ކ. މާލެ
|
16 ޑިސެންބަރ 2021 | ބުރާސްފަތި 23:26
ރާއްޖެޓީވީގައި ރޯކޮށްލުން
ރާއްޖެޓީވީ ރޯކޮށްލުން
އެތައް ބައެއްގެ ދިރިއުޅުން ފުނޑުފުނޑުކޮށްލުމުގެ ބަދަލަކީ 2 އަހަރު؟
 
ލިބުނު ގެއްލުމުގެ ޖުމްލަ ޢަދަދު 11.65 މިލިއަން ރުފިޔާއަށް އަރާ
 
އެތައް ބައެއްގެ ހިތްތަކަށް ބިރުވެރިކަން ގެނުވި މި ހާދިސާގެ ބަދަލަކީ ދެ އަހަރު ކަމަށް ގަބޫލެއް ނުކުރެވޭ

"ރާއްޖެޓީވީ" ރޯކޮށްލި މައްސަލައިގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ހ. ގަސްވާ މުހައްމަދު މީއާދުގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން އޭނާއަށް 2 އަހަރުގެ ހުކުމެއް ކުރުމުން އެކަމާ ސިއްސައިގެން ދިއައެވެ. ނުވާންވީ ސަބަބެއްވެސް ނެތެވެ. އެތައް އަހަރެއްގެ ފަހުން މައްސަލަ ނިމިގެން ދިޔައިރު މިއީ އިންސާފުކަމަށް ގަބޫލު ކުރަން އުނދަގޫވަނީއެވެ.

މިހުކުމާއި ގުޅިގެން ރާއްޖެޓީވީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސަލީމް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ސަލީމް ވިދާޅުވީ މިއީ އިންސާފު ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

ސްޓޭޝަން އަންދާ އަޅިއަށް ހަދާލީމަ، ބައެއްގެ ބޮޑު އިމާރާތެއް ތަޅާ ބިމާ ހަމަކުރަން މިކަމާ ހެދި ޖެހުނީމަ، އެހާ ބިރުވެރިކަމަކާ ނާމާންކަން ހިތްތަކަށް ވެރި ކުރުވީމާ 2 އަހަރުގެ ހުކުމެއް! ކޮބައިތޯ ރޭވި މީހުން؟ ޚަރަދު ކުރި މީހުން؟ މިއީ އަދި އިންސާފު ކަމަށް ބަލައެއް ނުގަންނަން!
ރާއްޖެޓީވީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސަލީމް

ދިވެހި ތާރީޚުގައި މީޑިއާއަކަށް ދިން އެންމެ ނުރައްކާތެރި ހަމަލާ ދީފައިވަނީ 2013 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުއެވެ. ރާއްޖެޓީވީގެ މެނޭޖުމެންޓުންނާއި، އޭރާއި މިހާރުގެ މުވައްޒަފުން އެދުވަސް ސިފަކުރަނީ ނާމާން ބިރުވެރި ދުވަހެއްގެ ގޮތުގައެވެ.

ރާއްޖެޓީވީގެ ޓްރާންސްމިޝަން ނިންމާލުމަށްފަހު މުވައްޒަފުން އެރޭ ގެއަށް ގޮސްފައިވަނީ، ދަންވަރު 12 ވެސް ޖެހި ފަހުންނެވެ. ބައެއް މުވައްޒަފުން ރާއްޖެޓީވީ ހިންގާ މައި އޮފީސް ކަމަށްވާ އައިފާން ބިލްޑިންގުގައި މަޑުކުރިއެވެ. އެ އިމާރާތް ހުންނަނީ ރާއްޖެޓީވީގެ ސްޓޫޑިއޯ ހިންގަމުން އައި ހ. ކްއީން އޮފް ދަ ނައިޓް (ބީކޭޓީ ބިލްޑިންގ) އާއި ޖެހިގެންނެވެ.

ރާއްޖެޓީވީ ރޯކޮށްލި ހާދިސާގެ ވީޑިއޯ އާންމުވުމާއެކު، އެ ވަގުތުގެ ބިރުވެރިކަން ހިތަށް ނަގައިގަނެވުނެވެ. ރާއްޖެޓީވީގެ އިމާރާތުގައި ސެކިއުރިޓީ ބަލަހައްޓަން ހުރި ބިދޭސީ މީހާއަށް ތޫނު އެއްޗަކުން ހަމަލާދީ ސްޓޭޝަންގެ ގޭޓް ކަތިވަޅިން ޖަހާ ހަލާކުކުރުމަށްފަހު، މައި ދޮރު، ފައިންޖަހާ ހަލާކުކޮށްލި މަންޒަރު ފެނެއެވެ.

އެއަށްފަހު މޫނު ނިވާކޮށްގެން ތިބި ފަސް މީހުން ވަންނަ މަންޒަރު ވީޑިއޯއިން ފެންނަން ހުރި އިރު، އެއްބަޔަކު ދޮރުމަތީގައި ސެކިއުރިޓީ މީހާ، ހިފަހައްޓައިގެން ވަޅިޖައްސާ މަންޒަރުވެސް ފެނެއެވެ. ކޮންޓްރޯލް ރޫމުގެ ހުރިހާ އިކުއިޕްމަންޓަކަށް ޕެޓްރޯލް އަޅާ ރޯކޮށްލުމަށްފަހު ނުކުތް ވަގުތު، އެތަނުން އެކެއްގެ ގައިގައި އަލިފާން ރޯވާތަން ވެސް ފެނެއެވެ. މި ސިފަކޮށްލަދިނީ އެރޭގެ ހާދިސާގެ މަންޒަރެވެ.

ރާއްޖެޓީވީ ރޯކޮށްލާފައި - ރާއްޖެއެމްވީ

ރާއްޖެޓީވީގެ ސްޓޫޑިއޯ ހިންގަމުން ދިޔަ ބީކޭޓީ އިމާރާތުގައި އަލިފާން ރޯކޮށްލާ ހުރިހާ އިކުއިޕްމެންޓެއް އަންދައި އަޅިއަށް ހަދާލާފައިވަނީ، ރާއްޖެޓީވީއަށް ހަމަލާދޭން އުޅޭކަމުގެ މައުލޫމާތު ލިބި، އެކަން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވަނިކޮށް އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުގެ ރޭ 4:42 ގައެވެ.

މިހާދިސާ ހިނގުމުގެ ކުރިން އެފަދަކަމެއް މެދުވެރިވެދާނެކަމަށް ޝައްކުކުރެވޭތީ ރާއްޖެޓީވީގެ ފަރާތުން އެކަން ފުލުހުންގެ ސަމާލުކަމަށް ލިޔުމުން އަންގާފައިވީ ނަމަވެސް، އެކަމުގައި އޭރު އިސްކޮށްތިބި ފަރާތްތަކުން ފިޔަވަޅު އާޅާފައި ނުވާކަން ފާހަގަކުރެވެއެވެ. އެދުވަހު އެކަމާ ގުޅިގެން އެކަށީގެންވާ ފިޔަވަޅުތަކެއް ދައުލަތުގެ ކަމާއި ގުޅުންހުރި އިދާރާތަކުން އެޅިނަމަ ރާއްޖެޓީވީއަށް އެވަރުގެ ބޮޑު ގެއްލުމެއް ލިބުމަކީ ނާދިރު ކަމެކޭ ވެސް ބުނެވިދާނެއެވެ.

ރާއްޖެޓީވީގައި ރޯކޮށް އަންދާ އަޅިއަށް ހަދާފައި - ވީމީޑިއާ

ރާއްޖެޓީވީއަށް އިންސާފު ހޯދުމަށް ކެނޑިނޭޅި މަސައްކަތް ކުރެވުނެވެ. ބަދަލު ނަގައި ދިނުމަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ، އެކޯޓުން ބޭރުކޮށްލިއިރު، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ވެސް މައްސަލަ ހުށަހެޅުނެވެ. ރައީސް ޔާމީންގެ ސަރުކާރުގައި ރާއްޖެޓީވީއަށް އިންސާފު ނުލިބޭނެ ކަމަށް ނިންމައި، އުއްމީދު ގެއްލިފައިވަނިކޮށް، އައު ސަރުކާރު އިންތިޚާބުވުމާއެކު އަނެއްކާވެސް އުންމީދު އާލާވިއެވެ.

އެއާއެކު ރާއްޖެޓީވީން އަނެއްކާވެސް އިންސާފު ހޯދުމުގެ މަސައްކަތް ފެށިއެވެ. އެގޮތުން 2018 ވަނަ އަހަރު ރާއްޖެޓީވީގެ ފަރާތުން އޭރުގެ ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމްއާ ބައްދަލުކޮށް މިމައްސަލަ އަލުން ރިވިއު ކޮށްދެއްވުމަށް އެދުނެވެ. އޭރު ހުންނެވި ޕީޖީގެ ފަރާތުންވެސް އުއްމީދީ ވާހަކަތަކެއް އަޑުއިވުނެވެ. ނަމަވެސް މަގާމުން އިސްތިއުފާދެއްވާފައި ވަޑައިގެންނެވި އިރުވެސް އިންސާފު ލިބޭނެ އެއްވެސް އަލިމަގެއް ފެނިފައެއް ނުވެއެވެ.

ރާއްޖެޓީވީގެ ފަރާތުން އޭރުގެ ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމްއާ ބައްދަލުކުރުން - ރާއްޖެއެމްވީ

މިކަމުގައި ބަޔަކު ގަސްތުގައި ރާވައިގެން ކުރި ކަންތައްތަކާއި، ދަޢުލަތުގެ ކަމާއި ގުޅުންހުރި އިދާރާތަކުގައި މަސްއޫލިއްޔަތު އަދާކުރަންތިބި އިސް ފަރާތްތަކެއް ބައިވެރިވެފައިވާކަމުގެ އިތުރު ހެކިތައް ފުލުހުންގެ އިދާރާގެ ފަހުގެ ތަހުގީގުތަކަށް ލިބިފައިވާ ކަމުގެ މައުލޫމާތު ރާއްޖެޓީވީއަށް ލިބުމާއެކު ފުލުހުން މިހާތަނަށް ކޮށްފައިވާ މަސައްކަތުގެ މައުލޫމާތު ހޯދުމަށް އެދި ރާއްޖެޓީވީން 7 ނޮވެމްބަރު 2019 ގައި ފުލުހުންނަށް ސިޓީއެއް ފޮނުވިއެވެ.

އެސިޓީއަށް ޖަވާބު ނުލިބި ލަސްވުމުން ރާއްޖެޓީވީން އަނެއްކާވެސް އިތުރު ސިޓީއެއް 16 ފެބްރުއަރީ 2020 ގައި ފުލުހުންގެ އިދާރާއަށް ފޮނުވިއެވެ. އެސިޓީގެ ޖަވާބުގައި ފުލުހުން ބުނެފައިވަނީ މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު، ދައުވާ ކުރުމަށްޓަކައި 07 ޖެނުއަރީ 2015 ވަނަ ދުވަހު ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވާފައި ވާނެ ކަމަށެވެ. އަދި މިމައްސަލައަކީ ޝަރީއަތުގައި ހިނގަމުންދާ މައްސަލައެއް ކަމަށެވެ.

ރާއްޖެޓީވީ ރޯކޮށްލި މައްސަލައިގެ ގެއްލުމުގެ ބަދަލު ހޯދުމަށް އެދި އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާރސަންގެ އޮފީހަށް މައްސަލަ ހުށަހަޅާފައިވަނީ 18 އޯގަސްޓް 2021 ގައެވެ. އަދި އެމައްސަލަ ބަލަން އެއޮފީހުން ނިންމާފައިވެއެވެ.

ރާއްޖެޓީވީގެ އިމާރާތުގައި ރޯކޮށްލާފައި - ވީމީޑިއާ

ރާއްޖެޓީވީގައި ހުޅުޖަހާ ރޯކޮށްލި ހާދިސާއާ ގުޅިގެން ސްޓޭޝަނަށް ލިބުނު ގެއްލުމާއި، ހައްގުތައް ހޯދުމަށް ކުރަމުންދާ މަސައްކަތުގައި މައުލޫމާތު ސާފުކުރުމަށް ފުލުހުންގެ އިތުރުން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ވެސް ތަކުރާރުކޮށް ސިޓީ ފޮނުވުނެވެ.

ރިޔާސީ އިންތިޚާބަށްފަހު އެކިއެކި މީޑިއާތަކުންނާއި ސިޔާސީ ބައެއް ފަރާތްތަކުން ދައްކާފައިވާ ވާހަކަތަކުންނާއި އަދި ފުލުހުންނާއި "މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަން" އިން ހާމަކޮށްފައިވާ އެކިއެކި މައުލޫމާތުތަކަށް ބަލާއިރު މިކަމުގައި އޭރުގެ ދައުލަތުގެ އެންމެ އިސްފަރާތްތަކުން ބައިވެރި ވެފައިވާކަމަށް ތުހުމަތު ކުރެވެއެވެ.

މިގޮތުން ރައިސުލްޖުމްހޫރިއްޔާ އާއި ރައިސުލްޖުމްހޫރިއްޔާގެ ނާއިބު އަދި ދައުލަތުގެ ބައެއް ވަޒީރުންނާ ފުލުހުންގެ އިސްފަރާތްތަކުގެ ބައިވެރިވުން އޮތްކަމަށް ގަބޫލުކުރެވޭ ހެކިތައް ތަހުގީގީ އިދާރާތަކަށް ފަހުން ލިބިފައިވާކަން އެނގެއެވެ. އެކަން ހާމަވާ ސަބަބަކީ ސްޓޭޝަން ރޯކޮށްލި ދުވަހު ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް "މިޝަން އެކޮމްޕްލިޝްޑް" ކަމަށް ބުނެ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު މެސެޖް ކުރެއްވިކަން ހާމަވެފައި ވާތީއެވެ.

މަރު ކޮމިޝަނުން އެކުލަވާލި ރިޕޯރޓުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް އަދި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމުގެ ބަޔާނާއި ހަވާލާދީ ބުނެފައިވަނީ ރާއްޖެޓީވީ ރޯކޮށްލި ދުވަހު ނާޒިމް އިންނެވީ ރައީސް ޔާމީނުގެ އަރިހުގައި ތާސް ކުޅުއްވަން ކަމަށާއި، އަދީބުގެ މެސެޖް އައުމުން މެސެޖް ވިދާޅުވީވެސް އޭނާ ކަމަށެވެ. ބަޔަކު އަޑީގައި ތިބެ ރާއްޖެޓީވީއަށް ހަމަލާ ދޭން އުޅޭ ކަމުގެ ސާފު ހެކި ލިބެން ހުރި އިރު، މިމައްސަލަ އަލުން ތަހުގީގުކޮށް މިކަމުގައި އަމަލީ ގޮތުން ބައިވެރިވި ފަރާތްތަކާއި މިކަމުގައި އިހުމާލުވި ފަރާތްތައް އިންސާފުގެ ކުރިމަށްޗަށް ގެނެސް ދިނުމުގައި ގާނޫނީގޮތުން ކުރެވެންހުރި މަސަކަތްތައް ކޮށްދިނުމަށް އެދި ޕޮރޮސެކިއުޓަރ ޖެނެރަލްއަށް ރާއްޖެޓީވީން ސިޓީ ފޮނުވާފައި ވާނީ 15 ޑިސެމްބަރު 2019 ވަނަ ދުވަހުއެވެ.

ރާއްޖެޓީވީ ރޯކޮށްލާފައި - ރާއްޖެއެމްވީ

2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ތެރޭގައި ހިންގި މި ޓެރަރިސްޓު ހަމަލާއާއި ގުޅިގެން، ރާއްޖެޓީވީއަށާއި އެ އިމާރަތަށް ބޮޑެތި ގެންލުން ލިބުނުއިރު، ރާއްޖެޓީވީގެ މުވައްޒަފުން ބޭނުންކުރަމުންދިޔަ ހުރިހާ ތަކެއްޗެއް ވަނީ އަނދާ އަޅިއަށް ވެފައެވެ.

ރާއްޖެޓީވީން އޭރު ކުރަމުންދިއަ މަސައްކަތް ހުޓުވުމަށް ބަޔަކު އަޑީގައި ތިބެ ހިންގި މި ޖަރީމާއާއި ގުޅިގެން ތައްޔާރު ކުރި އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި އިމާރާތަށް 1،317،430 (އެއް މިލިއަން ތިންލައްކަ ސަތާރަހާސް ހަތަރު ސަތޭކަ ތިރީސް) ރުފިޔާގެ ގެއްލުން ލިބުނެވެ. ތަކެއްޗާއި ސާމާނަށް 10،339،403 (ދިހަ މިލިއަން ތިންލައްކަ ތިރީސް ނުވަ ހާސް ހަތަރު ސަތޭކަ ތިން) ރުފިޔާގެ ގެއްލުން ލިބިފައި ވެއެވެ. ރާއްޖެޓީވީއަށް ލިބުނު ގެއްލުމުގެ ޖުމްލަ އަދަދު 11.65 މިލިއަން ރުފިޔާއަށް އަރައެވެ.

މި ހިތާމަވެރި ހާދިސާއަށް އެތައް އަހަރެއް ފާއިތުވެފައިވާއިރު، ބުރާސްފަތި ދުވަހުގެ ހުކުމާއެކު، މިކަމުގެ ސަބަބުން ގެއްލިގެންދިޔަ ރާއްޖެޓީވީގެ ހައްގުތައް ހޯދައިދިނުމަށް ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކުން އެކަށީގެންވާ ގޮތެއްގައި ފިޔަވަޅު އަޅާފައިނުވާކަން ފާހަގަކުރެވެއެވެ. ރާއްޖެޓީވީގެ އުންމީދަކީ މިފަދަ ދަށު ދަރަޖައިގެ އަނިޔާވެރިކަން ދުވަހަކުވެސް ރާއްޖޭގެ އެހެން މީޑިޔާއަކަށް ތަޖުރިބާ ކުރަން ނުޖެހުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
22%
0%
67%
0%
11%
0%
ކޮމެންޓް