ކ. މާލެ
|
10 ޑިސެންބަރ 2021 | ހުކުރު 00:45
ރާއްޖެ އާއި ލަންކާގެ ވޮލީ ޓީމު ބައްދަލުކުރި މެޗުގެ ތެރެއިން
ރާއްޖެ އާއި ލަންކާގެ ވޮލީ ޓީމު ބައްދަލުކުރި މެޗުގެ ތެރެއިން
ރައީސް އޮފީސް
ލަންކާ އާއި ރާއްޖޭގެ ވޮލީ މެޗު
އެކުވެރިކަމުގެ ފުރަތަމަ މެޗުގައި ލަންކާ އަތުން ރާއްޖެ ބަލިވެއްޖެ
 
ލަންކާ އަތުން ރާއްޖެ ބަލިވީ ސީދާ ތިން ސެޓުން
 
ލަންކާއާ ދެކޮޅަށް ރާއްޖޭން އިތުރު ދެ މެޗެއް ކުޅޭނެ

މި މަހު ބަންގްލަދޭޝްގައި ފަށާ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ސްރީ ލަންކާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ ފުރަތަމަ މެޗުން ރާއްޖެ ބަލިވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މެޗުން ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ. މި މެޗު ބައްލަވާލެއްވުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުވެސް ވަނީ ވަޑައިގެންފައެވެ.

ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުގެ ފުރަތަމަ ސެޓުގައި ރާއްޖެއަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައިނުވާއިރު، މި ސެޓުގައި ރާއްޖޭން ވަނީ ގިނަ ސާވިސްތަކެއް މިސްކޮށްފައެވެ. އެއާއެކު ރޭވުންތެރިކަމާއެކު ކުޅުނު ލަންކާއިން މި ސެޓު ނިންމާލީ 13-25 އިންނެވެ. މި މެޗުގެ ދެވަނަ ސެޓުގެ ކުރީކޮޅު ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މި ސެޓުގެ ކުރީކޮޅު ރާއްޖެއިން ވަނީ ލަންކާއާ ދެ ޕޮއިންޓަށް ކައިރިކޮށްފައެވެ. އެހެންނަމަވެސް ސެޓުގެ ފަހުކޮޅު ލަންކާއިން ވަނީ ފަރަގު ބޮޑުކޮށް ފަސޭހަކަމާއެކު ސެޓު ގެންގޮސްފައެވެ. އެގޮތުން މި ސެޓު ލަންކާއިން ކާމިޔާބުކުރީ 14-25 އިންނެވެ.

މީގެ އިތުރުން މި މެޗުގެ ތިންވަނަ ސެޓު ފަށައިގެން ލަންކާއިން ބޮޑު ލީޑެއް ނެގި ކަމުގައިވީ ނަމަވެސް، ސެޓުގެ ފަހުކޮޅު ރާއްޖެއިން ވަނީ ލަންކާއާ ފަރަގު ކުޑަކޮށްފައެވެ. އެކަމަކު ލަންކާއިން މި ސެޓު ގެންގޮސްފައިވަނީ 25-18 އިންނެވެ.

ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތައް ތައްޔާރުވުމުގެ ގޮތުން ރާއްޖެއިން ލަންކާއާ ދެކޮޅަށް އެކުވެރިކަމުގެ ތިން މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައިވާއިރު، ދެވަނަ މެޗު ކުޅޭނީ ހުކުރު ދުވަހުގެރެއެވެ. އަދި ތިންވަނަ މެޗު ކުޅޭނީ އަންނަ އާދީއްތަ ދުވަހުގެރެއެވެ.

ގައުމީ ޓީމުގެ ކެޕްޓަނަކަށް ހަމަޖެއްސި ކުޑަކާއްޓޭއަށް ރައީސް ޞާލިޙް ޖާޒީ ހަވާލުކުރަނީ - ރައީސް އޮފީސް

މި އަހަރުގެ ސެންޓްރަލް ޒޯން މުބާރާތަށް ތައްޔާރުވުމުގެ ލަންކާއާ ދެކޮޅަށް ރާއްޖޭން އެކުވެރިކަމުގެ ތިން މެޗެއް ކުޅޭއިރު، މީގެ ކުރިން 2019 ވަނަ އަހަރުވެސް މަޚްލޫފުގެ ދައުވަތަކަށް ސެންޓްރަލް ޒޯން މުބާރާތުގެ ކުރިން ލަންކާއަށް ދައުވަތުދީގެން މާލޭގައި ވަނީ ތިން މެޗެއް ކުޅެފައެވެ.

މި މަހު ބަންގްލަދޭޝްގައި ބާއްވާ މުބާރާތުގައި ގައުމީ ފިރިހެން ވޮލީ ޓީމުގެ އިތުރުން އަންހެން ޓީމުވެސް ވާދަކުރާނެއެވެ. ފިރިހެން ޓީމުގެ ކޯޗު މުޙައްމަދު ސާޖިދު (ކާއްޓޭ) ގެ އިރުޝާދުގެ ދަށުން 15 ކުޅުންތެރިންގެ ސްކޮޑެއް މިހާރު ފައިނަލް ކޮށްފައިވާއިރު، ސެންޓްރަލް ޒޯން މުބާރާތަށް ދާނީ 12 ކުޅުންތެރިންގެ ސްކޮޑެކެވެ. އެހެންކަމުން މިހާރު އެކުލަވާލި ސްކޮޑުން އަދި ތިން ކުޅުންތެރިއަކު ބާކީވާނެއެވެ. މި މުބާރާތާ ކުރިމަތިލާއިރު، ދާދި ފަހުން ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުގެ ކެޕްޓަނުގެ މަގާމަށް ތަޖުރިބާކާރު ވޮލީ ކުޅުންތެރިޔާ އިސްމާޢީލް ސާޖިދު (ކުޑަކާއްޓޭ) ވަނީ ހަމަޖައްސާފައެވެ.

ލަންކާއާ ދެކޮޅަށް ތިން މެޗެއް ކުޅުމަށްފަހު މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށް ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމުތައް އިންޑިއާގައި ކޭމްޕުކުރާ ގޮތަށް މިހާރު ވަނީ ހަމަޖެހިފައެވެ. މި މަހު ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް ބަންގާޅުގައި ބާއްވާއިރު، ފިރިހެން މުބާރާތުގައި ވާދަކުރާ ގައުމުތަކަކީ ރާއްޖެ އާއި، ނޭޕާލާއި، ސްރީ ލަންކާ އާއި، އުޒްބެކިސްތާން އަދި ބަންގްލަދޭޝެވެ. އަދި އަންހެން މުބާރާތުގައި ރާއްޖެ އާއެކު ވާދަކުރާނީ ކިރްގިސްތާނާއި، ނޭޕާލާއި، އުޒްބެކިސްތާން އަދި ބަންގްލަދޭޝެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިސްމާޢީލް ޝާހް
100%
0%
0%
0%
0%
0%
ކޮމެންޓް