ކ. މާލެ
|
15 ޑިސެންބަރ 2021 | ބުދަ 18:27
ނޫސްވެރިންގެ ބައްދަލުވުމުގައި ޝާހިދު ވާހަކަދައްކަވަނީ
ނޫސްވެރިންގެ ބައްދަލުވުމުގައި ޝާހިދު ވާހަކަދައްކަވަނީ
ފޮރިން މިނިސްޓްރީ
ވެކްސިން ފޯރުކޮށްދިނުމަށް ގޮވާލުން
ކޮވިޑް-19ން އަރައިގަތުމަށް އެއް ހަމައެއްގައި އެންމެންނަށް ވެކްސިން ލިބެން ޖެހޭ: ޝާހިދު
 
ވެކްސިން ފޯރުކޮށްދިނުމަށް ހުރިހާ ގައުމުތަކުން މަސައްކަތް ކުރަން ޖެހޭ
 
އެންމެންނަށް ރައްކާތެރިކަން ކަށަވަރު ނުވާނަމަ އެއްވެސް މީހަކު ސަލާމަތެއް ނުވާނެ

ކޮވިޑް-19ން އަރައިގަތުމަށް އެއް ހަމައެއްގައި އެންމެންނަށް ވެކްސިން ލިބެން ޖެހޭ ކަމަށް އދ.ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އދ.ގެ އާއްމު މަޖިލީހުގެ ރިޔާސަތާ ޝާހިދު ހަވާލުވެވަޑައިގަތްތާ 100 ދުވަސް ފުރުމާ ދިމާކޮށް، ނިއުޔޯކްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، ކޮވިޑް-19ން އަރައިގަތުމަށް އެއް ހަމައެއްގައި އެންމެންނަށް ވެކްސިން ލިބެން ޖެހޭ ކަމަށާއި، އެންމެންނަށް ރައްކާތެރިކަން ކަށަވަރު ނުވާނަމަ އެއްވެސް މީހަކު ސަލާމަތެއް ނުވާނެ ކަމަށެވެ. ޝާހިދު ވިދާޅުވީ ވެކްސިން ފޯރުކޮށްދިނުމަށް ހުރިހާ ގައުމުތަކުން މަޝްވަރާކޮށް، އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި އެމޭރުމުން ގައުމުތަކުން މަސައްކަތް ކޮށްފިކަމުގައިވާނަމަ ލަނޑުދަނޑި ހާސިލްކުރެވޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ވެކްސިންއާ ބެހޭގޮތުން އާ އަހަރުގެ "ރެޒޮލިއުޝަން"އަކަށް މަސައްކަތް ކުރާކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ، އުންމީދަކީ މިއަންނަ ޖެނުއަރީ މަހު ނިއުޔޯކްގައި ބާއްވާ "ހައިލެވެލް އިވެންޓް އޮން ވެކްސިން އިކުއިޓީ"އަށް 193 މެމްބަރު ގައުމުތައް ގުޅިވަޑައިގަތުން ކަމަށެވެ. އެ ހަރަކާތް އޮންނާނީ އަންނަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، އަމާޒަކީ ހަމަހަމަ ގޮތެއްގައި ހުރިހާ އެންމެންނަށް، ހުރިހާ ތަނެއްގައި، ވީ އެންމެ އަވަހަކަށް ވެކްސިން ފޯރުކޮށްދިނުން ކަމަށާއި، މުޅި ދުނިޔެއަށް ވެކްސިން ކަށަވަރު ކުރުމަށް ސިޔާސީ ގޮތުން އާ އަޒުމަކާއި މާނަވީ ބައިވެރިވުމެއް އޮންނަން ޖެހޭ ކަމަށެވެ.

ޝާހިދު ވިދާޅުވީ ވެކްސިން އިކުއިޓީއާއި، ޓުއަރިޒަމް ވަށައިގެން ކުރެވޭ މަސައްކަތްތަކާއި، ދަރަނީގެ ވަށައިގެންވާ އިނީޝިއޭޓިވްސްއާއި، އަންހެނުންނާއި އަންހެން ކުދިން ބާރުވެރިކުރުވުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ރިކަވަރީގެ މަސައްކަތް ކާމިޔާބު ކުރުމާ ބެހޭގޮތުން ޚާއްސަ ސަމާލުކަމެއްދީގެން މަސައްކަތް ކުރާނެ ކަމަށެވެ.

ކޮޕް26އަށް އިޝާރަތް ކުރައްވައި ޝާހިދު ވިދާޅުވީ، ކޮޕް26އަކީ އެންމެންގެ އުއްމީދުތަކާ އެއްގޮތަށް ނިމުނު ބައްދަލުވުމަކަށް ނުވިނަމަވެސް އޭގެ ސަބަބުން ރަނގަޅު މިސްރާބަކަށް ކުރިއަށް ދެވިދާނެ ކަމަށެވެ. އަދި ގްލާސްގޯގައި އަންހެން ސައިންޓިސްޓުންނާ ބައްދަލުވެ އެ މީހުންގެ ކާމިޔާބީތަކާއި ގޮންޖެހުންތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށް ޝާހިދު ވިދާޅުވިއެވެ. ޖެންޑަރ ބެލެންސްކުރެވޭ ޕެނަލްތަކުގައި ބައިވެރިވުމަށް ވީވައުދާ އެއްގޮތަށް ކަންކަން ކުރަމުންދާކަން ޝާހިދު ފާހަގަކުރެއްވިއެވެ.

މީގެ ހަފްތާއެއްގެ ކުރިން އިފްތިތާހް ކުރެވުނު ފެލޯޝިޕް ފޮރ ހޯޕާ ބެހޭގޮތުން ޝާހިދު ވިދާޅުވީ، މިފަދަ ހަރަކާތްތަކުގައި ޒުވާން ކުދިން ޝާމިލް ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. އަދި އދ.ގެ ދިރުން އާލާކުރުމުގެ ގޮތުން، އައި.ޖީ.އެން ޕްރޮސެސްއާއި، ޖެނެރަލް އެސެމްބްލީ ދިރުވައި އާލާކުރުމުގެ މަސައްކަތަށް އަބަދުވެސް އެއްބާރުލުންދެއްވާނެ ކަމަށާއި، ކޮމަން އެޖެންޑާ ތަންފީޒު ކުރުމާ ބެހޭގޮތުން މެންބަރު ގައުމުތަކުން މަޝްވަރާ ކުރަމުން ގެންދާއިރު، އެ ގައުމުތަކަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ. ޝާހިދު ވިދާޅުވީ ކުރިއަށް އޮތް ސެޝަންގައި، އީކޯސޮކްގެ ރައީސާއެކު ގާތް ގުޅުމެއް އުފައްދަވައި، ސެކްރެޓަރީ ޖެނެރަލާއި ސަލާމަތީ މަޖިލީހުގެ ރައީސުންނާ އެކު ގަވާއިދުން ކޯޑިނޭޝަން ބައްދަލުވުންތައް ބާއްވަވާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް