ކ. މާލެ
|
9 ޑިސެންބަރ 2021 | ބުރާސްފަތި 17:38
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސް އޮފީސް
ޓްރިޕްސް އެއްބަސްވުން
ޕްރޮޓޮކޯލް އެމެންޑިންގ ދަ ޓްރިޕްސް އެގްރީމަންޓް ރާއްޖެއިން ގަބޫލުކުރުމާ ގުޅޭގޮތުން މަޖިލީހަށް ހުށަހަޅަނީ
ވަޒީރުންގެ މަޖިލީހުން މިކަމަށް ލަފާދެއްވާފައިވަނީ 7 ޑިސެންބަރުގައި

ވޯރލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިއު.ޓީ.އޯ)ގެ "ޓްރޭޑް ރިލޭޓެޑް އެސްޕެކްޓްސް އޮފް އިންޓްލެކްޗުއަލް ޕްރޮޕަޓީ ރައިޓްސް (ޓްރިޕްސް) އެއްބަސްވުމަށް ބަދަލު ގެނައުމަށްޓަކައި އެކުލަވާލާފައިވާ ޕްރޮޓޮކޯލް ކަމަށްވާ، "ޕްރޮޓޮކޯލް އެމެންޑިންގ ދަ ޓްރިޕްސް އެގްރީމަންޓް" ދިވެހިރާއްޖެއިން ގަބޫލުކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ބޭނުންވާތީ، މި އެމެންޑްމަންޓުގައި ދިވެހިރާއްޖެއިން ބައިވެރިވުމާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތީން، މި މުޢާހަދާއަށް ގެނެވޭ ބަދަލު، ދިވެހިރާއްޖެއިން ގަބޫލުކުރުމުގެ ކުރިން، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.

ވަޒީރުންގެ މަޖިލީހުން މިކަމަށް ލަފާދެއްވާފައިވަނީ 7 ޑިސެންބަރު 2021ވީ އަންގާރަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ.

ޑަބްލިއު.ޓީ.އޯގެ އެއްބަސްވުންތަކުގެ ތެރޭގައި ހިމެނޭ މުހިންމު އެއްބަސްވުންތަކުގެ ތެރެއިން، "ޓްރޭޑް ރިލޭޓެޑް އެސްޕެކްޓްސް އޮފް އިންޓްލެކްޗުއަލް ޕްރޮޕަޓީ ރައިޓްސް (ޓްރިޕްސް) އެއްބަސްވުމަކީ، މެންބަރު ގައުމުތަކުގެ ފިކުރީ މުދާ ރައްކާތެރިކޮށްދިނުމާ ގުޅޭ ބައިނަލްއަޤްވާމީ މުހިންމު އެއްބަސްވުމެކެވެ.

ޓްރިޕްސްގެ އެއްބަސްވުމަށް ގެނެވުނު އިސްލާހު، "ޕްރޮޓޮކޯލް އެމެންޑިންގ ދަ ޓްރިޕްސް އެގްރީމަންޓް"އަކީ، ޑަބްލިއު.ޓީ.އޯގެ އެއްބަސްވުމަކަށް، އެ ޖަމްޢިއްޔާ އުފެދުނު ފަހުން ގެނެވުނު ފުރަތަމަ އިސްލާހެވެ.

ޓްރިޕްސް އެއްބަސްވުމަށް ގެނެވިފައިވާ އިސްލާހުގެ ސަބަބުން، ގައުމުތަކަށް ދިމާވެފައިވާ ނުވަތަ ދިމާވަމުންދާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި، އެފަދަ ޚާއްސަ ހާލަތްތަކުގައި ބޭނުންވާ ބޭހަކީ، ޕޭޓަންޓްއެއް އެކުލެވޭ ބޭހަކަށްވެފައި، އެ ބޭހެއް އެކަށީގެންވާ އަގެއްގައި، އެކަށީގެންވާ ވަގުތުގައި، ޕޭޓަންޓްގެ ވެރިފަރާތުން ލިބޭނެ އިންތިޒާމް ހަމަނުޖެހިއްޖެނަމަ، ބޭސް އުފެއްދުމުގެ ޤާބިލްކަން ނެތް ގައުމުތަކަށް ފަސޭހަ ގޮތެއްގައި މިފަދަ ބޭސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި، ބޭސް އުފެއްދުމުގެ ޤާބިލްކަން ހުރި ގައުމަކުން، ޕޭޓަންޓް ކޮށްފައިވާ ބޭހެއް، ޕޭޓަންޓުގެ ވެރިފަރާތުގެ ހައްގު ނުގެއްލޭނެ ފަދައިން، ކޮމްޕަލްސަރީ ލައިސެންސެއްގެ ދަށުން އުފައްދައި، ބޭސް ބޭނުންވާ ގައުމަށް ފޯރުކޮށްދިނުމަށް މަގުފަހި ވެގެންދާނެއެވެ.


Advertisement
- ކޮމެންޓް