ކ. މާލެ
|
2 ފެބްރުއަރީ 2022 | ބުދަ 07:48
އޮމިކްރޯން ވޭރިއަންޓްގެ ސަބް ވޭރިއަންޓް އަންނަނީ ހަލުވިކަމާއެކު ފެތުރެމުން
އޮމިކްރޯން ވޭރިއަންޓްގެ ސަބް ވޭރިއަންޓް އަންނަނީ ހަލުވިކަމާއެކު ފެތުރެމުން
ރޮއިޓަރސް
އޮމިކްރޯން ވޭރިއަންޓްގެ ސަބް ވޭރިއަންޓް
އޮމިކްރޯންގެ ސަބް ވޭރިއެންޓް އޮމިކްރޯންއަށްވުރެ ނުރައްކާކަމަކަށް ނުފެނޭ: ޑަބްލިޔުއެޗްއޯ
ޑެންމާކަކީ އޮމިކްރޯން ވޭރިއަންޓަށްވުރެ ގިނައިން އޮމިކްރޯންގެ ސަބް ވޭރިއަންޓް އެންމެ ފުރަތަމަ ފެންނަން ފެށި ގައުމު
އޮމިކްރޯން ސަބް ވޭރިއަންޓް ފިލިޕީންސް، ނޭޕާލް، ގަތަރު، އިންޑިޔާ އަދި ޑެންމާކުގައި އަންނަނީ އެހެން ވޭރިއަންޓްތަކުގެ މައްޗަށް ކުރި ހޯދަމުން
އޮމިކްރޯންގެ ސަބް ވޭރިއަންޓް ގިނައިން ފެންނަމުން ދިޔަ ނަމަވެސް ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރަން ޖެހޭ މީހުންގެ އަދަދު ވަކި މައްޗަށް ނުދޭ

ކޮވިޑް-19ގެ އޮމިކްރޯން ވޭރިއެންޓްގެ ސަބް-ވޭރިއެންޓް އޮމިކްރޯން ވޭރިއަންޓަށްވުރެ ނުރައްކާކަމަށް ނުފެންނަކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފިއެވެ.

ޑަބްލިޔުއެޗްއޯގެ ކޮވިޑް-19 ރެސްޕޮންސް ޓީމުގެ ޑރ.ބޮރިސް ޕެވްލިން އޮންލައިންކޮށް ކުރިޔަށްދިޔަ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވިދާޅުވީ ވެކްސިނުން އޮމިކްރޯން ވޭރިއަންޓުން ދިފާއުވާ މިންވަރަށް އޮމިކްރޯންގެ ސަބްވޭރިއަންޓުންވެސް ދިފާއުވާކަމަށެވެ.

ޑަބްލިޔުއެޗްއޯއިން މިހެން ބުނެފައިމިވަނީ ޑެންމާކު ފަދަ ގައުމުތަކުގައި އޮމިކްރޯން ވޭރިއަންޓަށްވުރެ ގިނައިން އޮމިކްރޯންގެ ސަބް ވޭރިއަންޓް ފެންނަމުންދަނިކޮށެވެ.

ފެންނަން ހުރި ޑާޓާތަކަށް ބަލާއިރު ޑެންމާކަކީ އޮމިކްރޯން ވޭރިއަންޓަށްވުރެ ގިނައިން އޮމިކްރޯންގެ ސަބް ވޭރިއަންޓް އެންމެ ފުރަތަމަ ފެންނަން ފެށި ގައުމެވެ. އަދި އޮމިންކްރޯންގެ ސަބްވޭރިއަންޓް ޖެހިގެން، އޮމިކްރޯން ވޭރިއަންޓް ޖެހިގެން މީހުންނަށް ވާވަރަށް ވުރެ ބޮޑުވަރު ނުވާކަމަށް ވަނީ ފާހަގަކުރެވިފައެވެ. ނަމަވެސް ޕެވްލިން ވިދާޅުވީ ކުރިޔަށް އޮތްތަނުގައި މުޅި ދުނިޔެއިން އޮމިކްރޯން ވޭރިއަންޓަށްވުރެ ގިނައިން އޮމިކްރޯން ސަބް ވޭރިއަންޓް ފެނުމުގެ ގާބިލްކަން ސަބްވޭރިއަންޓްގައި އެބަހުރިކަމަށެވެ. މާނައަކީ އޮމިކްރޯން ވޭރިއަންޓަށްވުރެ ހަލުވިކަމާއެކު އޮމިކްރޯންގެ ސަބް ވޭރިއަންޓް ފެތުރެއެވެ.

ބައެއް ގައުމުތަކުން އޮމިކްރޯން ސަބް ވޭރިއަންޓް ގިނައިން ފެންނަމުންދިޔަ ނަމަވެސް ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރަން ޖެހޭ މީހުންގެ އަދަދު ވަކި މައްޗަށް ނުދާކަމަށް ޕެވްލިން ވިދާޅުވިއެވެ.

އޮމިކްރޯން ވޭރިއަންޓަށްވުރެ ހަލުވިކަމާއެކު އޮމިކްރޯން ސަބް ވޭރިއަންޓް ފެތުރެމުން އަންނައިރު ވެކްސިން ޖަހާފައިވާ މީހުންނަށްވެސް ކޮވިޑް ޖެހުމުގެ ފުރުސަތު އޮމިކްރޯން ވޭރިއަންޓަށްވުރެ އޮމިކްރޯންގެ ސަބް ވޭރިއަންޓްގައި ބޮޑެވެ.

އޮމިކްރޯން ސަބް ވޭރިއަންޓް މިހާރުވެސް ފިލިޕީންސް، ނޭޕާލް، ގަތަރު، އިންޑިޔާ އަދި ޑެންމާކުގައި އަންނަނީ އެހެން ވޭރިއަންޓްތަކުގެ މައްޗަށް ކުރި ހޯދަމުންނެވެ.

ވެކްސިނުން ބަލީގެ ބޮޑުވަރުވާ ހިސާބަށް ދިޔުމުން ރައްކާތެރިކަން ދޭކަމަށް ޕެވްލިން ވިދާޅުވިއެވެ. ނަމަވެސް އޮމިކްރޯން ސަބްވޭރިއަންޓުން ވާ ގެއްލުމުގެ އަސަރުތައް ދެނެގަތުމަށް އަދި ގިނަ ޑާޓާތަކެއް ބޭނުންވާކަމަށް ޕެވްލިން ވިދާޅުވިއެވެ.

- ކޮމެންޓް