ކައުންސިލްތަކުން ލޯނު ދޫކުރެވޭ ގޮތަށް މާލިއްޔަތު ގާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ތަސްދީގު ކުރައްވައިފިއެވެ.
މިއާއެކު އެއް ކައުންސިލުން އަނެއް ކައުންސިލަށް މިހާރު ލޯނު ދޫކުރެވޭނެއެވެ. ގާނޫނުގައިވާ ގޮތުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 82 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތުގައި، ވަކި ކައުންސިލަކަށް އެ އަހަރަކަށް ލިބޭ އާމްދަނީން ޚަރަދުތައް ކަނޑައި ބާކީ ހުންނަ ފައިސާ، އެއްބަސްވާ ގޮތެއްގެމަތިން އެހެން ކައުންސިލަކަށް ލޯނުގެ ގޮތުގައި ދޫކުރެވިދާނެއެވެ.
މި ގޮތަށް ދޫކުރާ ފައިސާ އަނބުރާ ނުދައްކާނަމަ އެފަރާތަކަށް ސަރުކާރުން ދޭ ފައިސާއިން އުނިކޮށް، އެ ފައިސާ އަނެއް ކައުންސިލަށް ދޫކުރުމުގެ ބާރު ސަރުކާރަށް ލިބިގެންދާނެ ކަމުގައިވެސް ބަޔާންކޮށްފައިވެއެވެ. ހަމަ އެއާއެކު، މި ގޮތަށް ލޯނު ދޫކުރާއިރު ސަމާލުކަން ދޭންޖެހޭ ކަންތައްތަކާއި، ލޯނާގުޅޭ އެންމެހައި މައުލޫމާތު މިނިސްޓްރީއާ ހިއްސާ ކުރުމާގުޅޭ އުސޫލުތައް ބަޔާން ކުރުމަށް މި ގާނޫނުގައި ވަނީ ކަނޑައަޅާފައެވެ.
ހުއްދަ އޮތް ލޯނަކަށް މެނުވީ ދައުލަތުގެ ފައިސާ ދޫނުކުރުމުގައި އަމަލު ކުރަންވީ އުސޫލަށް ވަނީ އިސްލާހު ގެނެސްފައެވެ. އަދި ކައުންސިލް ތަކުން ދަރަންޏަށް ނަގާ ފައިސާ ނެގުމުގެ ހަމަތަކާއި އެކަމުގައި އަމަލު ކުރުމުގެ އުސޫލުތައް ތަފްސީލުކޮށް ބަޔާން ކޮށްފައި ވެއެވެ. ހަމަ އެއާއެކު ކައުންސިލުގެ މުދާ ހުއްދަ ކުރެވިގެން ވިއްކުމާއި އެއާމެދު އަމަލު ކުރުމުގެ ހަމަތަކާއި، ކައުންސިލުތަކުން އަމިއްލަ ޖަމްއިއްޔާތަކަށާއި ޖަމާއަތް ތަކަށް ދޭ އެހީ ދެވޭނެ ގޮތްތައް މި ގާނޫނުގައި ބަޔާންކޮށްފައި ވެއެވެ.
މި ގާނޫނަށް ގެނެވުނު އިސްލާހުތަކާ ގުޅިގެން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް ގެންނަންޖެހޭ އިސްލާހުތައް ގެނެސް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 6 މަސްދުވަހުގެ ތެރޭގައި އެ ގާވާއިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރަންވާނެ ކަމުގައި ބަޔާންކޮށްފައި ވެއެވެ.
ބިލު ތަސްދީގު ކުރެއްވުމާއި ގުޅިގެން މި ގާނޫނަށް ހޯމަ ދުވަހުން ފެށިގެން އަމަލު ކުރަން ފަށާނެއެވެ.