ކ. މާލެ
|
8 ޑިސެންބަރ 2021 | ބުދަ 15:04
ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ހުޒާންޓޭ އައު ކެޕްޓަނަކަށް ހަމަޖެއްސި ކުޑަކާއްޓޭއާ ޖާޒީ ހަވާލުކުރަނީ
ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ހުޒާންޓޭ އައު ކެޕްޓަނަކަށް ހަމަޖެއްސި ކުޑަކާއްޓޭއާ ޖާޒީ ހަވާލުކުރަނީ
އަދަދު
ކެޕްޓަނަކަށް ކުޑަކާއްޓޭ ހަމަޖެއްސުން
ގައުމީ ވޮލީ ޓީމުގެ ކެޕްޓަނަކަށް ކުޑަކާއްޓޭ
 
ކުޑަކާއްޓޭގެ ކުރިން އެންމެ ފަހުން ކެޕްޓަންކަން ކުރީ ހުޒަންޓޭ
 
ކޭމްޕުގެ ކުރިން ލަންކާއާ ދެކޮޅަށް މާލޭގައި ތިން މެޗެއް ކުޅޭނެ

ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުގެ ކެޕްޓަނުގެ މަގާމަށް ތަޖުރިބާކާރު ވޮލީ ކުޅުންތެރިޔާ އިސްމާޢީލް ސާޖިދު (ކުޑަކާއްޓޭ) ހަމަޖައްސައިފިއެވެ.

ގައުމީ ޓީމުގެ ކެޕްޓަނަކަށް ކުޑަކާއްޓޭ ހަމަޖައްސާފައިވަނީ ބުދަ ދުވަހު ސޯލްޓް ކެފޭގައި ބޭއްވި ޚާއްސަ އިވެންޓެއްގައެވެ. ކުޑަކާއްޓޭގެ ކުރިން އެންމެ ފަހުން ގައުމީ ޓީމުގެ ކެޕްޓަންކަން ކުރީ އަލީ ހުޒާމް (ހުޒަންޓޭ) އެވެ. 2019 ވަނަ އަހަރު އަޙްމަދު އަބްދުލް ކަރީމް (ލޯންގޭ) ގައުމީ ޓީމުން ރިޓަޔާކުރި މެޗުގައި ހުޒާންޓޭއާ ކެޕްޓަންކަން ހަވާލުކުރިއިރު، އޭގެ ކުރިން ކެޕްޓަނަކަށް ހުރީ ލޯންގޭއެވެ.

ގައުމީ ޓީމުގެ ސީނިއާ ކުޅުންތެރިން ކުޅުން ހުއްޓާލުމުގެ ކުރިން އެ ކުޅުންތެރިންނަށް ޓީމު ލީޑުކުރުމުގެ ޒިންމާ އެކި މުބާރާތްތަކުގައި ދިނުމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ހިންގާ ކޮމިޓީން ނިންމާފައިވާއިރު، ކުޑަކާއްޓޭ ކެޕްޓަނަކަށް ހަމަޖެއްސީ މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށް ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ކުރިއަށްދާ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށެވެ.

އެ މުބާރާތުގެ ކުރިން ފަސް ދުވަހުގެ މުއްދަތަކަށް ގައުމީ ވޮލީ ޓީމުތައް އިންޑިއާގައި ކޭމްޕުކުރާއިރު، އެ ކޭމްޕުގެ ކުރިން މި މަހުގެ ތެރޭގައި ރާއްޖޭގެ ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުން މާލޭގައި ސްރީ ލަންކާގެ ގައުމީ ވޮލީބޯޅަ ޓީމާ ދެކޮޅަށް ތިން މެޗެއް ކުޅޭނެއެވެ.

އެ މެޗުތައް ކުޅުމަށް ބުދަ ދުވަހު ލަންކާ ޓީމު ރާއްޖެ އައިސްފައިވާއިރު، މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހު 9 އާއި، 10 އަދި 12 ވަނަ ދުވަހުއެވެ. އަދި ބުރާސްފަތި ދުވަހު ކުޅޭ މެޗުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވީއޭއެމުން މައުލޫމާތުދެއެވެ.

ބުދަ ދުވަހު ބޭއްވި އިވެންޓްގައި ވާހަކަ ދައްކަވަމުން ވީއޭއެމުގެ ރައީސް މުޙައްމަދު ރަނޭޝް (ރަނޭ) ވިދާޅުވީ މިހާރު އޮތް ލަންކާ ޓީމާއި ރާއްޖޭގެ ޓީމުންވެސް ތަފާތުތަކެއް ފެންނަ ކަމަށާއި، އެގޮތުން ދެ ޓީމުގައިވެސް ޒުވާން ކުޅުންތެރިން ހިމެނޭ ކަމަށެވެ. އެހެންކަމުން މި މެޗުތަކަކީ ވަރަށް ވާދަވެރިކޮށް ކުޅެލެވޭނެ މެޗުތަކެއް ކަމަށް ރަނޭ ވަނީ ވިދާޅުވެފައެވެ. އަދި ވަނީ މި މެޗުތަކުގައި ގައުމީ ޓީމުގެ ކުޅުންތެރިން ޑިސިޕްލިން ހިފަަހައްޓައިގެން ރަނގަޅު ކުޅުމެއް ދެއްކުމަށް އެދިވަޑައިގެންފައެވެ.

ސެންޓްރަލް ޒޯން މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ލަންކާއާ ދެކޮޅަށް ރާއްޖޭން އެކުވެރިކަމުގެ ތިން މެޗެއް ކުޅޭއިރު، މީގެ ކުރިން 2019 ވަނަ އަހަރުވެސް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފުގެ ދައުވަތަކަށް ސެންޓްރަލް ޒޯން މުބާރާތުގެ ކުރިން ލަންކާއަށް ދައުވަތުދީގެން މާލޭގައި ވަނީ ތިން މެޗެއް ކުޅެފައެވެ.

މި މަހު ބަންގްލަދޭޝްގައި ބާއްވާ މުބާރާތުގައި ގައުމީ ފިރިހެން ވޮލީ ޓީމުގެ އިތުރުން އަންހެން ޓީމުވެސް ވާދަކުރާނެއެވެ. ފިރިހެން ޓީމުގެ ކޯޗު މުޙައްމަދު ސާޖިދު (ކާއްޓޭ) ގެ އިރުޝާދުގެ ދަށުން 15 ކުޅުންތެރިންގެ ސްކޮޑެއް މިހާރު ފައިނަލް ކޮށްފައިވާއިރު، ސެންޓްރަލް ޒޯން މުބާރާތަށް ދާނީ 12 ކުޅުންތެރިންގެ ސްކޮޑެކެވެ. އެހެންކަމުން މިހާރު އެކުލަވާލި ސްކޮޑުން އަދި ތިން ކުޅުންތެރިއަކު ބާކީވާނެއެވެ.

މި މަހު ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް ބަންގާޅުގައި ބާއްވާއިރު، ފިރިހެން މުބާރާތުގައި ވާދަކުރާ ގައުމުތަކަކީ ރާއްޖެ އާއި، ނޭޕާލާއި، ސްރީ ލަންކާ އާއި، އުޒްބެކިސްތާން އަދި ބަންގްލަދޭޝެވެ. އަދި އަންހެން މުބާރާތުގައި ރާއްޖެ އާއެކު ވާދަކުރާނީ ކިރްގިސްތާނާއި، ނޭޕާލާއި، އުޒްބެކިސްތާން އަދި ބަންގްލަދޭޝެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
50%
50%
0%
0%
0%
0%
ކޮމެންޓް