ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖެއިން މިވަނީ އެތަކެއް ކާމިޔާބީއެއް ހޯދާފައެވެ.

ކޮވިޑުގެ ހާލަތުގައިވެސް ކަނޑައެޅި ކޮންމެ އަމާޒެއް ވަނީ ހާސިލްކޮށްފައެވެ. އެއީ ބައި ލައްކަ ފަތުރުވެރިން ގެނައުމަށް ކަނޑައެޅި އަމާޒުވިޔަސްމެއެވެ. އަދި އެއް މިލިއަން ފަތުރުވެރިން ގެނައުމަށް ކަނޑައެޅި އަމާޒު ވިޔަސްމެއެވެ. މިއިން ކޮންމެ އަމާޒަކަށް ވާސިލްވުމަށްވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ އެންމެންވެސް ތިބީ ވަރަށް ތައްޔާރުވެގެންނެވެ. މިއަހަރު ނިމުމުގެ ކުރިން އެއް މިލިއަން ފަތުރުވެރިން ގެނައުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު، އަހަރު ނިމުމުގެ ދެ މަސް ކުރިން މި އަމާޒަށްވެސް ވަނީ ވާސިލްވެފައެވެ. އެއަށްފަހު އަހަރު ނިމުމުގެ ކުރިން 1.3 މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒު ހިފީއެވެ. އަހަރު ނިމުމުގެ ކުރިން މި އަމާޒަށް ވާސިލްވެވޭނެކަމުގެ ޔަގީންކަން ފަތުރުވެރިކަމާ ބެހޭ ވަޒީރު ވަނީ ދެއްވާފައެވެ.

ރާއްޖޭގެ ފަތުރުވެރިކަން މިހާރު ދަނީ ކޮވިޑް-19ގެ ކުރިން އޮތް ހާލަތަށް ރުޖޫއަވަމުންނެވެ. ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުވެސް ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުން އަންނައިރު، މިއަހަރުގެ ބެޑް ނައިޓްވެސް 2019 ވަނަ އަހަރަށްވުރެ ވަނީ އިތުރުވެފައެވެ. މިހާތަނަށް 10.7 މިލިއަން ބެޑް ނައިޓްގެ ގޮތުގައި ހުރިއިރު ސަރުކާރުން ވަނީ މިއަހަރު ނިމުމުގެ ކުރިން 11 މިލިއަން ބެޑް ނައިޓަށް ވާސިލްވުމަށް އަމާޒު ހިފާފައެވެ.

ރާއްޖޭގައި މިވަގުތު އޮތީ ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ ވަރުގެ ޓުއަރިޒަމް ސެކްޓަރ އެކެވެ. ކޮވިޑަށް ފަހު މި ވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ރާއްޖެއިން ވަނީ އެތައް ކާމިޔާބީއެއް ހޯދާފައެވެ. މިގޮތުން ރާއްޖެއިން ވަނީ ބޯޑަރު ހުޅުވާލިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، ވޯލްޑް ޓްރެވަލް އެވޯޑްސްއިން ދޭ ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑު ފުރަތަމަ ފަހަރަށް ހާސިލްކޮށްފައެވެ. 2020 ވަނަ އަހަރު މި އެވޯޑު ހާސިލްކުރުމަށްފަހު މިއަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑްސްގައިވެސް ރާއްޖެއިން ވަނީ ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑު ހޯދާފައެވެ. ވިދިވިދިގެން ދެއަހަރު ރާއްޖެއަށް މި އެވޯޑު ލިބުނުކަމީ ރާއްޖޭގެ ޓުއަރިޒަމް ސެކްޓަރގެ ކާމިޔާބުކަން ހަމަކޮށްދޭ ކަމެކެވެ. އަދި ރާއްޖެއިން ވަނީ އެތައް ފަހަރެއްގެ މަތިން އިންޑިއާ ކަނޑުގެ ލީޑިން ޑެސްޓިނޭޝަން އެވޯޑްވެސް ހާސިލްކޮށްފައެވެ.

2022 ވަނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަން ފަށައިގަތްތާ 50 އަހަރު ފުރޭ އަހަރެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން އަހަރެވެ. މިވީ 50 އަހަރުގެ ތެރޭގައި އެކި ގޮންޖެހުންތަކާ އެކުވެސް ކުރި މަސައްކަތުން ރާއްޖެއިން މިހާރު މިވަނީ މި ސިނާއަތުގެ އެންމެ އުހަށް އަރާފައެވެ. މި ކުޑަ ކުޑަ ރާއްޖެ މިހާރު ވާދަކުރަމުންދަނީ އެއްވެސް ބިރެއްނެތި ދުނިޔޭގެ ބޮޑެތި ގައުމުތަކާއެވެ. ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭއިރު ރާއްޖެއިން މިހާރު މިވަނީ މީގެ ކުރިން ހޯދާފައިނުވާވަރުގެ ބޮޑެތި ކާމިޔާބީތައް ހޯދާފައެވެ. ފަތުރުވެރިކަމުގެ ރަން އަހަރާ ކުރިމަތިލާން މިއަށްވުރެ މުނާސަބު ގޮތެއް އޮންނާނެތޯ؟.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް