ކ. މާލެ
|
10 ޑިސެންބަރ 2021 | ހުކުރު 14:11
ބައިނަލްއަގްވާމީ އެންޓި ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ކޮމިޝަނުގެ ރައީސް މަރިޔަމް ޝިއުނާ ވާހަކަދައްކަވަނީ،
ބައިނަލްއަގްވާމީ އެންޓި ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ކޮމިޝަނުގެ ރައީސް މަރިޔަމް ޝިއުނާ ވާހަކަދައްކަވަނީ،
އޭސީސީ
އެސީސީގެ މަސައްކަތްތައް
އޭސީސީއަށް ނަތީޖާ ނެރެވޭނީ މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެން: ޝިއުނާ
ވަސީލަތްތަކާއި، ނިޒާމީ ބަދަލުތައް ގެންނަން ޖެހޭ
މަސައްކަތްތައް ކުރަމުންދަނީ ވަރަށް ގިނަ ގޮންޖެހުންތަކާއެކު
ދައުލަތަށް އަނބުރާ ހޯދަންޖެހޭ ފައިސާގެ އަދަދު 3.8 ބިލިއަނަށް އަރާ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ނަތީޖާ ނެރެވޭނީ މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެން ކަމަށް އެ ކޮމިޝަނުގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވެއްޖެ އެވެ.

ޝިއުނާ މިމޭރުމުން ވާހަކަ ދައްކަވާފައިވާއިރު، އޭސީސީގެ މެންބަރުން ވަކިކުރަން, މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ވަނީ ނިންމާފައެވެ.

ބުރާސްފަތި ދުވަހުގެ ރޭ ބައިނަލްއަގްވާމީ އެންޓި ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިއުނާ ވިދާޅުވީ އޭސީސީއަށް ނަތީޖާ ނެރެވޭނީ މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެން ކަމަށެވެ. އަދި ހަރުދަނާ ރަނގަޅު ގޮތުގައި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކޮމިޝަން މިނިވަން ތަނެއްގެ ގޮތުގައި ބާއްވަން ޖެހޭ ކަމަށް ޝިއުނާ ވިދާޅުވިއެވެ.

ޝިއުނާ ވިދާޅުވީ އެހެން ބަޔަކު މެމްބަރުކަމާއި ހަވާލުވި ނަމަވެސް އޭސީސީއަށް އެކަށީގެންވާ ނަތީޖާ ނެރެވޭނީ މަސައްކަތްކުރާނެ ޖާގަ ލިބުމާއެކު، ވަސީލަތްތަކާއި، ނިޒާމީ ބަދަލުތައް ގެނެސްގެން ކަމަށެވެ. މިހާރުގެ ހާލަތަށް އިޝާރާތް ކުރައްވައި ޝިއުނާ ވިދާޅުވީ މަސައްކަތްތައް ކުރަމުންދަނީ ވަރަށް ގިނަ ގޮންޖެހުންތަކާއެކު ކަމަށެވެ.

މީގެ އިތުރުން ޝިއުނާ ވިދާޅުވީ ދައުލަތަށް ގެއްލިގެންދާ ފައިސާ ހޯދުމަށް ބުނުމަކީ ވަރަށް ފަސޭހަ ކަމެއް ކަމަށާއި، އަމަލުން ކުރަން ވަރަށް އުނދަގޫ އެހާމެ ވަގުތު ހޭދަވާ ކަމެއް ކަމަށެވެ. އަދި އެކުލަވާލާފައިވާ ނިޒާމުގެ ތެރެއިން ކަންކަން ކުރިއަށް ގެންދާއިރު، ވަގުތު ހޭދަވާނެކަން ދަންނަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭސީސީއަށް ހުށަހެޅިފައިވާ މައްސަލަތަކަށް އަލިއަޅުއްވާލައްވާ ކޮމިޝަންގެ ސެކްރެޓަރީ ޖެެނެރަލް މުހައްމަދު ސަލީމް ވިދާޅުވީ، ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި 5،040 މައްސަލައެއް ބަލައިދިނުމަށް އެދި ހުށަހަޅާފައިވާ ކަމަށެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުން ކޮރަޕްޝަންގެ މައްސަލަތަކުގައި ދައުލަތަށް އަނބުރާ ހޯދަންޖެހޭ ފައިސާގެ އަދަދު 3.8 ބިލިއަނަށް އަރާ ކަމަށާއި، ކޮރަޕްޝަންގެ ސަބަބުން ގެއްލޭ ފައިސާ ވެސް ވަރަށް ގިނަ ކަމަށެވެ.

ސަލީމް ވިދާޅުވީ ރަނގަޅު ނިޒާމެއްގެ ތެރެއިން މަސައްކަތް ކުރެވޭނަމަ ގިނަ އަދަދެއްގެ ފައިސާ ގެއްލިގެން ނުދާނެ ކަމަށެވެ. އަދި މިއީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ސަލީމް ފާހަގަކުރެއްވިއެވެ.

- ކޮމެންޓް