ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ "ގޯލްޑަން ފުޓްސަލް ޗެލެންޖް" ގެ ކުރިއަށް އޮތް މުބާރާތުގައި 91 ޓީމު ބައިވެރިވެފައިވާ ކަމަށް މުބާރާތް އިންތިޒާމުކުރާ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ބުނެފިއެވެ.
މުޅި ރާއްޖެއަށް ހުޅުވާލައިގެން މާލެ ސަރަހައްދުގައި ބާއްވާ މި މުބާރާތް އެންމެ ފުރަތަމަ ބޭއްވީ މީގެ ހަ އަހަރު ކުރިން 2015 ވަނަ އަހަރެވެ. މި މުބާރާތުގެ ގަވާއިދުގައިވާ ގޮތުން މުބާރާތުގައި ކޮންމެ ޓީމަކަށްވެސް ކުޅެވޭނީ އެ ރަށެއް ނުވަތަ އެ އަވަށެއްގައި ރެޖިސްޓްރީ ވެފައިވާ ކުޅުންތެރިންނަށް އެކަންޏެވެ. އެކަމަކު ދަފްތަރުގައި ރެޖިސްޓްރީވެފައިވާ ކުޅުންތެރިންނަށް މާލޭގެ ކޮންމެ އަވަށަކަށްވެސް ކުޅުމުގެ ފުރުސަތު ލިބެއެވެ.
ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރާއި މި އަހަރު މި މުބާރާތް ބާއްވާފައި ނުވާއިރު، އަންނަ އަހަރުގެ ފެބްރުއަރީ 19 ވަނަ ދުވަހު މި މުބާރާތް ފަށަން މިހާރު ވަނީ ތާވަލުކޮށްފައެވެ. އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މި މުބާރާތުގެ ފުރަތަމަ ބުރު ކުރިއަށްދާނީ އަތޮޅުތަކުން ބައިވެރިވެފައިވާ ޓީމުތަކުގެ މެދުގައެވެ. ލީގު އުސޫލުން ކުޅެ އެންމެ ގިނަ ޕޮއިންޓު ހޯދާ ޓީމު އަތޮޅު ޗެމްޕިއަންގެ ޝަރަފާއެކު ޒޯން ބުރަށް ދަތުރުކުރާއިރު، ފަސް ޓީމަށް ވުރެ ގިނައިން ބައިވެރިވެފައިވާ އަތޮޅުތަކުގެ ބުރު ކުރިއަށްދާނީ ގްރޫޕުތަކަށް ބަހާލައިގެންނެވެ.
އެއަށްފަހު މުބާރާތުގެ ދެވަނަ ބުރު ކުރިއަށްދާނީ އަށް ޒޯނެއްގެ މެދުގައެވެ. ޒޯން ބުރުވެސް ލީގު އުސޫލުން ކުރިއަށްދާއިރު، ޒޯން ބުރުން އެންމެ ކުރި ހީދާ ޓީމެއް ޒޯން ޗެމްޕިއަންގެ ޝަރަފާއެކު ގަދަ 16 އަށް ދަތުރުކުރާނެއެވެ. އަދި ކޮންމެ ޒޯނެއްގެ ދެވަނަ ޓީމުވެސް ގަދަ 16 އަށް ދަތުރުކުރާނެއެވެ. އެ އަށްފަހު ނޮކްއައުޓް އުސޫލުން ކުޅެ، މުޅި ރާއްޖޭގެ ޗެމްޕިއަން ޓީމެއް ހޮވާނެއެވެ.
މި މުބާރާތުގައި ޖުމްލަ އަށް ޒޯނެއް ހިމެނޭއިރު، އަންނަ އަހަރުގެ މުބާރާތުގައި ޖުމްލަ 91 ޓީމު ބައިވެރިވެފައިވާ ކަމަށް މުބާރާތް އިންތިޒާމުކުރާ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ބުނެއެވެ. މުޅި މުބާރާތުގެ ޗެމްޕިއަންޓީމަށް 65،000 ރުފިޔާގެ އިނާމެއް ހުށަހަޅާފައިވާއިރު، ރަނަރަޕް ޓީމަށް 25،000 ރުފިޔާ ވަނީ ހުށަހަޅާފައެވެ.
ދެ އަހަރުގެ މެދުކެނޑުމަކަށްފަހު ގޯލްޑަން ފުޓްސަލް ޗެލެންޖް ބާއްވާއިރު، މި މުބާރާތް އެންމެ ފަހުން ބޭއްވީ 2019 ވަނަ އަހަރެވެ. އެ ފަހަރު ފައިނަލުގައި ބ. އޭދަފުށި ބަލިކޮށް ޗެމްޕިއަންކަން ހޯދާފައިވަނީ ތ. ތިމަރަފުށިންނެވެ.