މި ސަރުކާރުގެ އެންމެ މުހިއްމު އެއް އަމާޒަކީ ކޮރަޕްޝަން ހުއްޓުވައި، ޖަވާބުދާރީ ކުރެވޭނެ ނިޒާމެއް ޤާއިމު ކުރުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙު ވިދާޅުވެއްޖެއެވެ.
"ސަމިޓް ފޯރ ޑިމޮކްރަސީ" ގައި ދެއްވި ޚިތާބުގައި ރާއްޖޭގެ ޑިމޮކްރަސީއަށް ފާއިތުވި ދުވަސްތަކުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން ރައީސް ފާހަގަ ކުރެއްވިއެވެ. ރައީސް ވިދާޅުވީ، ރާއްޖޭގެ ޑިމޮކްރަސީ އަދިވެސް އޮތީ ޅަފަތުގެ ދައުރުގައި ކަމަށެވެ. އަދި 2018 ވަނަ އަހަރު ބުރަ މަސައްކަތްތަކާއެކު، ޑިމޮކްރަސީއަށް ކުރެވޭ މަސައްކަތްތަކަށް ފަހި މަގެއް ކޮށިފައިވާކަން ރައީސް ފާހަގަ ކުރެއްވިއެވެ.
ރައީސް ވިދާޅުވީ، މި ސަރުކާރުގެ އެންމެ މުހިއްމު އެއް އަމާޒަކީ ކޮރަޕްޝަން ހުއްޓުވައި، ޖަވާބުދާރީ ކުރެވޭނެ ނިޒާމެއް ޤާއިމު ކުރުން ކަމަށެވެ. އެކަމަށްޓަކައި މާލިއްޔަތު ޤަވާއިދަށް އިސްލާޙުތަކެއް ގެނައުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަން ރައީސް ހާމަ ކުރެއްވިއެވެ. އަދި ޤާނޫނީ އޮނިގަނޑުގައި ހުރި ހުސްކަން ބެއްދުމަށް އޭގެ ތެރެއިން މަސައްކަތްތަކެއް ކުރެވިގެންދާނެކަން ރައީސް ފާހަގަ ކުރެއްވިއެވެ. އެކަމުގެ ތެރެއިން "އޯޕަން ގަވަރމަންޓް ޕާޓްނަރޝިޕް" އަކަށް ޝަރުތުހަމަވާ ކްރައިޓީރިއާއަށް ފެތުމަށް އުއްމީދު ކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ވީހާވެސް ދެފުއް ފެންނަ، ޖަވާބުދާރީ ކުރެވޭނެ ގޮތަށް ސަރުކާރު ހިންގަވަން ބޭނުންފުޅުވާކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.
އޭގެ އިތުރުން، ޝަރުއީ ދާއިރާ އިސްލާޙު ކުރުމަށް ކުރެވޭ މަސައްކަތުގައިވެސް ބޭރު ޤައުމުތަކުގެ އެހީއާއެކު މުހިއްމު މަސައްކަތްތަކެއް ކުރެވެމުންދާކަން ރައީސް ފާހަގަ ކުރެއްވިއެވެ. އެގޮތުން ބޭރު ޤައުމުތަކުގެ ބައިވެރިންނާއެކު ކުރެވެމުންދާ މަސައްކަތް އިތުރަށް ފުޅާކޮށް ކުރިއަށް އޮތް ތަނުގައިވެސް އެ މަސައްކަތް ހަރުދަނާ ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ޤައުމު ބިނާ ކުރުމުގައި އަންހެނުންގެ ދައުރަށް އަލިއަޅުވާލައްވާ ރައީސް ވިދާޅުވީ، ތައުލީމީ ދާއިރާގެ 70 އިންސައްތަ ހިއްސާ ކުރަނީ އަންހެނުން ކަމަށެވެ. ރައީސް ވަނީ ކައުންސިލުތަކުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރުމަށް ލާމަރުކަޒީ ޤާނޫނަށް ގެނެސްފައިވާ އިސްލާޙަށްވެސް އަލިއަޅުވާލައްވާފައެވެ.
ރައީސް ވިދާޅުވީ، ޤައުމުތައް ގުޅިގެން ކުރާ މަސައްކަތުން ކާމިޔާބީ ހޯދޭނެކަން ކޮވިޑް-19 ބަލިމަޑުކަމުގެ ތެރެއިން ދަސްވެފައިވާ ކަމަށެވެ. އަދި ވަރުގަދަ ޑިމޮކްރަސީއެއް ޤާއިމު ކުރުމާއި، އިންސާނީ ޙައްޤުތައް ކަށަވަރު ކުރުމުގެ މުހިއްމުކަންވެސް އޭގެ ތެރެއިން ދަސްވެގެން ގޮސްފައިވާކަން ރައީސް ފާހަގަ ކުރެއްވިއެވެ. ކުރިއަށް އޮތް ތަނުގައިވެސް ހުރިހާ ކަމެއްގައިވެސް އެ ރޫހު އާލާ ކުރަން ޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.