ހަލުވިކަމާއެކު ފެތުރޭ ކޮވިޑް-19ގެ ވޭރިއަންޓް ކަމުގައިވާ އޮމިކްރޯން ވޭރިއަންޓާއެކު ގައުމުތަކަށް ކުރިމަތިވެފައިވާ ރާޅުގެ ޕީކާ ހިސާބަށް އަދި ނުދާކަމަށާއި ފިޔަވަޅުތަކަށް ލުއިތައް ދޭންޖެހޭނީ މަޑުމަޑުންކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ(ޑަބްލިޔުއެޗްއޯ)ން ބުނެފިއެވެ.
ޑަބްލިޔުއެޗްއޯއިން އޮންލައިންކޮށް ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޖަމިއްޔާގެ ޓެކްނިކަލް ޓީމުގެ ފަރާތުން ވާހަކަ ދައްކަވަމުން މަރީއާ ވޭން ކަރކޯވް ވިދާޅުވީ ފިޔަވަޅުތަކަށް ލަސްލަހުން ލުއިތައް ދިނުމަށް ބުނަނީ ގިނަ ގައުމުތަކުގައި އަދި އޮމިކްރޯން އާއެކު އެރި ރާޅުގެ ޕީކާ ހިސާބަށް ނުދާތީ ކަމަށެވެ. އަދި ގިނަ ގައުމުތަކަކީ އާބާދީގެ ބޮޑުބަޔަކަށް ވެކްސިން ދެވިފައިނުވާ ގައުމުތަކެއް ކަމަށާއި އާބާދީގައި ގިނަ އަދަދަކަށް ދިފާއީ ނިޒާމު ބަލިކަށި މީހުން ތިބި ގައުމުތައް ކަމަށެވެ.
އެހެންކަމުން މިވަގުތު މިއީ އަދި ފިޔަވަޅުތަކަށް އެއްފަހަރާ ލުއިތައް ދޭންވީ ވަގުތު ނޫންކަމަށް ވިދާޅުވިއެވެ. ވޭން ކަރކޯވް ވިދާޅުވީ ވައިރަސް އަކީ އަދިވެސް ވަރަށް ހަރަކާތްތެރި ވައިރަސްއެއް ކަމަށެވެ. އެހެންކަމުން ފިޔަވަޅުތަކަށް ލުއިތައް ދޭންވާނީ ވަރަށް ވިސްނުންތެރި ކަމާއެކުއެވެ.
މިބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ވަނީ ބައެއް ގައުމުތަކުން ކޮވިޑުން ރައްކާތެރިވުމަށް ފިޔަވަޅުތައް މިހާރު އެޅުމަކީ ބޭނުންކަމެއް ނޫންކަމަށް ދޭހަވާ ގޮތަށް ދައްކާ ވާހަކަތަކާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ޓެޑްރޯސް ވިދާޅުވީ ބޮޑަށް ބަލި ފެތުރޭ ކަމަށްވާނަމަ ގިނަ ބަޔަކު މަރުވުމުގެ ފުރުސަތު އޮންނާނެކަމަށެވެ. އަދި ޑަބްލިޔުއެޗްއޯއިން ބުނަމުން މިދަނީ ލޮކްޑައުން ކުރުމަށް ނޫންކަމަށާއި ނަމަވެސް ކޮވިޑުން ރައްކާތެރިވުމަށް ގައުމުތަކަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ކަމަށެވެ. ހަމައެކަނި ވެކްސިނަށް ބަރޯސާވުމުގެ ބަދަލުގައި ކޮވިޑުން ރައްކާތެރިވުމަށް ދެން ހުރި ފިޔަވަޅުތައް އެޅުމަށްކަމަށެވެ. އަދި މިވަގުތު ކޮވިޑާ ދެކޮޅަށް ކާމިޔާބު ލިބިއްޖެކަމަށް ކަނޑައެޅުން ނުވަތަ ކޮވިޑާ ދެކޮޅަށް ފިޔަވަޅެއް ނާޅާ ތިބުން އެއީ ކުރެވޭނެ މޮޔަކަމެއްކަމަށް ޓެޑްރޯސް ވިދާޅުވިއެވެ.
މިބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑަބްލިޔުއެޗްއޯގެ އެމަރޖެންސީ ޗީފް މައިކް ރަޔާން ވަނީ ގައުމުތަކުން ފިޔަވަޅުތަކަށް ލުއިތައްދޭއިރު އެހެން ގައުމުތަކުން އަޅާ ފިޔަވަޅުތަކަށް ނުބަލާ އެގައުމެއްގެ ކޮވިޑްގެ ހާލަތަށް ބަލާ ފިޔަވަޅުތައް އަޅާ ޕެންޑަމިކް ނިމުމަކަށް ގެންނާނެ ގޮތް ކަނޑައެޅުމަށް ބާރު އަޅުއްވާފައެވެ.
މިއީ ގިނަ ގައުމުތަކަކުން ހާލަތު ބަދަލުކުރުމަށް މަސައްކަތްކުރަމުންދާ ވަގުތެއްކަމަށާއި ނަމަވެސް ހުރިހާ ގައުމެއްގައި ކޮވިޑްގެ ހާލަތު އޮތީ އެއްގޮތަކަށް ނޫންކަމަށް މައިކް ވިދާޅުވިއެވެ. އެހެންކަމުން ފިޔަވަޅުތަކަށް ބޮޑެތި ލުއިތައްދޭއިރު އެކަންކަން އަލުން ބަދަލުކުރަން ޖެހިދާނެކަމަށް ވިސްނުމުގައި ބެހެއްޓުމަށް މައިކް އެދިވަޑައިގެންނެވިއެވެ.
ކޮވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް އެންމެ ފަހުން ލުއިތައް ދިން ގައުމުތަކުގެ ތެރޭގައި ހިމެނެނީ ޑެންމާކާއި އޮސްޓްރިއާއެވެ. އޭގެ ކުރިން އިނގިރޭސިވިލާތާއި އަޔަރލެންޑް އަދި ނެދަރލެންޑްސްއިން ވެސް ވަނީ ފިޔަވަޅުތަކަށް ލުއިތައްދީފައެވެ.