ފައިޒަރ އާއި ބަޔޯއެންޓެކުން ކޮވިޑް-19ށް އުފައްދާފައިވާ ފައިޒަރ ވެކްސިންގެ ތިން ޑޯޒާއެކު މިހާރު ފެތުރެމުން އަންނަ ކޮވިޑް-19ގެ އައު ވޭރިއަންޓު ކަމުގައިވާ އޮމިކްރޯން ވޭރިއަންޓުން ރަނގަޅަށް ދިފާއު ވެވޭކަން ހޯދިފައިވާކަމަށް އިސްރާއީލުން ބުނެފިއެވެ.
އިސްރާއީލުގެ ދިރާސާކުރާ ފަރާތްތަކުން ކުރިޔަށްގެންދިޔަ މިދިރާސާއިން ހޯދިފައިވާ ހޯދުންތަކަކީ ނިމުނު ހަފްތާގެ ކުރީކޮޅު ބައޯއެންޓެކާއި ފައިޒަރއިންވެސް ހޯދި ހޯދުންތަކާއި އެއްގޮތް ހޯދުން ތަކެކެވެ. ފައިޒަރ އާއި ބައޯއެންޓެކުން ބުނެފައިވަނީ ފައިޒަރ ވެކްސިންގެ ބޫސްޓަރ ޑޯޒާއެކު އޮމިކްރޯން ވޭރިއަންޓުން ރަނގަޅަށް ދިފާއުކޮށްދޭ ކަމަށެވެ.
މިދިރާސާ ކުރިޔަށް ގެންގޮސްފައިވަނީ ޝެބާ މެޑިކަލް ސެންޓަރާއި އިސްރާއީލްގެ ހެލްތު މިނިސްޓްރީގެ ސެންޓްރަލް ވިރޮލޮޖީ ލެބޯޓްރީންނެވެ. ދިރާސާ ކުރިޔަށް ގެންދިޔައީ މީގެ ފަސްމަހާއި ހަމަސް ދުވަސްކުރިން ފައިޒަރ ވެކްސިންގެ ދެޑޯޒް ޖަހާފައިވާ 20 މީހުންގެ ލޭގެ ސާމްޕަލާއި މީގެ މަސް ދުވަސްކުރިން ފައިޒަރ ވެކްސިންގެ ބޫސްޓަރ ޑޯޒް ޖަހާފައިވާ 20 މީހުންގެ ލޭގެ ސާމްޕަލް އަޅާކިޔައިގެންނެވެ.
ޝެބާ މެޑިކަލް ސެންޓަރުގެ ޑިރެކްޓަރ ގިލީ ރެގެވް ވިދާޅުވީ މީގެ ފަސްމަހާއި ހަމަސްދުވަސްކުރިން ފައިޒަރ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައިވާ މީހުންގެ އޮމިކްރޯން ވޭރިއަންޓުން ދިފާއުވުމުގެ ބާރެއް އެމީހުންގެ ހަށިގަނޑުގައި އުފައްދައިދީފައި ނުވާކަމަށެވެ. ނަމަވެސް ބޫސްޓަރ ޑޯޒާއެކު އެބާރު އުފައްދާފައިވާ ކަމަށާއި އޮމިކްރޯން ވޭރިއަންޓުން ރައްކާތެރިކަން ދޭކަމަށެވެ. ނަމަވެސް ޑެލްޓާ ވޭރިއަންޓުން ދިފާއުކޮށްދޭ ވަރަށްވުރެ އޮމިކްރޯން ވޭރިއަންޓުން ދިފާއުކޮށްދޭ މިންވަރު ދަށްކަމަށް ދިރާސާއިން އެނގިފައިވާ ކަމަށް ވަނީ ބުނެފައެވެ.
އިސްރާއީލްގެ ދިރާސާކުރާ ފަރާތްތަކަށް ވަނީ ދެ ޑޯޒް ޖެހުމުން އޮމިކްރޯން ވޭރިއަންޓުން ކޮންމެސް ވަރަކަށް ދިފާއުކޮށްދޭކަންވެސް ހޯދިފައެވެ.