ކ. މާލެ
|
11 ޑިސެންބަރ 2021 | ހޮނިހިރު 00:56
ހުކުރު ދުވަހުގެރޭ ރާއްޖެ އާއި ލަންކާ ބައްދަލުކުރި ވޮލީ މެޗުގެ ތެރެއިން
ހުކުރު ދުވަހުގެރޭ ރާއްޖެ އާއި ލަންކާ ބައްދަލުކުރި ވޮލީ މެޗުގެ ތެރެއިން
ރައީސް އޮފީސް
ލަންކާ އާއި ރާއްޖޭގެ ވޮލީ މެޗު
އެކުވެރިކަމުގެ ދެވަނަ މެޗުންވެސް ރާއްޖެ ބަލިވެއްޖެ
 
ލަންކާ އަތުން ރާއްޖެ ބަލިވީ ސީދާ ތިން ސެޓުން
 
އެކުވެރިކަމުގެ ފަހު މެޗު ކުޅޭނީ އާދީއްތަ ދުވަހުގެރޭ

މި މަހު ބަންގްލަދޭޝްގައި ފަށާ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ސްރީ ލަންކާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުންވެސް ރާއްޖެ ބަލިވެއްޖެއެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ހުކުރު ދުވަހުގެރޭ ކުޅުނު މެޗުން ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ކުރިން ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުންޗެސް ރާއްޖެ ވަނީ ލަންކާ އަތުން ސީދާ ތިން ސެޓުން ބަލިވެފައެވެ.

ހުކުރު ދުވަހުގެރޭ ކުޅުނު މެޗުގެ ފުރަތަމަ ސެޓުގެ ކުރީކޮޅު ރާއްޖޭން ލީޑުކޮށްގެން ކުޅުނު ނަމަވެސް، ލަންކާއިން ފަހުން ވަނީ ކުޅުން ރަނގަޅުކޮށް ރާއްޖޭން ފޮނުވާލި ގިނަ ޝޮޓުތަކެއް ސަލާމަތްކޮށްފައެވެ. އެއާއެކު ލަންކާއިން މި ސެޓު ގެންދިޔައީ 19-25 އިންނެވެ. އަދި ދެވަނަ ސެޓު ފަށައިގެން ލަންކާއިން ތަފާތު މޮޅު ކުޅުމެއް ދެއްކިއިރު، މި ސެޓުގެ ކުރީކޮޅު ލަންކާއިން ވަނީ ބޮޑު ލީޑެއް ނަގައިފައެވެ. އެހެންނަމަވެސް ސެޓުގެ ފަހުކޮޅު ރާއްޖޭން ފަރަގު ކުޑަކުރިއިރު، ލަންކާއަށް މި ސެޓު ކާމިޔާބުކުރެވުނީ 21-25 އިންނެވެ.

މި މެޗުގެ ތިންވަނަ ސެޓުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މި ސެޓުގައި 15-15 އިން ދެ ޓީމު އެއްވަރުވެފައިވެސް އޮތެވެ. އަދި މި ސެޓުގައި ރާއްޖެއިން ވަނީ ފުރަތަމަ ފަހަރަށް ލަންކާގެ މައްޗަށް 19-18 އިން ލީޑުވެސް ނަގާފައެވެ. އެހެންނަމަވެސް ސެޓުގެ ފަހުކޮޅު ލަންކާއިން ތަފާތު މޮޅު ކުޅުމެއް ދެއްކިއިރު، އެ ޓީމުން މި ސެޓު ގެންދިޔައީ 23-25 އިންނެވެ.

ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތައް ތައްޔާރުވުމުގެ ގޮތުން ރާއްޖެއިން ލަންކާއާ ދެކޮޅަށް އެކުވެރިކަމުގެ ތިން މެޗެއް ކުޅޭއިރު، ފަހު މެޗު ކުޅޭނީ އަންނަ އާދީއްތަ ދުވަހުގެރެއެވެ. މި އަހަރުވެސް ރާއްޖޭން ލަންކާއާ ދެކޮޅަށް އެކުވެރިކަމުގެ ތިން މެޗެއް ކުޅޭއިރު، މީގެ ކުރިން 2019 ވަނަ އަހަރުވެސް ސެންޓްރަލް ޒޯން މުބާރާތުގެ ކުރިން ލަންކާއަށް ދައުވަތުދީގެން މާލޭގައި ވަނީ ތިން މެޗެއް ކުޅެފައެވެ.

މި މަހު ބަންގްލަދޭޝްގައި ބާއްވާ މުބާރާތުގައި ގައުމީ ފިރިހެން ވޮލީ ޓީމުގެ އިތުރުން އަންހެން ޓީމުވެސް ވާދަކުރާނެއެވެ. ފިރިހެން ޓީމުގެ ކޯޗު މުޙައްމަދު ސާޖިދު (ކާއްޓޭ) ގެ އިރުޝާދުގެ ދަށުން 15 ކުޅުންތެރިންގެ ސްކޮޑެއް މިހާރު ފައިނަލް ކޮށްފައިވާއިރު، ސެންޓްރަލް ޒޯން މުބާރާތަށް ދާނީ 12 ކުޅުންތެރިންގެ ސްކޮޑެކެވެ. އެހެންކަމުން މިހާރު އެކުލަވާލި ސްކޮޑުން އަދި ތިން ކުޅުންތެރިއަކު ބާކީވާނެއެވެ. މި މުބާރާތާ ކުރިމަތިލާއިރު، ދާދި ފަހުން ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުގެ ކެޕްޓަނުގެ މަގާމަށް ތަޖުރިބާކާރު ވޮލީ ކުޅުންތެރިޔާ އިސްމާޢީލް ސާޖިދު (ކުޑަކާއްޓޭ) ވަނީ ހަމަޖައްސާފައެވެ.

ލަންކާއާ ދެކޮޅަށް ތިން މެޗެއް ކުޅުމަށްފަހު މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށް ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމުތައް އިންޑިއާގައި ކޭމްޕުކުރާ ގޮތަށް މިހާރު ވަނީ ހަމަޖެހިފައެވެ. މި މަހު ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް ބަންގާޅުގައި ބާއްވާއިރު، ފިރިހެން މުބާރާތުގައި ވާދަކުރާ ގައުމުތަކަކީ ރާއްޖެ އާއި، ނޭޕާލާއި، ސްރީ ލަންކާ އާއި، އުޒްބެކިސްތާން އަދި ބަންގްލަދޭޝެވެ. އަދި އަންހެން މުބާރާތުގައި ރާއްޖެ އާއެކު ވާދަކުރާނީ ކިރްގިސްތާނާއި، ނޭޕާލާއި، އުޒްބެކިސްތާން އަދި ބަންގްލަދޭޝެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
0%
0%
0%
0%
0%
ކޮމެންޓް